ads
އަލީ ވަހީދު--
އަލީ ވަހީދުގެ ޝަރީއަތް: ދައުލަތުން ހެއްކާއި ގަރީނާ ހުށަހަޅައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަލީ ވަހީދާއި ދެކޮޅަށް ހެއްކާއި ގަރީނާ ހުށަހެޅި ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މި މައްސަލައިގެ މިއަދުގެ ޝަރީޢަތުގެ އަޑުއެހުން ނިންމާލުމަށްފަހު، ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯތުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު ވިދާޅުވީ މި މައްސަލައިގައި ދައުލަތުގެ ފަރާތުން އަލީ ވަހީދަށް ހަތް ދައުވާއެއް ކުރިކަމަށެވެ.

މިއަދުގެ ޝަރީއަތުގައި މި ހަތް ދައުވާއަށްވެސް އަލީ ވަހީދު އިންކާރު ކުރި ކަމަށް ނަޖީބު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން އަލީ ވަހީދާއި ދެކޮޅަށް ދެ ހެއްކަކާއި ގަރީނާއެއް ހުށަހެޅި ކަމަށް ނަޖީބު ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ޖަވާބުދާރީ ވުމަށާއި، އަލީ ވަހީދުގެ ފަރާތުން ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އަލީ ވަހީދުގެ ފަރާތުން މިއަދުގެ ޝަރީއަތުގައި އެދުނު ކަމަށް ނަޖީބު ވިދާޅުވިއެވެ.

މިއަދުގެ ޝަރީޢަތް ނިންމާލީ އަލީ ވަހީދަށް އެ ފުރުސަތު ދީފައި ކަމަށް ނަޖީބު ވިދާޅުވިއެވެ. އަދި ދެން އަޑުއެހުން އޮންނަ ދުވަހެއް އާންމު ކުރާނެ ކަމަށް ނަޖީބު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ، ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި، އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.

މި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އިން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް