ads
ރީންދޫވެފައިވާ ކުއްޖަކަށް ހާއްސަ ލައިޓުގައި ފަރުވާ ދެނީ-- ފޮޓޯ: ކްލީވްލޭންޑް ކްލިނިކް
ތުއްތު ދަރިފުޅުގެ ރީނދޫމިން ޓެސްޓުގެ ރިޕޯޓާ މެދު އަމަލުކުރަންވީ މިހެން!
ގިނަ ދުވަސްތަކެއްގެ އިންތިޒާރަށް ފަހު ތުއްތު ދަރިފުޅު ވިހެއުމާއެކު ކޮންމެ މަންމައަކާއި ބައްޕައަކު ވެސް އެންމެ އިސްކަމެއް ދެނީ އެ ދަރިފުޅު ސަލާމަތާއި ރައްކާތެރި ކަމަށެވެ. ދުނިޔޭގައި އެ ދަރިފުޅު ހޭދަކުރާ އެންމެ ފުރަތަމަ ވަގުތުތަކުގައި މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ސަބަބުތަކެއް އެބަ ހުއްޓެވެ.

މަންމަގެ ބަނޑުގެ ރައްކާތެރި މާހައުލުގައި ނުވަ މަސް ވަންދެން އޮވެ، ދުނިޔެއަށް ލޯ ހުޅުވާލުމާއެކު ދަރިފުޅަށް ބޭނުންވާ އޮކްސިޖަން ވެސް ދެން ހޯދަން ޖެހޭނީ އެ ދަރިފުޅު އަމިއްލަ އަށެވެ. މީގެ އިތުރުން ވެސް އަލަށް ވިހާ ތުއްތު ކުދިންނަކީ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް އެންމެ ފުރިހަމައަށް ފައްކާވެފައިވާ ތިބޭ ކުދިންނެއް ނޫނެވެ.

އެގޮތުން ލޭގައި ހުންނަ ބިލިރުބިން މާއްދާ ދަރިފުޅު ބަނޑުގައި އޮންނައިރު ބޭރުކޮށްދެނީ މަންމަގެ އެހީގަ އެވެ. ވިހެއުމާއެކު މި މަސައްކަތް ކުރަން ޖެހެނީ ދަރިފުޅުގެ "ލިވާ" ނުވަތަ މެއަށެވެ. އެކަމަކު ވިހާއިރު ކުދިންގެ މޭ އެވަރަށް ފުރިހަމަވެފައެއް ނުވެ އެވެ.

އެހެންކަމުން ވަރަށް ގިނަ ކުދިން ވިހާއިރު ރީނދޫވުމުގެ މައްސަލަ ދިމާވެ އެވެ. މިކަން ބޮޑަށް ފާހަގަވަނީ ކުއްޖާގެ އުމުރުން ދޭއް ނުވަތަ ހަތަރު ދުވަސް ވުމުންނެވެ. ގިނަ ފަހަރަށް މިއީ މާ ބޮޑު މައްސަލައަކަށް ނުވެ، ދެ ހަފްތާ ތެރޭގައި އަމިއްލައަށް ރަނގަޅުވެ އެވެ.

ނަމަވެސް ކުއްޖާ މާ ބޮޑަށް ރީނދޫވެ، އެކަން ރަނގަޅު ނުކުރެވިއްޖެ ނަމަ މައްސަލަތައް ދިމާވުން އެކަށީގެންވެ އެވެ. އެގޮތުން "ކާނިކްޓެރަސް" ކިޔާ މައްސަލައެއް ދިމާވެ، އަޑުއިވުމުގެ ހިއްސަށް އަސަރުކޮށް، ސެރެބްރަލް ޕަލްސީގެ ބާވަތަކަށް މަގުފަހިވުން އެކަށީގެންވެ އެވެ. މީގެ އިތުރުން ވެސް އެހެން މައްސަލަތައް ދިމާވެ އެވެ.

އެކަމަކު ރީނދޫވާ ކުދިންގެ ގައިން އަވަހަށް އެކަން ދެނެގަނެ، ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިފި ނަމަ މިފަދަ މައްސަލައެއް ދިމައެއް ނުވާނެ އެވެ. ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑރ. އަހްމަދު ފައިސަލް ވެސް ވިދާޅުވަނީ ރީނދޫމިނާ ގުޅޭ "ބިލިރުބިން" ޓެސްޓުގެ ރިޕޯޓު ލިބުމާއެކު ލަސްނުކޮށް ދައްކަން ވާނެ ކަމަށެވެ. 

"... ބިލިރުބިން ޓެސްޓުގެ ރިޕޯޓް (ރީނދޫ މިން) ލިބުނުހާ އަވަހަކަށް ދައްކާލަން ވާނެ. ރޭގަނޑު ލިބުނަސް މާދަމާއަށް މަޑުނުކޮށް ދައްކާލެވިއްޖެއްޔާ އޭގެ ފަރުވާ (ހާއްސަ ލައިޓް) ދެވި، ރޭގަނޑުގެ ވަގުތު ވެސް އެބައި ދަށްކޮށްލެވޭނެ އޭރުން އިރާދަކުރެއްވިއްޔާ އަނެއް ދުވަސް ވާއިރަށް މާ މަތިވެގެން ނުދާނެ،" ފައިސަލްގެ ޓްވީޓެއްގައި ވެއެވެ.

މާ ބޮޑަށް ރީނދޫވާ ކުދިންނަށް އާއްމުކޮށް ދޭ ފަރުވާއަކީ ހާއްސަ ލައިޓުގައި ބޭއްވުމެވެ. މާ ބޮޑުވަރު ނުވާ ނަމަ އިރުގެ އަތްވަށް ދިއްކޮށްގެން ވެސް ރީނދޫވުން ކުޑަ ކުރެ އެވެ. މި ދެ ކަންތައް ކުރާއިރު ވެސް އެންމެ ސަމާލުކަން ދޭން ޖެހޭނީ މަންމަގެ ގާތުން ބަރާބަރަށް ދަރިފުޅަށް ދިނުމަށެވެ. 

ކޮންމެއަކަސް ޑރ. ފައިސަލްގެ އެ ޓްވީޓުން ލިބިގެން ދިޔެއީ ދަރިފުޅުގެ އިންތިޒާރުގައި ތިބި މައިންބަފައިންނާއި، މިހާރު ވިހައިގެން އުޅޭ މައިންބަފައިންނަށް ރަނގަޅު ނަސޭހަތްކޮޅެވެ. ރީނދޫވާ މައްސަލާގައި ހުރިހާ މަންމައިންނާއި ބައްޕައިން ވެސް އަމަލު ކުރަންވީ ގޮތަކީ މިއީ އެވެ. 

ނޯޓް: މި ލިޔުމުގައި މައުލޫމާތު ބިނާވެފައި ވަނީ އެމެރިކާގެ ސީޑީސީ އަދި މެޑްލައިން ޕްލަސްގައިވާ ލިޔުންތަކަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް