ads
11 ކުއްޖަކު ފުވައްމުލަކު އަމާން ވެއްޓަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
11 ކުއްޖަކު ފުވައްމުލަކު އަމާން ވެއްޓަށް ބަދަލުކޮށްފި
އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ އިތުރު 11 ކުއްޖަކު ޏ. ފުވައްމުލަކު އަމާން ވެއްޓަށް މިއަދު ބަދަލުކޮށްފި އެވެ.

އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިދިޔަ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު 17 ކުއްޖަކު ބ. އޭދަފުށި އަމާން ވެއްޓަށް ބަދަލުކޮށްފައިވާއިރު، ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 16 ކުއްޖަކު ށ. ފުނަދޫ އަމާން ވެއްޓަށް މިމަހުގެ ހަވަނަ ދުވަހު ވެސް ވަނީ ބަދަލުކޮށްފައެވެ.

މިއަދު އަނެއްކާ އިތުރު 11 ކުއްޖަކު ފުވައްމުލަކު އަމާން ވެއްޓަށް ބަދަލުކުރެވިގެން ދިޔައިރު. ޖެންޑާ މިނިސްޓްރީން ބުނީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައި ވިޔަސް، ހާލަތު ނިޔާކުރާ ގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭ ކަމަށެވެ. އެހެން ނަމަވެސް، މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެފަދަ މާހައުލެއް ތަނަވަސްކޮށްދިނުން ކަމަށެވެ.

ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ގިނަ އަދަދެއްގެ ކުދިން ދިރިއުޅެމުންދާއިރު، މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެކަމުގެ ސަބަބުން އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެން ޖެހޭ ހާލަތު އާދެއެވެ.

އަތޮޅު ތެރޭގައި ގާއިމުކުރެވޭ މިފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ އާއިލާގެ އެހެން ކުދިންނާއެކުގައެވެ. އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން އާއިލާތަކާ ވެސް ގުޅުވައި ދެވިފައެވެ.  

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ހާއްސަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. 

އަދި މުޖުތަމައުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަގުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާހައުލަށާއި އާންމު ދިރިއުޅުމަށް ނިކުތުމަށް ފަހިވެގެންދާނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް