ads
ރީބްރޭންޑްކޮށްފައިވާ އޭއެފްސީ ކަޕުގެ ލޯގޯ
އޭއެފްސީ ކަޕުގެ ގުރުއަތު ނެގުން އަންގާރަ ދުވަހު
މި އަހަރުގެ އޭއެފްސީ ކަޕު ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ބާއްވަން އޭއެފްސީން ނިންމައިފިއެވެ. ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މި އަހަރުގެ އޭއެފްސީ ކަޕުގެ ގުރުއަތު ނެގުން އޮންނާނީ ވަރޗުއަލް ފަންކްޝަނެއްގެ ގޮތުގައެވެ.

މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ކްލަބުތައް ހިމެނޭ ސައުތު ޒޯނުން ޑައިރެކްޓް ސްލޮޓް ހޯދާފައިވަނީ މާޒިޔާއިންނެވެ. މިދިޔަ އަހަރުގެ ދިވެހި ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔާތުން މާޒިޔާއިން ގްރޫޕް ސްޓޭޖުގެ ޖާގަ ކަށަވަރުކޮށްފައިވާއިރު، ސައުތު ޒޯނުގައި ދެން ހިމެނޭނީ އިންޑިޔާގެ އޭޓީކޭ މޯހަންބަގާންއާ، ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭ ޓީމެއް ކަނޑައަޅާނީ ޕްރިމިލިނަރީ ބުރަކަށް ފަހު ކުޅޭ ޕްލޭ އޮފް ސްޓޭޖަކުންނެވެ.

އޭއެފްސީން މިހާރު ނިންމާފައިވަނީ އަންނަ މެއި މަހުގެ ތެރޭގައި އޭއެފްސީ ކަޕުގެ ސައުތު ޒޯން ކުރިއަށް ގެންދާށެވެ. އޭއެފްސީން މިހާރު ނިންމާފައިވާ ގޮތުން އޭއެފްސީ ކަޕުގައި ރާއްޖެ ހިމެނޭ ސައުތު ޒޯންގެ ކުޅުން އޮންނާނީ މެއި މަހުގެ ސާދައިން ފެށިގެން ވިއްސަށެވެ. ޕްރިމިލިނަރީ ބުރު ކުޅުމަށް އޭއެފްސީން މިހާރު ރާވާފައިވަނީ އޭޕްރީލް މަހަށެވެ. ޕްލޭ އޮފްވެސް އޭޕްރީލް މަހު ކުޅުމަށް އޭއެފްސީންވަނީ ނިންމާފައެވެ.

އޭއެފްސީ ކަޕް ކޮލިފައިން ޕްރިމިލިނަރީ ބުރުގައި ރާއްޖޭން ވާދަކުރާނީ ކްލަބު އީގަލްސްއެވެ. މި ބުރުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ބޫޓާން، ނޭޕާލް، ލަންކާ އަދި ޕާކިސްތާނުގެ ޗެމްޕިއަނުން ވާދަކުރާނެއެވެ. މީގެ ތެރެއިން ނޭޕާލްގެ ޖާގަ ހޯދާފައިވަނީ މަޗިންދުރަ ޔުނައިޓެޑެވެ. މިއީވެސް އީގަލްސްއެކޭ އެއްގޮތަށް އޭއެފްސީ ކަޕަށް މުޅިން އައު ޓީމެކެވެ.

މިއަހަރުގެ އޭއެފްސީ ކަޕު ކުރިއަށް ގެންދަން އޭއެފްސީން ނިންމާފައިވަނީ ސެންޓްރަލައިޒްޑް ފޯމެޓަކަށެވެ. ރާއްޖޭގެ ކްލަބުތައް ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅޭނެ ގައުމެއް އަދި ކަނޑައަޅާފައިނުވާއިރު، މިދިޔަ އަހަރު ކެންސަލް ކުރި އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު އޭއެފްސީން ދިނެވެ. އޭއެފްސީން އެ ފުރުސަތު ރާއްޖެއަށް ދީފައިވަނީ އެހެން އެއްވެސް ގައުމަކުން މުބާރާތުގެ މެޗުތައް އެ ގައުމެއްގައި ކުޅެން ބޭނުން ނުވުމުންނެވެ. ރާއްޖޭގައި ސައުތު ޒޯނުގެ މެޗުތައް ކުޅެން ފުރުސަތު ދީފައި އޮއްވާ އެންމެ ފަހު ވަގުތު އޭއެފްސީން މުބާރާތް ކެންސަލް ކުރީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް