ads
އަންހެން ސިފައިން: ފޮޓޯ އެމްއެންޑީއެފް
ރެކޯޑު އަދަދަކަށް އަންހެން ސިފައިންނަށް ކުރިއެރުން ދީފި
ރެކޯޑު އަދަދަކަށް އަންހެން ސިފައިންނަށް ކުރިއެރުން ދީފިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާމަކުރައްވައިފި އެވެ.

އަލަށް ކޮމިޝަންވި ސިފައިންނާއި މަގަމުގެ ކުރިއެރުން ހާސިލްކުރި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވުމަށް މިއަދު ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ މިންތީގެ ހަމަހަމަކަން ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރާ ސަރުކާރެއް ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމް ހާސިލް ކުރެއްވި ތިން އަންހެން ބޭކަނބަލުން ހިމެނިވަޑައިގަންނަވާތީ އެކަމާ ނުހަނު އުފާކުރައްވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

އެ ތިން ކަނބަލުންނަކީ ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަހްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާ އެވެ.

ވޭތުވެދިޔަ އަހަރަކީ، ދިވެހި އަސްކަރިއްޔާގެ އޯގާތެރި ހިދުމަތް، ދިވެހި ތާރީހާއި ދިވެހިންގެ ހަނދާނުން ފޮހެވިގެން ނުދާނެ އަހަރެއްކަން ފާހަގަ ކުރައްވާ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، މިހާރު ވެސް ސިފައިން ތައްޔާރުވަމުން އެ ދަނީ ރައީސް ސޯލިހް އެކަމަށް އެދިވަޑައިގެންނެވުމުން ކޮވިޑް-19 ގެ ވެކްސިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އަދި މިއަދު ދިވެހި އަސްކަރިއްޔާއިން މި ހުރިހާ ކުރިއެރުމެއް މި ހާސިލްކުރެވެނީ، ހަމަ ޔަގީނުންވެސް، ރައީސް ސޯލިހު ދެއްވާ އިރުޝާދާއި އަގުހުރި ލަފާގެ މަތިން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ލީޑަޝިޕާއި، ހުރިހާ ރޭންކެއްގެ ސިފައިންގެ ބުރަ މަސައްކަތާއި އެއްބާރުލުން ލިބިގެން ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

your imageޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު 

މިނިސްޓަރު މާރިޔާ ވިދާޅުވީ، މިއަދު ދިފާޢީ މުއައްސަސާގެ ކޮންމެ ޕްރޮމޯޝަނެއް، ކޮންމެ މެޑައްޔެއް، ކޮންމެ ކުލައެއް އަދި ކޮންމެ ޝަރަފަކީ، އެކަމަށް އޮންނަ އުޞޫލުގެ ތެރެއިން ސިފައިން ޙާސިލްކުރާ އެއްޗެއް ކަމަށެވެ. އަދި މިއީ، އެއްގޮތަކަށްވެސް މިނިސްޓަރުގެ ހެޔޮފުޅުކަމުން، ނުވަތަ ވަކި އަތޮޅަކަށް، ރަށަކަށް، ފިކުރަކަށް ނުވަތަ އާއިލާއަކަށް ނިސްބަތްވާތީ، ދޭ ހަދިޔާއެއް އަދި އިނާމެއް ނޫން ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

"އެއީ، ތިޔަ އޮފިސަރުންގެ މައިންބަފައިން ތިޔަ ބޭފުޅުންނަށް ދެއްވި ފުރިހަމަ ތަރުބިއްޔަތާއި އަޚްލާޤީ ހަމަތަކުގެ ބިންގަލުން ނުކުންނަ ނަތީޖާ. އެއީ، ތިޔަ އޮފިސަރުންގެ އަނބިދަރިންނާއި އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން ތިޔަ ބޭފުޅުންނަށް ދޭ ލޯތްބާއި ހިތްވަރުން ނުކުންނަ ނަތީޖާ.އަދި އެއީ، ތިޔަ އޮފިސަރުންގެ މައްޗަށް ތިއްބަވާ ކޮމާންޑަރުންނާއި މުދައްރިބުންނާއި މުދައްރިސުން ދެއްވާ އިރުޝާދުގެ ނަތީޖާ. މިއަދު، ތިޔަ އޮފިސަރުން ހޯއްދަވާ ޕްރޮމޯޝަނަކީ، ތިޔަ ސިފައިންނަށް ޙައްޤު އެއްޗެއްކަން، މުޅި މި މުއައްސަސާ ހެކިވާނެ." މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މި ދަތި އުނދަގޫ ޙާލަތުގައި ވެސް، ސިފައިން ދިޔައީ ޤައުމީ ވާޖިބު އަދާކުރުމުގައި ފަސްޖެހުމެއް ނެތި ކުރިއަށްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓަވައި، ދަމަހައްޓަވައި، ރައްޔިތުންގެ ޚިދުމަތުގައި ތާއަބަދަށް ދެމިތިބުމަށް، ސިފައިން ޢަޒުމް ކަނޑައަޅާ، އެ ޢަޒުމް ވަރުގަދަ ކުރަންވާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި އެކިއެކި ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް