ads
ސުޕްރީމް ކޯޓު--
އަންހެނުންނަށް ގޮނޑި ހާއްސަކުރާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް 33 އިންސައްތަ ގޮނޑި ހާއްސަކުރަން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި، މި އިސްލާހު ބާތިލު ނުކުރުމަށް ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށަހަޅާނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް 33 އިންސައްތަ ގޮނޑި ހާއްސަކުރަން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ.  

މި މައްސަލައިގައި މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ ހުކުމް އިއްވުމުގެ ޝަރީއަތް ނިންމާ މޫސާ އަންވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރަން ނިންމީ މި ހުކުމުން ގާނޫނު އަސާސީގެ ހައްގުތައް ކަފުން ކުރުމަށް ފުރުސަތު ލިބޭތީ ކަމަށް މޫސާ އަންވަރު ވިދާޅުވިއެވެ. އަދި އިންސާފު ގާއިމު ކުރުމުގެ އަސާސީ މަގުސަދުތަކާ މި ހުކުމް ހިލާފުވާ ކަމަށް މޫސާ އަންވަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ނ)ގައިވާ ކަންތައްތަކަށް އެކަށީގެންވާ މިންވަރަކަށް ރިއާޔަތް ކުރެއްވުމެއް ނެތި އަދި، މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޖެންޑާ ކޯޓާ އަޅާފައިވާ ގޮތަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރެވުމެއް ނެތި ހިތު ހުރި ގޮތަކަށް ގާނޫނު އަސާސީ މާނަކޮށްފައިވުމީ ނުރައްކަލެއް ކަމަށް މޫސާ އަންވަރު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންނަށް 33 އިންސައްތަ ހާއްސަ ކުރަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ 2019 ވަނަ އަހަރުގައެވެ. މޫސާ އަންވަރު މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅި ސުޕްރީމް ކޯޓަށެވެ. ނަމަވެސް މި މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް ބުނެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލުމުން ދެން މި މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ. 

މި މައްސަލައިގައި މިއަދު ބޭއްވި ހުކުމް އިއްވުމުގެ ޝަރީއަތުގައި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މި އިސްލާހު ބާތިލް ނުކުރުމަށް ހުކުމް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް