ads
އަޒާން މުހައްމަދު ވަހީދް
ކިޑްނީ ބައްޔާ ހަނގުރާމަކުރާ، ހަ އަހަރުގެ އަޒާން އެދެނީ އެހީ އަކަށް
އަލަތު ދަރިފުޅު ދުނިޔެއަށް އަންނަނީ އެތައް ފޮނި އުންމީދުތަކަކާ އެކުގައެވެ. އުފާވެރި ހުވަފެންތަކަކާ އެކުގަ އެވެ. އެ ދަރިފުޅަށް ކުޑަވެސް ގެއްލުމެއް ލިބުމަކީ މައިންބަފައިންގެ ހިތަށް ކެތްވާނެ ކަމެއް ނޫނެވެ. ނަމަވެސް ހދ. ނޭކުރަންދޫއަށް ނިސްބަތްވާ މުހައްމަދު ވަހީދު އަދި އެ އަތޮޅު ކުރިނބީއަށް ނިސްބަތްވާ އޭނާގެ އަނބިމީހާ މަރިޔަމް ފަރުޒާންއަށް ލިބުނު ފުރަތަަމަ ދަރިފުޅު އަޒާންގެ ވޭނާއި ކެކުޅުން ތަޖުރިބާ ކުރަން ޖެހުނީ ލޯކުރިމަތީގަ އެވެ. އެ ދެމަފިރިން ރޮއްވާފަ އެވެ.

އަޒާންގެ ބައްޕަ މުހައްމަދު ވަހީދު ސީއެންއެމްއަށް މައުލޫމާތު ދެމުން އެ ވޭނުން ފުރިގެންވި ހާދިސާ ކިޔައިދިނެވެ. 

އެއީ އަޒާންގެ އުމުރުން އެންމެ ދެ އަހަރުގަ އެވެ. ކުޑަ ކުޑަ އަޒާން ގޮވައިގެން ދިރިއުޅުން އާރާސްތު ކުރުމަށް މަރިޔަމް ފަރުޒާން ދިރިއުޅެމުން ދިޔައީ ހދ. ކުރިނބީގަ އެވެ. ތުއްތު ތުއްތު އަޒާންގެ ލޯ ކައިރި ދުޅަވުމުގެ ސަބަބުން ދަރިފުޅަށް ލުޔެއް ހޯދައިދިމުނަށް އަވަހަށް ކުޅުދުފުއްޓަށް ދިޔަ އެވެ. ނަމަވެސް ލޮލަށް އެއްޗެއް ވެއްޓުނު ކަމަށް ޑޮކްޓަރު ލަފާކުރުމަށް ފަހު ލޮލަށް އަޅަން ބޭސް ދިނުމަށްފަހު ގެއަށް ދޫކޮށްލި އެވެ.

ނަމަވެސް އެއްވެސް ފަރުވާއެއް ނުލިބި ދަރިފުޅުގެ ލޯމަތި ދިޔައީ އިތުރަށް ދުޅަވަމުންނެވެ. އަނެއްކާވެސް ފަރުވާއެއް ލިބޭތޯ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދަރިފުޅު ގޮވައިގެން ދިޔައެވެ. ނަމަވެސް އެމީހުން ދިނީ ހަމަ ކުރިންވެސް ދިން ޖަވާބެވެ.

ލޯމަތި ދުޅަވެ އެއްވެސް ފަރުވާއެއް ނުލިބި އުޅެނިކޮށް ދެން އަޒާންގެ ބަނޑު ފުއްޕަން ފެށި އެވެ. އަދި މުޅިގައި އެއްކޮށް ދުޅަވި އެވެ. ކުޅިދުއްފުށީ ހޮސްޕިޓަލުން ފަރުވާއެއް ނުލިބުމުން އެ ހޮސްޕިޓަލުން މާލެ ދިޔުމަށް ލަފާދިނެވެ. އަދި ދަރިފުޅުގެ ރިހުމަށް ހައްލެއް ހޯދައިދިނުމަށް ދެން އެދެމަފިރިން މާލެ އައެވެ.

މާލެ އައިސް އަޒާން ފުރަތަމަ ދެއްކީ އޭޑީކޭއަށް ކަމަށް އޭނާގެ ބައްޕަ މުހައްމަދު ވަހީދު ބުންޏެވެ. އަދި އެ ހޮސްޕިޓަލުން ޓެސްޓުތަކެއް ހެދިއެވެ. އެހާ ހިސާބުން ދަރިފުޅުގެ ކިޑްނީގައި މައްސަލަ ހުރިކަން އެ ދެމަފިރިންނަށް އެނގިގެން ދިޔައެވެ. އަދި އޭޑީކޭ އިން އަޒާންގެ ކިޑްނީ ބައްޔަށް ތިން މަސް ދުވަހުގެ ބޭސް ދިނުމަށް ފަހު ދޫކޮށްލި އެވެ.

އޭގެ ފަހުން އަނެއްކާ ދިރިއުޅެމުން އައި ރަށަށް އެ ދެމަފިރިން އަނބުރާ ދިޔައެވެ. ދަރިފުޅުގެ ބަލިމަޑުކަމަށް ހައްލެއް ލިބިއްޖެ ކަމުގެ އުންމީދުގައެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ދަރިފުޅުގެ ހާލަތު ކުރިއަށް ވުރެ މާ ބޮޑުވި އެވެ. އެއީ ބޭސް ނަގަމުން ދަނިކޮށް ކަމަށް ވެސް އަޒާންގެ ބައްޕަ ފާހަގަކުރިއެވެ.

އަވަހަށް ދަރިފުޅު ގޮވައިގެން އެމެޖެންސީގައި އެމީހުން މާލެ އައެވެ. އައިޖީއެމްއެޗް އަށެވެ. އަދި އަނެއްކާވެސް ފަރުވާދޭން ފެށުނެވެ. އަދި ޓެސްޓުތަކެއް ހަދާ، ކިޑްނީގެ ބައްޔައް ފަރުވާ ދިނުމުގެ މަސައްކަތް ފެށުނެވެ. ނަމަވެސް ދަރިފުޅަށް ފަރުވާ ދިނުމަށް ބޭރަށް ދާން އާއިލާއިން އާސަންދައަށް އެދުމުން، ރާއްޖެއިން ފަރުވާ ކުރެވޭ ބައްޔެއް ކަމަށް ބުނެ އާސަންދަ ލިބޭ ގޮތް ވަނީ ނުވެފައެވެ. އާސަންދައަކީ ޑޮކްޓަރުންގެ ލިޔުމާއެކު ލިބޭ ހިދުމަތަކަށް ވާއިރު، އަޒާންގެ ފަރުވާއަށް ބޭރަށް ދިއުމަށް އާސަންދައިގެ ހިދުމަތަށް އެދުމަށް ޑޮކްޓަރުންވެސް ލިޔުން ނުދިން ކަމަށާއި، ލިޔުން ނުދިނީ އަޒާންއަށް ޖެހިފައިވާ ބައްޔަކީ ރާއްޖެއިން ފަރުވާ ކުރެވޭ ބައްޔެއް ކަމަށް ބުނެ ކަމަށް އަޒާންގެ ބައްޕަ ކިޔައިދިނެވެ.

އަޒާންއަށް އަވަސް ފަރުވާއެއް ހޯދައިދިނުމަށް އާއިލާއިން ވަރަށް ގިނަ ތަންތަނަށް ދިޔަ ކަމަށާއި، ނަމަވެސް އާސަންދައިގެ ލިޔުން ޑޮކްޓަރުން ނުދެއްވާތީ އެއްވެސް ފަރާތަކުން އެހީ ނުލިބުނު ކަމަށް އަޒާންގެ ބައްޕަ ބުންޏެވެ.

ނަމަވެސް ހިތްވަރު އެލުވާނުލާ އަޒާންއަށް ފަރުވާ ހޯދައިދިނުމަށް އެހީގެ މަސައްކަތް މިއަދާ ހަމައަށް ކުރަމުން އަންނަ ކަމަށްވެސް މުހައްމަދު ވަހީދު ފާހަގަކުރިއެވެ.

ކުރިން އެއް ކިޑްނީގައި މައްސަލަ ހުރި ނަމަވެސް މިހާރު އަޒާންގެ ދެ ކިޑްނީއަށް ވެސް ހުރީ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި ކަމަށާއި، އޭގެ ތެރެއިން އެއް ކިޑްނީ މިހާރު ވަނީ ފެއިލްވެފައި ކަމަށް ވެސް ވަހީދު މައުލޫމާތު ދިނެވެ.

"ދަރިފުޅުގެ ހަލާތު ބޮޑަށް ގޯސްވީ ރާއްޖެއިން ދިން ބޭސްތަކުން،" - އަޒާންގެ ބައްޕަ

އަޒާންގެ ހާލަތު ގޯސްވެ، އެއް ކިޑްނީ ފެއިލުވުމުން އެންމެ ފަހުން ޑޮކްޓަރުން އާސަންދަ ދިނުމުން 2016 ވަނަ އަހަރު ރާއްޖެއިން ބޭރަށް އިންޑިއާއަށް ދިޔައެވެ. އަދި ބޭރުން އަޒާންއަށް ފަރުވާ ދިނުމަށް ފަހު ހާލަތު ކުރިއަށް ވުރެ ރަނގަޅުވި ކަމަށާއި އަދި ރާއްޖެއިން ފެއިލްވި ކަމަށް ބުނި ކިޑްނީ ފެއިލް ނުވާ ކަމަށާއި، ނަމަވެސް ހިނގުން ހުއްޓިފައި ހުރި ކަމަށް އިންޑިއާއިން ބުނި ކަމަށް އަޒާންގެ ބައްޕަ ކިޔައިދިނެވެ. އަދި އަނެއް ކިޑްނީގެ ހާލަތު ވަރަށް ދައްކޮށް ހުރި ކަމަށް ވެސް އިންޑިއާގެ ޑޮކްޓަރުން ބުނި ކަމަށް އަޒާންގެ ބައްޕަ ބުންޏެވެ.

ދެމަސް ދުވަހު އިންޑިއާގައި ފަރުވާދިން އިރު، އަޒާންގެ ދެ ކިޑްނީ އެއް ލެވަލަކަށް މަސައްކަތް ކުރުމަށް ގެނެވުނު ކަމަށާއި، ހާލަތު ރަނގަޅުވާން ފެށުމުން އަނބުރާ ރާއްޖެ އައީ ކަމަށް އަޒާންގެ ބައްޕަ ބުންޏެވެ.

ނަމަވެސް އަނެއްކާ ހާލަތު ގޯސްވާން ފެށުމުން، ކުޅުދުއްފުށީ ހޮސްޕިޓަލުން އެމެޖެންސީކޮށް މާލެ ފޮނުވިއެވެ. އަދި އަޒާން އައިޖީއެމްއެޗްގައި 10 ދުވަހު އެޑްމިޓުކޮށްފައި ބޭއްވިއެވެ. އަދި ކިޑްނީއަށް ބޭނުންވާ މާއްދާތަށް ދިނުމުގެ ފަރުވާ ދިން ކަމަށް އަޒާންގެ ބައްޕަ ބުންޏެވެ. އެއީ އަބަދުވެސް މިކޮޅުންދޭ ފަ ރުވާއެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

މިއަހަރު އަޒާން ހެދި ޓެސްޓުތަކުގެ ނަތީޖާއިން އަޒާންގެ ކިޑްނީގެ ހާލަތު ވަނީ ވަރަށް ގޯސްވެފައި ކަމަށާއި، ކިޑްނީގެ ލެވަލް ހުރީ ވަރަށް ދަށްވެފައި ކަމަށް އޭނާގެ ބައްޕަ ބުންޏެވެ. އަދި މިހާރު ހުރި ވަރަށް ވުރެ ކިޑްނީގެ ހާލަތު ވަނީ ދެރަވެފައި ކަމަށާއި، އަޒާންގެ އެއް ކިޑްނީ ބަދަލު ކުރުމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އަޒާންގެ ބައްޕަ ބުންޏެވެ. 

އެހެންކަމުން އަޒާން ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔުމަށް މިހާރު މަސައްކަތް ކު ރަމުންދާ ކަމަށާއި، އާސަންދައަށް ވެސް އެދިފައި ވާނެ ކަމަށް އަޒާންގެ ބައްޕަ ބުންޏެވެ.

އަޒާންގެ ބައްޕަ މުހައްމަދު ވަހީދު ބުނި ގޮތުގައި މަހަކު އެއްފަހަރު އަޒާން ޑޮކްޓަރަށް ދެއްކުމަށް ރަށުން މާލެ އަންނަން ޖެހެ އެވެ. އަދި ރަށުކޮޅުން ހަފްތާއަކު އެއްފަހަރު ޔޫރިން ޓެސްޓް ހަދަންޖެހެ އެވެ.

އާއިލާގައި މާލީ ގޮތުން ތަނަވަސް އެއްވެސް މީހަކު ނެތް ކަމަށާއި، އެވަރުގެ ތަނަވަސްކަން ނެތުމުން އަޒާންއަށް ފުރިހަމަ ފަރުވާ ދިނުމަށް މާލޭގައި ހުރުމަށް ވަރަށް ދަތިކަަމަށް ވެސް އޭނާ ބުންޏެވެ.

އެހެންކަމުން ތުއްތު އަޒާންއަށް އަވަސް ޝިފާއެއް ހޯދުމަށް ދީލަތި އެހީއެއް ދެއްވުމަކީ އާއިލާގެ އެދުމެކެވެ.

އެކައުންޓު ނަންބަރު: 7730000036586

މުހައްމަދު ވަހީދު (އަޒާންގެ ބައްޕަ) އިތުރު މައުލޫމާތު ހޯދުމަށް: 9705056

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް