ads
ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝަދްވީޕް ސީ
އަންނައުނު އެއް ފަހަރު ބޭނުންކޮށްފައި އުކާނުލާ: ފަޒްނާ
އަންނައުނު ފަދަ ތަކެއްޗަކީ، ބާ ނުވަތަ ހަލާކު ނުވާ ނަމަ، އެހެން މީހަކަށް ވެސް އޭގެ ބޭނުން ހިފޭނެ ތަކެތި ކަމަށާއި އެތަކެތި ބޭނުންކުރުމުގެ އާދަތަކަށް ބާރުއެޅުމަށް ފަސްޓް ލެޑީ ފަޒްނާ އަހްމަދު އިލްތިމާސް ކުރައްވައިފި އެެވެ.

"ޕްރިވެންޝަން އޮފް މެރިން ލިޓާ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި އިއްޔެ ހެނދުނު ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ފައްޓަވައިދެއްވާ، ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ، ސާފުކުރުމުގެ ހަރަކާތްތަކަކީ ޕްލާސްޓިކާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން އެ ކަމުގައި ހަރަކާތްތެރިވާ ދަރުމަވެރިންނަށް ޕްލާސްޓިކުން ވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާ ކަމަށެވެ. އަދި، ގޮނޑުދޮށް ފަދަ ތަންތަން ސާފުކުރުމާއި، ޕްލާސްޓިކުން އުފައްދާ ތަކެތި ރީސައިކަލް ކުރުމުން ނުފުދޭކަމަށާއި، އެކަމުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

އެމޭރުމުން ވާހަކަދައްކަވަމުން، ފަޒްނާ ވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅު ފަދަ ތަކެތީގެ ބަދަލުގައި، ތިމާވެއްޓާއި ރަހުމަތްތެރި ބާވަތްތައް އިސްކުރަން އެދިވަޑައިގަންނަވާފައެވެ. ހަމައެއާއެކު، އަންނައުނު ފަދަ ތަކެއްޗަކީ ވެސް އެއް ފަހަރު ބޭނުންކޮށްފައި އުކައިލުމުގެ ބަދަލުގައި، ބާ ނުވަތަ ހަލާކު ނުވާ ނަމަ، އެހެން މީހަކަށް ވެސް އޭގެ ބޭނުން ހިފޭނެ ތަކެތި ކަމަށް ވިދާޅުވެ، އެފަދަ ތަކެތި ބޭނުންކުރުމުގެ އާދަތަކަށް ބާރުއެޅުމަށް ގޮވާލަައްވާފައެވެ.

އެ ކަމަނާ ވަނީ ތިމާވެއްޓަށް ލޯބިކުރާ މީހުންނާއި ކުދިން، މުޅި މުޖުތަމައުގެ ލާބައަށްޓަކައި ސާފުކުރުމުގެ ޕްރޮގްރާމުތަކުގައި ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އެ މީހަކީ ތަންތަނަށް ކުނިއަޅާ މީހަކު ކަމުގައި ނުވި ނަމަވެސް އުކައިލާފައި ހުންނަ ކުނި ނަގައި ސާފުކުރުމާއި އަދި ތިމާވެއްޓާ ރަހުމަތްތެރި ގޮތްތަކަށް ކަންކުރުމަށް ބާރުއެޅުމަކީ ކޮންމެ ފަރުދަކަށް ވެސް ކުރެވޭނެ، އަދި އޭގެ ސަބަބުން މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ މުހިންމު މަސައްކަތެއް ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމަށް ރާއްޖޭގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ފަޒްނާ ވަނީ ޒިންމާދާރު ގޮތުގައި ކުނި މެނޭޖުކުރުމަށް ހައްލުތަކެއް ހޯދުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކު ރާއްޖޭގައި ބޭނުންކުރުން ހުއްޓައިލުމުގެ ޕްލޭނަކީ ވެސް އެގޮތަށް ކަމާގުޅޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާގެ ދަށުން ކުރެވުނު މަސައްކަތެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭންގެ ދަށުން މިއަހަރުގެ ޖޫން އެއް ވަނަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން ހުއްޓައިލެވޭނެއެވެ. ފަޒްނާ ވިދާޅުވީ، އެ ޕްލޭންގެ ދަށުން ރާއްޖެ އެތެރެކުރުން މަނާކުރާ ތަކެތި އެ ގަވާއިދުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ ކިތަންމެ ކުޑަ މިންވަރެއް އިތުރަށް އިންޕޯޓްކުރި ނަމަވެސް އެގަވާއިދުގެ ހަގީގީ ބޭނުން ނުފުދޭނެ ކަމަށެވެ.

"ޕްރިވެންޝަން އޮފް މެރިން ލިޓާ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓަކީ ކަނޑުތަކަށް ކުނިއެޅުމުން ކަނޑުތައް ރައްކާތެރިކުރުމަށް އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާގެ ކަނޑުގެ އައްސޭރިފަށް ހިމެނޭގޮތަށް ހިންގޭ ޕްރޮޖެކްޓެކެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބައިވެރިވުމާއެކު އެ ޕްރޮޖެކްޓް ރަސްމީގޮތުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް