ads
ވީޑިއޯ ރިޕޯޓް
ފިނޮޅެއް ހަލާކު ކޮށްލިއިރު ދައުލަތުން އަދިވެސް އޮތީ ހަނު!
ދިވެހި ރާއްޖޭގެ އިގްތިސާދު މިއަދު ބަރޯސާވެފައި އޮތީ ފަތުރުވެރިކަމުގެ މައްޗަށެވެ. މި ސިނާއަތުން ރާއްޖެއަށް މިއަދު އޮތީ، ރާއްޖެއަށްވުރެ ބިމުގެ ގޮތުންނާއި، ވަސީލަތްތަކުގެ ގޮތުންނާއި، ހިދުމަތްތަކުގެ ގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން މާބޮޑެތި އެހެން ގައުމުތަކާއި ވާދަކޮށްލެވޭނެ މިންވަރަށް ކުރިއަރާ ގޮސްފައެވެ.

މިކަމުގެ އެންމެ ބޮޑު އެއް ހެތްކަކީ އަދި މިކަމަށް އެންމެ ބޮޑަށް ބާރުލިބޭ އެއްކަމަކީ، މިއަދު ރާއްޖެއަކީ މުޅި ދުނިޔޭގެވެސް އެންމެ މަގްބޫލް މަންޒިލްކަމެވެ. ނުވަތަ މިއަދު ރާއްޖެއަކީ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" ކަމެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގައިވެސް ގައުމަކަށް ލިބޭނެ އެންމެ ޝަރަފުވެރި އެއް މަގާމެވެ. 

މި މަގާމުގައި ނުވަތަ އެންމެ މަގްބޫލް މަންޒިންގެ ގޮތުގައި ރާއްޖެ ދެމި އޮންނަން ބޭނުންނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ސަރުކާރުގެ އެންމެ މަތީ އިސް ފަރާތްތަކާއި، ގާނޫނު ހަދާ މަޖިލީގާއި ވަޒީރުންގެ އިތުރުން އެންމެ ނިކަމެތި އާންމު ރައްޔިތު މީހާވެސް އަދާކުރަންޖެހޭ އަދި އުފުލަންޖެހޭ މަސްއޫލިއްޔަތު ތަކަކާއި ޒިންމާތަކެއް ވެއެވެ. ނުވަތަ އެހެން އިބާރާތަކުންވެސް ބުނާނަމަ، ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ފަދައިން ދިވެއްސަކަށް ވީތީ އަދާކުރަންޖެހޭ ފަރުދީ ޒިންމާއެއް އޮވެއެވެ. 

ފަތުރުވެރިކަމުގެ ސިކުންޑިއަކުން ވިސްނާލިއަސް، ތިމާވެށީގެ ވިސްނުމަކުން ނަޒަރު ހިންގާލިއަސް، އަދި ސިޔާސީ ވިސްނުމަކުން ފިކުރު ކޮށްލިކަމުގައިވިޔަސް، ތިމާ ދިރިއުޅޭ ވެށި، ތިމާގެ ވަށައިގެންވާ މާހައުލު، އަދި ތިމާގެ އަމިއްލަ ވަޒަން ރައްތާކެރިކޮށް ހިމާޔަތް ދިނުމަކީ ދުނިޔެވީގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެކެވެ. މި މަގުން ބަލާނަމަ ރާއްޖެއަށް ލިބިފައިވާ ގުތުރަތީ ރީތިކަމާއި ތިމާވެށީގެ މުއްސަނދިކަން ދެމެހެއްޓުމަށް އެންމެ އިސް މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ، އަދި އެކަން ވޭތޯ ބަލައި މޮނީޓާކޮށް، ގެއްލުންދޭ ފަރާތްތަކެއް ވާނަމަ އެބަޔަކަށް އަދަބުދީ އެކަންކަން ހުއްޓުވުން ވާނީ މައި ސަރުކާރުގެ ޒިންމާއަކަށެވެ. ރައްޔިތުންގެ މަޖިލީިހުގެ ތިމާވެއްޓާއި ބެހޭ ކޮމިޓީ އަކާއި، ތިމާވެއްޓާއި ބެހޭ މިނިސްޓްރީ އަކާއި އަދި އެމިނިސްޓްރީގެ ދަށުން އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީއެއް އުފައްދާފައި އޮތުމުގެ މައިގަނޑު ބޭނުކަމަށް ވާންޖެހޭނީވެސް އެކަމެވެ. 

ހުސްވި ހަފްތާގެ ތެރޭގައި ހަބަރުތަކުގެ ފަލަ ސުރުހީތަކުގައި ރަސްކަންކުރީ އެއްގޮތަކަށްވެސް ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ މީޑިއާތަކުގެ ސުރުހީތަކުގައި އޮންނަން ވާނޭވަރުގެވެސް ވާހަކައެއް ނޫނެވެ. މި ފަހުރުވެރި ވޯލްޑް ލީޑިން ޑެސްޓިނޭޝަންގައި އޮންނަ ރިސޯޓަކުން، އެ ރިސޯޓުގެ އިސް ބޭފުޅުން ހިމެނޭގޮތަށް ކައިރީގައި އޮތް ނާޒުކުރި ނަމަވެސް ހިތްގައިމު ސާފު ބޯކިރުކޮޅެއްފަދަ ހުދު ދޮންވެލި ފަސްގަނޑެއް، ނުވަތަ ފިނޮޅެއް ހަލާކުކޮށްލި ވާހަކައެވެ. ދަންވަރު ވަގުތުގައި އެ ފިނޮޅަށް އަރައި އެތަނުގައި ކޯރުކަނޑަން ތިއްބާ އަތުލައިގަންނި ވާހަކައެވެ. 

ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދުގައި އޮންނަ ރީތި ފިނޮޅަށް ގިލި ލަންކަންފުށީގެ ބަޔަކު ރޭގެ ވަގުތެއްގައި އަރާ، ފިނޮޅު ހަލާކުކޮށްލުމަށް މަސައްކަތް ކުރި ކަމުގެ ވާހަކަ ފެންނަން އޮތީއެއް ތާނަ އަކުރުތަކަކުން ލިޔެފައި ހުރި ފޮޅުވަތްތަކުކުން އެކަންޏެއް ނޫނެވެ. ހިންމަފުށީގެ ޒުވާނުން އެ ފިނޮޅަށް ގޮސް، ގިލި ލަންކަންފުށީގެ މެނޭޖިން ޑިރެކްޓަރު ޑޭވިޑް ސްޓެޕެޓިކް އިސްކޮށް ހުރެގެން އޭނާގެ ދަށުން މަސައްކަތްކުރާ ސްޓާފުން ގޮވައިގެން އެ ޖަރީމާގައި ތިއްބާ ނަގާފައިވާ ވީޑިއޯއާއި ފޮޓޯތައްވެސް އެހުރީ އަތްފޯރާފަށުގައި މީސްމީޑިއާގެ ތެރެއިން ފެންނާށެވެ. 

ފަކީރާ އާއި އުދައްޔާއި ދެންވެސް ހުރިއެއްޗެއް ހިފައިގެން އެތަން ހަލާކުކޮށްލަން އުޅުނީ ހިންމަފުށީގެ ރައްޔިތުން ހިތްފަސޭހަކޮށްލައި، ހިތްހަމަ ޖައްސާލައި، ލޯބިވާ އާއިލާ ގޮވައިގެން އެތަނަށް ދަތުރުދާތީ ކަމަށް ބުނާ ވާހަކަތަކެއްވެސް މިމައްސަލާގައި އިންނަނީ ފެތުރެމުންނެވެ. ނަމަވެސް މިހާރު އަޅުގަނޑަށްވެސް އަދި ޔަގީނާ ގާތަށް ހީކޮށް ބުނާނަމަ، މިކަމުގައި ކަންބޮޑުވާ ފަރާތްތައް ބޭނުންވާނީ އެކަން އެބަޔަކު ކުރީ ކޮން މަގްސަދެއްގައިތޯ ބަލާކަށް ނޫނެވެ. އެކަން ރައްޔިތުން ނިކުމެ ހުއްޓުވީރު، އެކަން ކުރަނިކޮށް "ކުށުގެ ވެށިން" ނުވަތަ އެކަން ކުރަން ތިއްބާ "ރެޑް ހޭންޑުކޮށް" އަތުލައިގަންނި މީހުންނަށް، ނުވަތަ ކުއްވެރިންނަށް ލިބުނީ ލިބެންޖެހޭވަރުގެ އަދަބެއްތޯ ބަލާށެވެ. ނުވަތަ އެމީހުނާއި މެދު އަދި އެ ކަމާއި މެދު އިސްވެ ފާހަގަކުރި ކަމާބެހޭ ފަރާތްތަކުން ހެދިގޮތެއް، އެޅި ފިޔަވަޅެއް، ނުވަތަ ކުރި ކަމެއް ބަލާށެވެ. 

އެކަން ހޯދާ ބަލާއިރު މިހާތަނަށް ލިބެން ހުރި މައުލޫމާތުތައް އަޑުއަހާފައި ހަގީގަތުގައިވެސް ލަދުން ފިތްކަނޑައިގެން ދާވަރުވެއެވެ. އެކަމުގައި އިސްކޮށް އުޅުނު ކަމަށްބުނާ އެމްޑީ އަދިވެސް ބަޔާން ނަގައި ޖަވާބުދާރީ ކުރުވަން ކަމަށްބުނެ ރިސޯޓުގައި، އޭސީ ރޫމުގައި ނިދާފައި، އަމިއްލަ އަތުން ހަލާކުކޮށްލަން އުޅުނު ގުދުރަތީ ރީތިކަމުން ހިތްހަމަ ޖައްސާލަން އަދިވެސް ހުރީ ރިސޯޓުގައި މިނިވަންކަމާއި އެކުގައެވެ. ހައްޔަރުކޮށް ގެންދިޔައީ އެކަމުގައި ގެންގުޅުނު ނިކަމެތި މުވައްޒަފު ކުދިންކޮޅެވެ. 

މިވަރުން އަދި ނިމުނީކީ ނޫނެވެ. ޓޫރިޒިމް މިނިސްޓްރީންވެސް މިހާތަނަށްވެސް ކަމެއް ފިޔަވަޅެއް ގޮތެއް ހަދާ ނުލެވުނުތާ، އެކަން ކުއްވެރިކޮށް އެކަމުގައި ދެވެން އޮތް އެންމެ ބޮޑު އަދަބު ދޭނެކަމުގެ ޔަގީންކަންވެސް ދެއްވިތޯއެވެ. އަދިވެސް ތިއްބެހީ ހަނެވެ. ޓޫރިޒަމް މިނިސްޓްރީން ވަނި މި ފާހަގަކުރި ގޮތަށް އަމަލު ކުރިތޯއެވެ. އަދިވެސް އެތިއްބެވީ ހަނެވެ. މިވަރު ވީރު ރައްޔިތުންގެ މަންދޫބުންގެ ކުރިފުޅުމަތީގައި ރިޔާސަތުގައި އިންވަނާ "ދަ އައިލެންޑް ޕްރެޒިޑެންޓް" ކޮބައިތޯއެވެ. މިކަމުގައި އަދި ގައިމު އެއްޗެސް ވިދާޅުވިތަނެއް ނުފެނެއެވެ. އަޑެއްވެސް ނާހަމެވެ. އެއްކަލަ އީޕީއޭ ކޮބައިތޯއެވެ. މިހާތަނަށް އަދި ކުރެވުނު ކަމަކީ ބަޔާނެއް ނެރެ އެތަނަށް ލިބިފައި އޮތް ގެއްލުންތައް ބެލުމަށް ޓީމެއް ފޮނުވަން މަސައްކަތް ކުރުމެވެ. ހަތަރު ދުވަސް ވީރު ގައިމު ރިޔަލު ދޯންޏެއްގައިވެސް އެތަނަށް އެބުނާ ޓީމެއް ފޮނުވޭހާ ވަގުތު އަދިވެސް ނުވަނީތޯއެވެ. 

މިވަރުން ދެން ތިމާވެށި ހިމާޔަތް ކުރުމަގައާއި، ދުނިޔެ ހޫނުވާ މައްސަލާގައާއި، ދެންވެސް ހުރި މިފަދަ ކަންކަމުގައި ބައިނަލްއަގްވާމީ ދާއިރާގައި ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރާ ވާހަކަ ދެއްކުމުން ރައްޔިތުން އެކަމަށް ޖަހާނީ ޖޯކު ނޫންތޯއެވެ. ފުރަތަމަ މި ވަޒަނުގައި ހުރި މިކަންކަން ހައްލުނުކޮށް ނުވަތަ އެކަށީގެންވާ ހަމައެއްގައި ކަންކަން ނުކުރެވި އޮއްވާ ބައިނަލްއަގްވާމީ މުވާހަދާތަކުގެ ވާހަކަ ދެއްކީމާ އަންނާނީ ގާތަށް ހިނި ނޫންތޯއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް