ads
ދިވެހިރާއްޖޭގެ ހައިކޯޓު-
ތުނބުޅި އާއި ފައިކުރިކުރުކޮށްގެން ވަކިކުރި ބަޔަކަށް ވަޒީފާ ދޭން ހުކުމްކޮށްފި
ތުނބުޅި އާއި ފައިކުރިކުރުކޮށްގެން ވަޒީފާއިން ވަކިކުރި، މޯލްޑިވްސް އިމިގްރޭޝަނުގެ ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި އެ މީހުންނަށް ވަޒީފާ ދިނުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ހައި ކޯޓުގައި އިއްޔެ ހުކުމް އިއްވި މި މައްސަލައަކީ އިމިގްރޭޝަނުގައި މަސައްކަތްކުރި ހަތަރު މީހަކު އިމިގްރޭޝަން ޔުނިފޯމްގެ މިންގަނޑުތަކާއި ހިލާފުވެފައިވާ ކަމަށް ބުނެ ވަޒީފާއިން 2016 ވަނަ އަހަރު ވަޒީފާއިން ކަނޑާލުމާ ގުޅިގެން އެކަމަށް ބަދަލު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލަ ޓްރައިބިއުނަލްއަށް ހުށަހެޅީ އިމިގެރޭޝަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސައީދު މުހައްމަދު، އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރު ހުސައިން މުހައްމަދު، އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު އިސްހާގު އިބްރާހީމް އަދި އިމިގްރޭޝަން އޮފިސަރު ހުސައިން ޝިހާމް، އެ އިދާރާގެ ޔުނީފޯމު މިންގަނޑާ ހިލާފު ވެފައިވާ ކަމަށާއި ޔުނީފޯމް މިންގަނޑާ އެއްގޮތަށް އަމަލު ނުކުރާތީ ކަމަށް ބުނެ އެހެން ވަޒީފާއެެއް ހޯދުމަށް އަންގައި 19 ޖެނުއަރީ 2016 ގައި ވަޒީފާއިން ވަކިކުރުމާއި ގުޅިގެންނެވެ.

އެގޮތުން އެ މީހުން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަމާއި މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ މީހުން ވަޒީފާއިން ވަކިކުރުމުގައި ރިއާޔަތްކޮށްފައި ވަނީ ދިވެހި ގާނޫނު އަސާސީ އާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފު ބާތިލު އުސޫލެއްގެ މައްޗަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، މައްސަލަ ހުށަހެޅި މީހުންނާމެދު އިމިގްރޭޝަނުން ތަފާތު ކޮށްފައިވާތީ ފިޔަވަޅު އަޅައި ދިނުމަށާއި، މައްސަލަ ހުށަހެޅި މީހުންނަކީ ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންތަކެއް ކަމުގައި ނުބެލުމަށާއި، އެމީހުން އަދާކުރަމުން ދިޔަ ވަޒީފާ ތިން ދުވަހުގެ ތެރޭގައި އަނބުރާ އިޔާދަކޮށް ދިނުމަށް އަންގައި އަމުރު ކޮށްދިނުމަށާއި، އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކުން ވަޒީފާއިން ވަކިކުރި ހިސާބުން އުނިކޮށްފައިވާ އެންމެހާ ފައިސާ ތިން ދުވަސް ތެރޭގައި ދެއްކުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

މި މައްސަލަ ޓްރައިބިއުނަލުން ބެލުމަށްފަހު ހުކުމްކޮށް ނިންމީ، އެ އެމީހުން ހުށަހަޅާފައިވާ ފަދަ އެއްވެސް އަމުރެއް ކުރާނެ ތަނެއް ނެތް ކަމަށެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ އެ މީހުން އަލުން އެ ވަޒީފާ ދިނުން ނުވަތަ އެއާ އެއް ފެންވަރުގެ އެހެން ވަޒީފާއަކަށް އަނބުރާ ރުޖޫއަ ކުރުމަށް ހުކުމް ކޮށްފަ އެވެ. 

މީގެ އިތުރުން އެމީހުންނަކީ ވަޒީފާއިން ވަކިވެފައިވާ ބައެއް ކަމަށް ނުބެލުމަށާއި، އެ މީހުން ވަޒީފާގައި ދެމިހުރިނަމަ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި، އެކެއް ސެޕްޓެމްބަރު 2016 އިން ފެށިގެން އަލުން އަނބުރާ ވަޒީފާ ހަމަޖެހޭ ދުވަހަކާ ހަމައަށް ލިބޭނެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެންޖެހޭ ފައިސާ އާއި އިނާޔަތްތައް 14 ދުވަހުގެ ތެރޭގައި އެމީހުންނަށް ދިނުމަށްފަހު ހަތް ދުވަހުގެ ތެރޭގައި އެކަން ޓްރައިބިއުނަލަށް އެންގުމަށް ސިވިލް ސާވިސް ކޮމީޝަނުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް