ads
ކްލިކް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް
ބަންގްލަދޭޝްގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިން ކުރި އިއުލާނުގައި ވަނީ 19 ޖެނުއަރީގެ ކުރިން އެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. އެހެންނަމަވެސް އެ މުއްދަތު މިހާރު މިވަނީ އެކެއް ފެބްރުއަރީގެ 10:30 އާ ހަމައަށް އިތުރުކޮށްފަ އެވެ.

އެ ސްކޮލާޝިޕްތަކަކީ ބަންގްލަދޭޝްގައި ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. އޭގެ ދަށުން ފަސް އެމްބީބީއެސް އާއި އެއް ބީޑީއެސްއަށް ކިޔެވުމަށް ލިބޭނެ އެވެ. 

އެ ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ / އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ. އެ މާއްދާތަކުގެ ތެރޭގައި ކެމިސްޓްރީ، ބައޮލޮޖީ، އަދި ފިޒިކްސް ހިމެނެން ޖެހެ އެވެ. އަދި ޖީސީއީ އޭ ލެވެލް ތިން މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައި އޮންނަން ޖެހޭއިރު އެ މާއްދާތަކުގެ ތެރޭގައި ކެމިސްޓްރީ، ބައޮލޮޖީ، އަދި ފިޒިކްސް ހިމެނެން ޖެހެ އެވެ. 

އޭގެ އިތުރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ވެސް ފުރިހަމަވާން ޖެހެ އެވެ. 

ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާ ނަމަ އެންމެ ފަހުގެ އެހީއަށް ފަހު، ރާއްޖެއަށް ހިދުމަތްކޮށްފައިވުން ހިމެނެ އެވެ. އޭގެ ތެރޭގައި ފުލް ސްކޮލަޝިޕެއް ނަމަ މަދުވެގެން ދެ އަހަރު އަދި ޕާޝަލް ސްކޮލަޝިޕެއް ނަމަ މަދުވެގެން އެއް އަހަރާއި ބައި އަދި ލޯނު އެހީއެއް ނަމަ މަދުވެގެން އެއް އަހަރު ހިދުމަތް ކުރުން ހިމެނެ އެވެ. މިނިސްޓްރީން ބުނީ ލޯނެއް ނަގާފައިވާ ފަރާތެއް ނަަމަ އެ ލޯނު އަނބުރާ ދައްކާފައިވާ ފަރާތަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޮލާޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލާޝިޕްދޭ ފަރާތުން ކަމަށާއި ސްކޮލާޝިޕްގެ ހުރިހާ ހަރަދެއް ހަމަޖައްސަން ޖެހެނީ ދަރިވަރު އަމިއްލައަށް ކަމަށެވެ. އަދި ސްކޮލާޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ ތެރެއިން ނޮމިނޭޓުވާ ދަރިވަރުން އެ މިނިސްޓްރީއިން ނޮމިނޭޓުވާކަން އެންގުމުން، އެޕްލިކޭޝަން ފީގެ ގޮތުގައި 70 އެމެރިކާ ޑޮލަރު އެ ސްކޮލާޝިޕް ދޭ ފަރާތުން ކަނޑައަޅާފައިވާ ބޭންކް އެކައުންޓަށް ޓްރާންސްފާކޮށް މިނިސްޓްރީއަށް އަންގަން ޖެހެ އެވެ. 

ހަޔާ އެޑިއުކޭޝަނުން ބުނީ އެ ސްކީމްގެ ދަށުން ފުރުސަތު ލިބޭ ދަރިވަރުންގެ ކޯސް ފީ ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ދަރިވަރުންނާ އެއް ރޭޓަކުން ކަމަށެވެ. އެ ސްކީމްގެ ދަށުން ކޯސް ފުރިހަމަ ކުރެވޭނެ ޔުނިވާސިޓީ އާއި ކޮލެޖްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ހިމަނާފައިވާއިރު އެ ސްކޮލާޝިޕްތަކާއި ގުޅިގެން ކޯހަށް ހުށަހަޅާ ކޮންމެ ކެންޑިޑޭޓަކު ވެސް ހުށަހަޅަން ޖެހެނީ އެންމެ ކޯހަކަށެވެ.

އޭގެ އިތުރުން ސްޓޫޑެންޓް ލޯނު ސްކީމަކަށް ނުވަތަ އެހެން ސްކޮލާޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓެއް އެ ސްކޮލާޝިޕް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެހެންކަމުން، އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެކަމާއި ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް