ads
ސައުދީގައި މީހެއްގެ ހުން ބަލަނީ: ފޮޓޯ އަންދޮލް އެޖެންސީ
ދިވެހިންނަށް އުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ކަނޑައަޅައިފި
ކޮވިޑްގެ ހާލަތުގައި ދިވެހިންނަށް އުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސައޫދީ އަރަބިއްޔާއިން ކަނޑައަޅައިފި އެވެ.

ކޮވިޑްގެ ހާއްސަ ހާލަތާއި ގުޅިގެން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސައޫދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ސައޫދީގެ ހާރިޖީ ވަޒީރާއި އަދި ސައޫދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފަ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.  

ކޮވިޑުގެ ހާލަތުގައި ދިވެހިރާއްޖޭގެ ރައްޔިތުން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުގައިވާ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުސޫލުތަކާއި އެއްގޮތަށް، މުގައްދަސް ދެ ހަރަމުން ކުރެ ހަރަމަށް އުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށް ވެސް ދިޔުމުގެ ކުރިން، މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ އުސޫލުން އުމްރާ ގްރޫޕް، ޓްރެވަލް އެޖެންޓް މެދުވެރިކޮށް ރިޒަވޭޝަން ހައްދަން ޖެހެއެވެ. 

އަދި ދިވެހިރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސައުދީ އަރަބިއްޔާއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ނެގެޓިވް ޓެސްޓް ސެޓިފިކެޓެއް އޮތުމާއި، އުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުމާއި، ސައުދީ އަރަބިއްޔާއަށް އެތެރެވުމަށް ފަހު، އުމްރާގެ އަޅުކަން އަދާކުރާ ފަރާތެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި ތިން ދުވަހަށް ކަރަންޓީނުވުން ހިމެނެެއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ގަވާއިދުގައިވާ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ކޮވިޑް ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ. ފޮރިން މިނިސްޓްރީން ވަނީ ޢުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކުން، ސައުދީ އަރަބިއްޔާއަށް އެތެރެވާ ވަގުތުން ފަށައިގެން އެނބުރި ގައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

ސައުދީގެ ބޯޑަރުތައް މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހަފްތާއަކަށް ބަންދުކޮށްފައިވާ އިރު، އެގައުމުން ވަނީ އެ މުއްދަތު މާޗު މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް އިތުރުކުރަން ނިންމާފައެވެ. ސައުދީގެ ބޯޑަރުތައް ބަންދު ކޮށްފައިވާއިރު އުމުރާ އަދި ހައްޖުގެ އަޅުކަންތައް ވެސް އެ މުއްދަތުގައި ވަނީ މެދުކަނޑާލާފައެވެ. އަދި އެގައުމުގެ ކަނޑާއި ވައިގެ އިތުރުން އެއްގަމު ހުރިހާ ބޯޑަރުތައް ވެސް ވަނީ މާޗު 31 ގެ ނިޔަލަށް ބަންދު ކުރެވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް