ads
ވީޑިއޯ ރިޕޯޓް-
ކޮވިޑް ވެކްސިން: މައްސަލައަކަށް ވީ އިންޑިއާއިން ގެނައީމަތަ؟
އަވަށްޓެރި އިންޑިއާއިން އެކި ގައުމުތަކަށް ފޮނުވާ ކޮވިޑް ވެކްސިންގެ ތެރެއިން ރާއްޖެއަށް ފޮނުވި ފުރަތަމަ ޝިޕްމަންޓް ލިބުނީ ބުދަ ދުވަހު އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުން އެކި ހިޔާލު ފާޅުކުރަމުން އަންނައިރު، ގިނަ ބަޔަކު ވަނީ އިންޑިޔާގެ ކޮވިޑު ވެކްސިނެއް ދިވެހިންގެ ގަޔަށް ޖެހުމަށް ދެކޮޅު ހެދުމަށް ވެސް ގޮވާލާފަ އެވެ. ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން މިފަދަ ކަމަކަށް ބަޔަކު ގޮވާލަނީ ކީއްވެތޯ މިއީ ކުރަން ޖެހޭ ބޮޑު ސުވާލެކެވެ.

ކޮވިޑް 19 ދުނިޔެއިން 2019 ވަނަ އަހަރު ފެނުނު ނަމަވެސް، މި ބަލިމަޑުކަން ދިވެހިންނާއި ހަމައަށް އައީ 2020 ވަނަ އަހަރު އެވެ. މި ބަލިމަޑުކަމުގައި މުޅި ދުނިޔެ އުޅޭތާ އަހަރެއް ވާއިރު، ދުނިޔޭގެ އެކި ކުންފުނިތަކުން ކޮވިޑް ވެކްސިނެއް އުފެއްދިކަމީ، ބަލިމަޑުކަމުން ސަލާމަތްވުމަށް ފެނުނު އަލިމަގެއްކަމީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ.

އަހަރެއްހާ ދުވަހުގެ މަސައްކަތުން ދުނިޔޭގެ އެކި ކަންކޮޅުގެ ސައިންސްވެރިން ވަނީ ވެކްސިންގެ އެކި ފޯމިއުލާތައް ތައްޔާރުކޮށްފަ އެވެ. އަދި ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތަކުގައި މިދިޔަ އަހަރު ވަނީ މި ވެކްސިން ޖަހަން ފަށާފަ އެވެ. 

އިންޑިއާގައި ވެސް މިމަހު ވެކްސިން ޖަހަން ފަށާފައިވާއިރު، އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ބުދަ ދުވަހު ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް ހަދިޔާކޮށްފަ އެވެ. ގައިމުވެސް މިއީ އުވާފެރި ހަބަރެކެވެ. ހާއްސަކޮށް ރާއްޖޭގައި ކޮވިޑު ބައްޔަށް ކުރަމުން އަންނަ ހަނގުރާމައިގެ ކުރީ ސަފުގައި ތިބި ސިއްހީ ހިދުމަތްތެރިންނަށެވެ. ވެކްސިން ލިބުން ވެގެންދާނީ އަހަރެމެންގެ ރައްކާތެރިކަމުގެ ސަމުގާގައި ތިބި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ލިބޭ ފުރުސަތަކަށެވެ.

ނަމަވެސް ކޮވިޑްގެ މި ބަލިމަޑުކަމުގައި ސިޔާސީ ވިސްނުމާއި ސިޔާސީ ކޯޅުން ފަހަތަށް ޖައްސާ، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކުރިއަށް ނެރޭނެ ކަމަށް ކުރި އުއްމީދުވީ ބިލާހަކަށެވެ. އެތައް ބަޔަކު އަންނަނީ މި ވެކްސިން ނުހެޖުމަށް އެދި ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. މި ވެކްސިނަކީ އިންޑިއާގެ އުފެއްދުމެއް ކަމަށާއި، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ބުނެ ވެކްސިން ނުޖެހުމަށް ހިތްވަރު ދެމުން އަންނަ މީހުން ހީނުކުރާހާ ގިނަ އެވެ.

މި މައްސަލައިގައި އެކި މީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތައް ކިޔާލިއިރު، ފެނުނީ ހިތްދަތި މަންޒަރެކެވެ. ރަނގަޅަށް މައުލޫމާތު ނޭނގި، ނުރަނގަޅު މައުލޫމާތު ފަތުރާ މަންޒަރެވެ. ގިނަ ބައެއްގެ ވާހަކައިން ހީވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިނަކީ، އެ ވެކްސިން ޓެސްޓު ކުރުމަށް ދިވެހިންގެ ގަޔަށް ވެކްސިން ޖެހުމަށް ފޮނުވި ވެކްސިންތަކެއް ހެނެވެ. ބައެއް މީހުންގެ ވާހަކަތަކުން މި ވެކްސިނަކީ އިންޑިއާގައި އުފެއްދި ވެކްސިނެއް ކަމަށް ވުމުން މިއީ ޖެހުން ރަނގަޅު ވެކްސިނެއް ނޫން ކަމަށް ދޭހަވެގެން ދިޔަ އެވެ.

މި ހާލަތުގައި އިތުރު ވާހަކައެއް ނުދައްކާ، ވެކްސިނާއި ގުޅިގެން އެޗްޕީއޭގެ ބަހެއް ސާފުކޮށްލުން މުހިއްމެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މިކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެވެ. އެގޮތުން ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ދިނުމަށް ނިންމާފައިވާ ކޮވިޝީލްޑް ވެކްސިނަކީ ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގައި ހިމެނޭ އެއް ވެކްސިން ކަމަށެވެ. އަދި މި ވެކްސިނަކީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ހެދި ވެކްސިނެއްކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ.

މިއާއެކު ބަޔަކު ދައްކާ، ޑަބްލިއުއެޗްއޯއިން އެޕްރޫވްކޮށްފައިވާ ވެކްސިނެއް ނޫން އިތުރު ވެކްސިނެެއް ރާއްޖޭގައި ނުޖެހުމަށް ބުނާ ވާހަކައަށް ނަޒަރެއް ދިނުން މުހިއްމު ކަމަށް ފާހަގަކުރެވެ އެވެ. ގައިމުވެސް މި ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް ނުފެންނަ ނަމަ ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގައި އެ ޖަމިއްޔާއިން މި ވެކްސިން ނުހިމަނާނެ އެވެ. އަދި އިނގިރޭސިވިލާތް ފަދަ ސިއްހީ ދާއިރާ ކުރިއަރާފައިވާ ގައުމެއްގައި މި ވެކްސިން ދިނުމަށް އެޕްރޫވަލެއް ނުދިނީސް އެވެެ.

ގަބޫލުކުރަންވީ ކޮވިޑްގެ ބަލިމަޑުކަން އަދިވެސް އޮތް ކަމަށެވެ. އަދި މިކަމުން އަވަހަށް ސަލާމަތްވެވެން ނެތް ކަމެވެ. މި ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތެއް ކުރެވެން އޮތީ ވެކްސިނާއެކު އެވެ. ކޮވިޑްގެ ވެކްސިން ތައްޔާރުކޮށްފައިވަނީ ވީ އެންމެ ރައްކާތެރިކޮށް، ވީ އެންމެ އަވަހަކަށް ވެކްސިން އުފެއްދުމަށް ސައިންސުވެރިން ކުރި މަސައްކަތުންނެވެ. ގައިމު މިއީ ރައްކާތެރި ވެކްސިނެއް ނޫން ނަމަ، މި ވެކްސިން އާންމުންނަށް ޖެހުމަށް ދުލެއް ނުކުރާނެ އެވެ. އަދި ވެކްސިން ޖެހުމަށް ސިއްހީ ހިދުމަތްތެރިން ލަފައެއް ނުދޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް