ads
ނައިބު ރައީސް އިސްމާއީލް ހަބީބު-----ފޮޓޯ: ރާއްޖެ،އެމްވީ
ޕޮޒިޓިވްވާ މީހުން ވޯޓުލާން ގެންދިއުން އީސީއަށް: އީސީން ބުނަނީ ނުގެންދެވޭނެ ކަމަށް!
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގެނައުމަކީ، އިލެކްޝަން ކޮމިޝަނުގެ ޒިންމާގެ ގޮތުގައި ގާނޫނޫަގައި ލާޒިމްކޮށްފައި އޮތުމުން އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކޮމިޝަނުން އިއްޔެ ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ނައިބު ރައީސް ނައިބު އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިހާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑަައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ވޯޓުލާ މަރުކަޒުތަކަށް ގެންނަ ގޮތަށް އީސީއަށް ލާޒިމްކޮށްފައި އޮތްއޮތުމަކީ މީގެ ކުރިންވެސް އެކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމެއް ކަމަށާއި އެހެންނަމަވެސް ފަހުންވެސް އެޗްޕީއޭއިން ފޮނުވާފައިވާ އާ ގައިޑްލައިންގައިވެސް އެ އުސޫލް އޮތީ ހަމަ އެހެންކަމަށެވެ. 

"ހަތަރު ވަނަ ނަންބަރުގައި އަދިވެސް އަޅުގަނޑުމެން ކިޔާލީމަ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވާ ފަދަޔަކުން ވާހަކަތަކެއް އެބަހުރި. އޭގެ ތެރޭގައި ޕޮޒިޓިވް މީހުން ވޯޓުލުމަށްޓަކައި ވަކިތަނަކަށް ގެނެއުމާ އެމީހުންނަށް ވޯޓުލެވޭނެ ގޮތް ހެދުމާ އަދި ކަރަންޓީންގައި ތިބި މީހުންވެސް ގެނެސްގެން އެމީހުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކުރޭ. އެެހެން ނަމަވެސް އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނާ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ އަދި އިންތިހާބުތަކާއި ބެހޭ ގާނޫނާއި ގަވާއިދުތަކަށް ބަލާއިރު އިލެކްޝަން ކޮމިޝަނަކުން އެއްވެސް މީހަކު ވޯޓުލާން ބަލައެއް ނުދާނެ. އެއީ ގާނޫނު ދަންނަ ކަމެއް ނޫން. މިސާލަކަށް ހުޅުމާލޭގައި ހުންނަ ކޮވިޑް ޕޮޒިޓިވް މީހަކު ގެނައުމަކީ އެއީ އިލެކްޝަން ކޮމިޝަނުގެ ޒިންމާއެއް ނޫން އެކަން އިލެކްޝަން ކޮމިޝަނަކަށް ނުކުރެވޭނެ. ޒިންމާގައި އެކަން ނެތީމާ އެމާއްދާ އެގޮތައް ނުބޭއްވޭނެ ވާހަކަ އަޅުގަނޑުމެން ކުރިންވެސް ދެންނެވިން އެހެންނަމަވެސް އަދިވެސް އެ މާއްދާ އެބައޮތް" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، ވޯޓުލާން ބޭނުންވާ މީހަކު މަރުކަޒަށް އަންނަންޖެހޭނީ އެމީހަކު އަމިއްލަޔަށް ކަމަށާއި ކޮމިޝަނުން ވެހިކަލެއްވެސް ފޮނުވައި ނުދޭނެ ކަމަށެވެ. އެހެންނަމަވެސް ވޯޓުލާން ރަޖިސްޓްރީ ކުރާ އެންމެނަށް ރަޖިސްޓްރީކުރާ ތަނެއްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ފަހިކޮށްދިނުމަކީ އެކޮމިޝަނުގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެކަން އީސީން ކަށަވަރު ކުރާނެކަމަށް ހަބީބު ވިދާޅުވިއެވެ. 

އިއްޔެ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގެ ކޮމިޝަނުގެ ފަރާތުންވަނީ އެޗްޕީއޭގެ އާ ގަވާއިދުގައިވާ އުސޫލްތަކާއި ބެހޭގޮތުން ބޮޑު ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވޯޓުލުމުގެ ކަންކަން ރިސޯޓުތަކުގައި ހަމަޖައްސަން ޖެހޭނެ ކަމަށް އޮތުމުގެ ސަބަބުން އެކަން ބޮޑުވުންވެސް އީސީން ވަނީ ފާޅުކޮށްފައެވެ. 

އަދި ވޯޓުލާން ދާ މީހާއަކީ ކޮވިޑްގެ އަލާމާތެއް ހުރި މީހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމަށްފަހު ނޫނީ ވޯޓުލުމުގެ ފުރުސަތު ނުދިނުމަށް އެޗްޕީއޭގެ ގައިޑްލައިންގައި ހިމަނާފައިވާތީ އެކަންބޮޑުވުންވެސް އީސީން ވަނީ ފާޅުކޮށްފައެވެ. އޭގެ އިތުރުން ކޮންމެ ވޯޓުލާ ފޮއްޓެއް ކައިރީ އެކަންކަން ކަށަވަރު ކުރުމަށްޓަަކައި އިތުރު ސްޕަވައިޒަރަކު ބަހައްޓަން އޮތް އޮތުމާއި ގުޅޭގޮތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހަބީބު ވިދާޅުވީ އެކަން ކަށަވަރު ކުރުމަށްޓަކައި އީސީއަށް ކުރެވޭނެ ކަމަކީ ހުންބެލުން ކަމަށާއި ކޮމިޝަނުގެ ހުރިހާ މުވައްޒަފުންނާއި އޮފިޝަލުން އެޗްޕީއޭގެ ގައިޑްލައިންނަށް އަހްލުވެރިކުރާނެ ކަމަށެވެ. އަދި ކޮންމެ ވޯޓުލާ ފޮއްޓެއް ކައިރީ ސްޕަވައިޒަރަކު ބަހައްޓާނަަމަ އެއީވެސް މާލީ ގޮތުން ދިމާވާނެ ގޮންޖެހުމެއްގެ ގޮތުގައި ހަބީބު ވަނީ ފާހަގަކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް މަހުގެ 10 ގައި ބާއްވަން މިހާރު ވަނީ ނިންމާފައެވެ. އަދި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. 

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް "ސަންސެޓް ގާނޫނަށް" އިސްލާހު ގެނެސް ބިލް ފާސްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. 

ބިލަށް އިސްލާހު ގެނައި ނަމަވެސް އަދިވެސް މެއި 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭ ނަމަ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އެންގުމަށް ބިލްގައި ހިމަނާފައިވެ އެވެ. 

މިދިޔަ އަހަރުގެ މާޗު މަހު ބާއްވަން އޮތް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާއި ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނެއްގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން، އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރު ޖަލްސާއެއް ބާއްވާ ވަނީ "ސަންސެޓް ގާނޫނު" ގެ ނަމުގައި މަޖިލީހުން ގާނޫނެއް ފާސްކޮށްފަ އެވެ. 

އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ. އެ މުއްދަތު ހަމަވާނީ އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް