ads
ވެކްސިން ދިނުން--
ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް ވެސް ވެކްސިން ދޭނެ
ރާއްޖެއަށް އިންޑިއާއިން ހިލޭ އެހީގެ ދަށުން ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް ހަދިޔާކޮށްފަ އެވެ. އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ މި ވެކްސިން ރައްޔިތުންނަށް ދޭން ފަށާނީ އާދައިގެ މަތިން އެހެން ވެކްސިންތަކެކޭ އެއްް ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނުމާއެކު އެވެ. އެތަނުން ވެކްސިނަށް ހުއްދަދޭއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ވެސް ބަލަ އެވެ.

ކޮންމެއަކަސް، ރާއްޖެއަށް ގެނައި މި ވެކްސިނާ ގުޅިގެން އެތައް ބަޔަކު ގިނަ ސުވާލުތަކެއް ކުރިމަތިކުރަމުންދާ މި ދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި ވަނީ އެ ސުވާލުތަކަށް ޖަވާބުދީފަ އެވެ. 

އެގޮތުން ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެފައި ނުވާ ކަމަށް ބުނެ ބައެއް މީހުން ވެކްސިން ޖަހަން ވެސް ބިރުގަނެ އެވެ. ކޮންމެއަކަސް އެޗްޕީއޭ އިން ވަނީ މި ވެކްސިން ޖެހުން މަޖުބޫރު ނޫން ކަމަށް ބުނެފަ އެވެ. އެކަމަކު ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާއި ގިނަ ބަޔަކު މި ވެކްސިން ޖަހައިފި ނަމަ، އާއްމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށް ބުނެ އެވެ.

ވެކްސިންގެ ޑޯޒް ބިނާވެފައި ވަނީ ވެކްސިންގެ ބާވަތަށެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިން އާއި ފައިޒާ-ބަޔޯއެންޓެކް އާއި މޮޑާނާ ކޮވިޑް ވެކްސިން ފަދަ ކޮންމެ ވެކްސިނެއްގެ ވެސް ދެ ޑޯޒް ދޭން ޖެހޭ ކަމަށް ބުންޏެވެ.

ކޮވިޑް-19 ގެ ވެކްސިންތަކަށް ފުރަތަމަ ހުއްދަ ދިންއިރު މި ވެކްސިންގެ އަސަރު ހަށިގަނޑުގައި ދެމިހުންނާނެ މުއްދަތަކީ ކިހާ ދުވަހެއްތޯ އެނގިފައި ނުވަނީ މިކަމަކީ އަދިވެސް ދިރާސާ ކުރަމުން އަންނަ ކަމަކަށް ވާތީ އެވެ. މިހާތަނަށް ހަދާފައިވާ ގިނަ ދިރާސާތައް ދައްކާ ގޮތުން ވެކްސިންގެ އަސަރު އެއް އަހަރު ދުވަހަށް ދެމިހުންނާނެ އެވެ. 

އެޗްޕީއޭ އިން ބުނީ މި ވައިރަހަކީ އޭގެ ޒާތުގައި އަބަދުވެސް ބަދަލުވަމުންދާ (މިއުޓޭޓްވަމުންދާ) އެއްޗެއް ކަމަށެވެ. ވައިރަސް މިއުޓޭޓްވުމަކީ އޭގެ ޖެނެޓިކް މެޓީރިއަލް އަށް ބަދަލު އައުމެވެ. އެކި ވައިރަސް މިއުޓޭޓްވާން ނަގާ މުއްދަތު ތަފާތެވެ. މިގޮތުން ވައިރަހަށް އަންނަ ބަދަލަކީ އޭގެ ސަބަބުން ވެކްސިނުން ލިބޭ ފައިދާއަށް އަސަރު ކުރާ ކަމެކެވެ. 

ކޮވިޑް-19 އަށް ހުށަހެޅުމުގެ ސަބަބުން މި ބައްޔާ ދެކޮޅަށް ދިފާއީ ނިޒާމުގައި ރައްކާތެރިކަން އުފެދި ދެމި ހުންނަ މުއްދަތު މި ބައްޔާ ބެހޭ ގޮތުން އަދި ރަނގަޅަށް ހޯދިފައި ނެތުމުން މި ބަލި ޖެހި ރަނގަޅު ވެފައިވާ މީހާއަށް ވެސް ކޮވިޑް-19 ގެ ވެކްސިން ޖެހޭނެކަން ފާހަގަކުރަމުން އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމުގެ ކުރިން އެންޓިބޮޑީ ޓެސްޓު ހަދަން ނުޖެހޭނެ ކަމަށެވެ. އަދި ކޮވިޑް ޖެހިފައިވާ މީހުންނަށް ވެކްސިން ދޭނީ އެމީހުންގެ ގައިން ބަލީގެ އަލާމާތްތައް އެއްކޮށް ފިލައިގެން ދިއުމުންނެވެ. 

ރާއްޖޭގައި އަދި ކޮވިޑްގެ ވެކްސިން ދޭން ފެށޭނެ ތާރީހު ނޭނގޭއިރު މިހާރު އަންނަނީ ވެކްސިން ޖެހުމަށް މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް