ads
އަބްދުﷲ ޝާހިދު ޗައިނާގައި: -
ޗައިނާ އާއި ރާއްޖެއާ ހައި-ލެވެލް މަޝްވަރާތަކެއް ބާއްވަނީ
ރާއްޖެއާ ޗައިނާއާ ދެމެދު ހައި-ލެވެލް މަޝްވަރާތަކެއް މިމަހުގެ 26 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ 7 ވަނަ ބުރު މިމަހުގެ 26 ވާ އަންގާރަ ދުވަހު އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ހަލީލުއެވެ. 

ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހުއީ އެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި އަދި ބައިނަލްއަގްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

މީގެ އިތުުރުން ކޮވިޑް-19އިން އަރައިގަނެ، އިޤްތިސާދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ދެގައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. 

ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރެވޭ މިދަނޑިވަޅުގައި ޗައިނާ ފަދަ ތަރައްޤީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށެވެ. އެގޮތުން 2021 ވަނަ އަހަރު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ދިވެހި ސަރުކާރުން މަޝްވަރާކުރާނެއެވެ. 

މި ގޮތަށް ބާއްވަމުން އަންނަ ބައިލޭޓަރަލް ކޮންސަލްޓޭޝަން ވެފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގަކަށެވެ. ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެންދާނީ ވަރޗުއަލްކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް