ads
ފުލުހުން ބޮޑުފިނޮޅުގައި-- ފައިލް ފޮޓޯ: ފުލުހުން
ތިމާވެށީގެ ޖަރީމާތައް ހިންގާއިރު ދައުލަތުން އަހަމިއްޔަތުކަމެއް ނުދޭ: ޖަމިއްޔާތައް
ތިމާވެށީގެ ޖަރީމާތައް ހިންގާއިރު ދައުލަތުން އަހަމިއްޔަތުކަމެއް ނުދޭކަމަށް 11 ޖަމިއްޔާއަކުން ބުނެފިއެވެ.

މިއަދު އެ ޖަމިއްތާތަކުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުގެ އެންމެ ބޮޑު ޝިކާރައަކަށްވެ، އެކަމުގެ ސަބަބުން އިޔާދަނުކުރެވިދާނޭ ފަދަ ބޮޑެތި އަސަރުތައް ތަހައްމަލްކުރަންމުންދާ އަދި ކުރަންޖެހޭ ފަދަ ނާޒުކު ތިމާވެއްޓެއްލިބިފައިވާ ގައުމެކެވެ.

"މިސާލަކަށް ފަރުތަކާއި އެތަނުގައިވާ ދިރުންތަކަކީ، ރަށްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ގައުމުގެ އިގްތިސާދީ މައިނާރުތައް ކަމަށްވާ ފަތުރުވެރިކަމާއި
މަސްވެރިކަން ބިނާވެފައިވާ ވަސީލަތްތަކެއް. މި އަގުނުކުރެވޭފަދަ ގުދުރަތީ ވަސީލަތްތަކަށް އެކިއެކި ގޮތްގޮތުން ގެއްލުން ދީ ތިމާވެށީގެ ބޮޑެތިކުށްތަކާއި ޖަރީމާތައް
ހިންގަމުންދާއިރު އެކަމަށް ދައުލަތުން ދޭންޖެހޭ އަހައްމިއްޔަތުކަންނުދީ އަދި އެކަންކަން ކުށްވެރިކޮށް އެކަން ހުއްޓުވުމަށް އަޅަންޖެހޭ
ފިޔަވަޅުތައް އަޅަމުން ނުދާ ކަމީ މިޖަމިއްޔާތަކުން ނުހަނު ކަންބޮޑުވޭ،" - ބަޔާން

ތިމާވެއްޓަށް އަގުނުކުރެވޭ ބޮޑެތި ގެއްލުން ލިބޭނެފަދަ ޖަރީމާތައް ހިންގުމަށް ދެވޭހިތްވަރެއްކަމުން، އެކަން ނުހަނު ކަންބޮޑުވުމާއި އެކު މިޖަމިއްޔާތަކުން ފާހަގަ ކުރަމެވެ.


ޖަމިއްޔާތަކުން ބުނީ ގިލިލަންކަންފުށި ރިސޯޓުގެ އިސްވެރިންނާއި މުވައްޒަފުން، ކ. ހިންމަފުށީ ކައިރީގައިވާ ފިނޮޅެއް ހަލާކުކޮށްލުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް މީސް މީޑީއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ދައްކުވައިދެނީ ނުހަނު ހިތާމަވެރި އަދި ނުހަނު ކަންބޮޑުވާ މަންޒަރުތަކެކެވެ.

" ވިޔާފާރިތަކުން ހިންގާ މިފަދަ އަމަލުތައް މި ޖަމިއްޔާތަކުންއެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިއަމަލުތައް އެންމެ ހާމަކަން ބޮޑުގޮތެއްގައި، ފުރިހަމަ އަދި އަވަސް ތަހުގީގެއްކޮށް ކުށްވެރިވާފަރާތްތަކަށް ފިޔަވަޅުއެޅުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް މިޖަމިއްޔާތަކުން ގޮވާލަން،" 


މިފަދަ ނާތަހުޒީބީ އަމަލުތަކަކީ ތިމާވެއްޓަށް ގެއްލުންވާގޮތައް ހިންގަމުންދާ ކުށްތަކާއި ޖަރީމާތަކަކަށްވުމުގެ އިތުރުން، ދިވެހި ރައްޔިތުންގެ ހިތްހަމަޖެހުމާއި އިޖުތިމާއި
ގުޅުން ބަދަހިކުރުމަށް، ނުހަނު މުހިއްމު ވަސީލަތްތަކެއްގެ ނިމުން ގެނުވާނެ އަމަލުތަކެކެވެ.

އެމް.އެމް.ޕީ.އާރުސީގެ ހިޔާނާތުގެ ތެރެއިން އާންމު ރައްޔިތުންގެ ހިތްހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަން ހޯދާ ދެމެހެއްޓުމަށް ކޮންމެހެންބޭނުންވާ ގުދުރަތީ ވަސީލަތްތަށް ކަމަށްވާ ރަށްތަކާއި، ފިނޮޅުތައް އަދި ފަޅުތައް ނުއަގުގައި ވިޔަފާރިތަކަށް ވިއްކާލާލުމުން ދިވެހި ރައްޔިތުންނާއި ދިވެހި ކުދި ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ދަނީ ދުވަހެއް ދުވަހަކަށް މި ވަސީލަތްތަކުގެ މަންފާހޯދުމުގެ ފުރުސަތުން މަހުރޫމްވަމުންނެވެ. މިފަދަ މާހައުލެއްގައި ހުރިހާ ރައްޔިތުންނަށް އެތަނަކުން މަންފާ ލިބޭ މަދު ރަށްތަކާއި ފަރުފަޅާއި ފިނޮޅުތައް ރައްކާތެރިކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހައްގެއްކަމަށް ދެކެމެވެ.


ރާއްޖޭގެ ރިސޯޓްތައް ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީން) ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓާނެކަމަށް
ބުނެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި ދެއްކި ވާހަކައަކީ ވެސް މިޖަމިއްޔާތަކުން ވަމީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މަޖިލީހުގެ ކޮމިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ރިސޯޓްތަކުން މޫދަށް ކުނި އަޅަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް މިނިސްޓްރީ އޮފް އެންވަޔަރްމެންޓްއިން މީގެ އަހަރުތަކެއް ކުރިން ހަދާފައިވާ ގަވާއިދަކުން ބާރުލިބިގެންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގައި ބުނާގޮތުން މޫދަށް ކުނިއެޅުމަށް ބާރުދޭކަމަށް ބުނާ މާއްދާ 5.3.3 ގައި ބަޔާންކޮށްފައިވަނީ ކުނި އަޅަން ވާނީ އަތޮޅުން ބޭރަށް ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް ކަމަށެވެ. އަދި އެއީ ހަމައެކަނި ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމައެވެ. 

މިފަދަ ހާލަތްތަކުގައިވެސް އުކާލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ތަކެއްޗެވެ. ނަމަވެސް، ރަށްރަށަށް ލައްގާފައި ހުންނަ ކުންޏާއި ފަޅުތަކާއި މޫދަށް ބަލާ ހޯދުމުން، ފަތުރުވެރިކަމުގެ ވިޔަފާރިކުރާތަންތަނުން އުކާލާ ކުނިތަކަކީ ފަނާވަނިވި ކުނި ނޫންކަމާއި، އަދި އުކާލަނީ ގަވާއިދުގައި ބުނާގޮތަށް އަތޮޅުން ބޭރަށް ކަނޑުތަކަށް ނޫންކަންވެސް އެނގެއެވެ. 

މިގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި އުފެދޭ ކުނި ނައްތާލުމަށް އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވިނަމަވެސް، ވިޔަފާރިތަކުން އެގޮތަށް އަމަލު ނުކުރުމާއި އަދި މިގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅާތަން ނުފެންނަކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. 

މިފަދަ ކަންކަން ބެލުމުގެ ތަންފީޒީ އިދާރާ ކަމަށްވާ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ބާރު ކެނޑިގެންދާ ފަދަ ގޮތަކަށް، ފަތުރުވެރިކަމާއި ގުޅޭކަންކަން އުނިކޮށް އެ މުއައްސަސާގެ މެންޑޭޓު އަހަރުތަކެއްވަންދެން ހަނިކުރުމަކީ މިފަދަ ޖަރީމާތަކަށް އަރައިގަތުމަށް މަގު ފަހިކުރުމަށް ކުރެވިފައިވާ ކަންކަން ކަމުގައި އެ ޖަމިއްޔާތަކުން ދެކެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް