ads
ގައްސާން ހިއްސާކޮށްފައިވާ ފޮޓޯއެއް
ރައީސް ޔާމީން 2023 ގައި އިންތިހާބުކޮށް ވެރިކަމަށް ގެންނާނަން: ގައްސާން
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުންދޭ އެއްވެސް ނުހައްގު އަނިޔާއަކުން ހިތްވަރަށް ގުޑުމެއް ނާންނާނެ ކަމަށާއި، 2023 ގައި ރައީސް ޔާމީން އަލުން އިންތިހާބުކޮށް ވެރިކަމަށް ގެންނާނަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.

"ފްރީ ރައީސް ޔާމީން" ހޭޝް ޓެގާއިއެކު ގައްސާން އަދި ރައީސް ޔާމީންގެ ފޮޓޯއެއް ހިއްސާކުރައްވާ ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންއަށް ދެވޭ ނުހައްގު އަނިޔާ އަކުން އެމަނިކުފާނުގެ އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރެއް އެލުވާ ނުލެވޭނެ ކަމަށެވެ.

އަދި އަޒުމެއްވެސް ގުޑުވައިނުލެވޭނެކަން ފާހަގަކުރައްވާ ގައްސާން ވިދާޅުވީ، "އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ޖަލުން މިންޖުކޮށް އެމަނިކުފާނު 2023 ގައި އިންތިހާބުކޮށް ވެެރިކަމަށް ގެންނާނަން" ކަމަށެވެ.

ގައްސާން އެހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ނިންމާ، ހައިކޯޓުން އިއްޔެ ހުކުމްކޮށް އަނެއްކާވެސް ޖަލަަށް ރައީސް ޔާމީން ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. 

ބުރާސްފަތި ދުވަހު ހައިކޯޓުގެ ޝަރީއަތުގައި، ކްރިމިނަލް ކޯޓުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ނިންމާފައިވަނީ ޝަރީއަތުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެގޮތުން އިސްފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒު ޝަރީއަތުގައި ވާހަކަ ދެއްކެވުމަށްފަހު ވިދާޅުވީ، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރިހުކުމް ދަމަހައްޓަން ތާއީދު ކުރާ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގެ ޝަރީއަތުގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔު ވަރަށް ބޮޑަށް ތަފާތުވިއިރު، ރައީސް ޔާމީން އަމިއްލަފުޅަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދަވައި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމުން އެމަނިކުފާނުގެ ނުބައި ނިޔަތެއް އެކަމުގައި ނެތްކަން އެނގޭކަމަށެވެ.  އަދި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށައެޅި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބް އަބްދުލްގަފުރާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެ ޖާގައެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.  

ރައީސް ޔާމީންގެ މައްޗައް އިއްވި އެ ހުކުމް އިދިކޮޅުން މިހާރުބ އަންނަނީ އަނެއްކާވެސް ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ތައްޔާރުވަމުންނެވެ. 

މަނީ ލޯންޑާ ކުރި ކަމަށް ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް މިލިއަން ޑިލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު 29 ގައެވެ. ކްރިމިނަލް ކޯޓުގައި މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

ރައީސް ޔާމީނަށް ދައުވާ ކޮށްފައި ވަނީ އެމްއެމްޕީއާރްސީ އިން ގއ. ވޮޑުމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އަދި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ ފައިސާގެ މައްސަލައިގައި އޭސީސީން ވަނީ އެ މައްސަލަ އޭސީސީން ބަލާ ނިމެންދެން އެސްކްރޯ އެކައުންޓެއް ހަދާ އެ އެކައުންޓުގައި ފައިސާ ބެހެއްޓުމަށް ރައީސް ޔާމީނާއި އެކު އެއްބަސްވުމެއް ހަދާފަ އެވެ. އަދި އެ އެއްބަސްވުމުގައި ވަނީ ރައިސް ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެ އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން އެ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހޯއްދަވައިދެއްވި އެއް މިލިއަން ޑޮލަރެވެ.

އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ އެހެން ފައިސާއެއްކަން އެނގުނީ އެމްއެމްއޭގެ އެފްއައިޔޫއިން އެކަން އޭސީސީގެ ސަމާލުކަމަށް ގެނައުމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް