ads
އައްޑޫ ފްލައިން ސްކޫލުގެ ޖެނަރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދް އަދި އައްޑޫ ފްލައިން ސްކޫލް
އައްޑޫ ފްލައިން ސްކޫލުގެ ޖީއެމް ދަރިވަރުންނާ ބައްދަލުކުރަނީ
އައްޑޫ ސިޓީ ހިތަދޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިން ސްކޫލުގެ މައްސަލަތައް ހައްލުކުރަން އަލަށް އައްޔަނު ކުރި ޖެނަރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދް ދަރިވަރުންނާ މި ފެށޭ ހަފްތާގައި ބައްދަލު ކުރައްވަން ނިންމައިފިއެވެ.

މުހައްމަދު ފަޒީލް ރަޝީދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫ ފްލައިން ސްކޫލުގެ މައްސަލައިގައި ބައެއް ބެލެނިވެރިންނާ މިހާރު މަޝްވަރާ ކުރެވިފައިވާ ކަމަށާއި އިތުރު ބެލެނިވެރިންނާ އެކު މަޝްވަރާ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އަދި ބައެއް ބެލެނިވެރިންނާ މަޝްވަރާ ކުރެވިފައިވާއިރު އެންމެ ބޮޑު މައްސަލައަކަށް އެބޭފުޅުން ފާހަގަކުރައްވަނީ ފްލައިން ސްކޫލުން ދޭން ޖެހޭ ބައެއް ހިދުމަތްތައް ފުރިހަމައަށް ނުލިބޭތީ ކަމަށާއި އަދި ޑޮލަރާ ގުޅުން ހުރި މައްސަލަ ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލުކުރުމަށް މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވީ މި ފެށޭ ހަފްތާގައި ފްލައިން ސްކޫލުގެ ދަރިވަރުންނާއި ބައްދަލުކުރަން ނިންމާފައިވާ ކަމަށާއި އެޗްޕީއޭއިން ހުއްދަ ދިންހާ އަވަހަކަށް އައްޑޫއައް ފުރައިވަޑައިގަންނަވާނެ ކަމަށެވެ.

ފްލައިން ސްކޫލުގެ މައްސަލަތައް ހައްލު ކުރާނެ ކަމަށާއި އެއްވެސް މައްސަލައަކީ ހައްލު ނުކުރެވޭނެ ވަރުގެ މައްސަލައެއް ނޫން ކަމަށް މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވިއެވެ. އަދި މިހާރު ވެސް ސްކޫލުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް އެންމެ ރަނގަޅަށް ކިޔަވައި ދިނުމުގެ ކަންތައް ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ސްކޫލުގެ ކެޕޭސިޓީ ރަނގަޅު ކުރުމަށާއި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މިހާރު ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް މުހައްމަދު ފަޒީލް ރަޝީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް