ads
ހައި ކޯޓު
އަންހެނުންނަށް ގޮނޑި ހާއްސަކުރާ މައްސަލައިގެ ހުކުމް އާދިއްތަ ދުވަހު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް 33 އިންސައްތަ ގޮނޑި ހާއްސަކުރަން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މި އިސްލާހު ބާތިލުކުރުމަށް އެދި މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. 

މި މައްސަލައިގެ ހުކުމް އިއްވަން ހަމަޖައްސާ، ހައިކޯޓުން މޫސާ އަންވަރަށް ފޮނުވި ޗިޓުގައި، މި މައްސަލައިގެ ހުކުމް އިއްވުން ތާވަލު ކޮށްފައިވަނީ މިމަހު 24 ވާ އާދިއްތަ ދުވަހުގެ 13:45 ކަމަށް ބުނެފައިވެއެވެ. މި އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންނަށް 33 އިންސައްތަ ހާއްސަ ކުރަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ 2019 ވަނަ އަހަރުގައެވެ. މޫސާ އަންވަރު މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅި ސުޕްރީމް ކޯޓަށެވެ. ނަމަވެސް މި މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް ބުނެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލުމުން ދެން މި މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލައިގެ ހައިކޯޓުގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް