ads
ކޮވިޝީލްޑް--
މާދަމާ ކޮވިޑް ވެކްސިން ދޭން ފަށަނީ
ރާއްޖޭގައި މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހް މާހިރު ވިދާޅުވީ މާލެ އާއި އައްޑޫ އަދި ހދ. ކުޅުދުއްދުށީގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ މަސައްކަތްތެރިންނަށް ކަމަށެވެ. 

ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތީރިޓީން ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. 

އެ ވެކްސިނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުން ދާއިރު، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ބުނެފައި ވަނީ ރާއްޖޭގެ ނާޒުކު އާބާދީ އާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ވީހާވެސް އަވަހަކަށް ވެކްސިން ދޭން ޖެހޭ ކަމަށެވެ.

ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ، ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލާ ދިރާސާކުރުމަށްފަހު ކަމަށާއި، އަދި އެ ނިންމުމަކީ އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު ކަމުގައިވާ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ކޮވިޝީލްޑަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިން، އެސްއައިއައި އިން މެނުފެކްޗާކޮށް ބާޒާރަށް ނެރެފައިވާ ވެކްސިނުގެ ބްރޭންޑް ނަމެކެވެ. 

މި ވެކްސިނަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން މިދިޔަ އަހަރު ޑިސެމްބަރު މަހު 30 ވަނަ ދުވަހު ހުއްދަކޮށްފައިވާ ވެކްސިންއެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ. 

ބްރިޓިޝް މެޑިސިންސް އެންޑް ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީއަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީ، އެސްއާރްއޭ ލިސްޓުގައި ހިމެނޭ، އާންމު ސިއްހަތުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އިދާރާއެކެވެ. 

އެ އޮތޯރިޓީން ބުނީ، މި ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ، ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް، 18 އަހަރުން މަތީގެ މީހުން ބޭނުން ކުރުމަށް އެކަނި ކަމަށެވެ. އަދި މާބަނޑު މީހުން މި ވެކްސިން ޖެހުމަށް ހުއްދަ ނުދޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް