ads
ބިދޭސީން ގަލޮޅު ދަނޑުގައި--
ވޯކް ޕާމިޓް ފީ 350 ރުފިޔާއަށް ބޮޑުކޮށްފި
ވޯކް ޕާމިޓް ފީގެ ގޮތުގައި ނަގަމުން އައި 250 ރުފިޔާގެ ބަދަލުގައި 350 ރުފިޔާ ނަގަން ނިންމައި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވޯކް ޕާމިޓް) ދިނުމާއި، އެ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި، މަސައްކަތްކުރުމަށް ބިދޭސީންނަށް ވަޒީފާ ދެވޭނެ ގޮތާއި، މި ކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން ކަންކަމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އިއްޔެ ވަނީ އާންމުކޮށްފަ އެވެ. 

ރާއްޖެއަށް ގެންނަ ބިދޭސީން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރަން ޖެހޭއިރު އެމީހުން ރަޖިސްޓްރީ ކުރެވެނީ ފަސް ކެޓަގަރީއަކުންނެވެ. އަދި ރަޖިސްޓަރީ ނުކޮށް ނުވަތަ ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެކްސްޕެޓް ސިސްޓަމް ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފައިވެ އެވެ. 

ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީއަކު ރާއްޖެ ގެނެވޭނީ، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށްފަހު އެވެ. ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށާއި، ދިވެހި ކޮންމެ ފަރުދަކަށާއި، ސަރުކާރުގެ ކޮންމެ އޮފީހަކަށާއި، ގާނޫނީ އެހެނިހެން ޝަހްސުތަކަށް، މި ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދެވޭނެ އެވެ. 

ގަވާއިދުގައި ބުނީ ގެވެށި މަސައްކަތަށް ދޫކުރެވޭ ކޯޓާ ފިޔަވައި އެހެނިހެން މަސައްކަތްތަކަށް ކޯޓާ ދޫކުރެވޭނީ "ނޭޝަނަލް ޖޮބް ސެންޓަރު - ޖޮބް ޕޯޓަލް" ގައި ރަޖިސްޓަރީ ކުރުމުން ކަމަށެވެ. އެގޮތުން ކޯޓާ ދޫކުރެވޭނީ، ކޯޓާ ފީގެ ގޮތުގައި ބާރަ މަސްދުވަހުގެ މުއްދަތަށް 2000 ރުފިޔާ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ. އެކަމަކު އެ ފީ ދައްކަން ފަށަން ޖެހެނީ މިއަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ. 

ކޯޓާ ހޯދުމެއް ނެތި، މި ގަވާއިދާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވުމަކީ މަނާކަމެކެވެ. އަދި ގަވާއިދުގެ ދަށުން ބިދޭސީން ވަޒީފާގައި ގެންގުޅުމަށްޓަކައި ދޫކޮށްފައިވާ ކޯޓާއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު، މި ގަވާއިދާ ހިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ނުވަތަ މަސައްކަތަކަށް ބަދަލުކުރުމަކީ، ނުވަތަ ވީއްލުމަކީ، ނުވަތަ ފޮނުވުމަކީ ވެސް މަނާކަމެއް ކަމަށް ބަޔާންކުރެ އެވެ. 

ވޯކް ޕާމިޓް ފީގެ ގޮތުގައި ކުރިން ދައްކަން އޮތް 250 ރުފިޔާގެ ބަދަލަށް މިހާރު 350 ރުފިޔާ ދައްކަން ޖެހޭ ކަމަށް ގަވާއިދުގައި ބުނާއިރު ވޯކް ޕާމިޓާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފީއަކާއި ފައިސާއެއް ގަވާއިދުން ދެއްކުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އަދި އެފަދަ ފީއެއް ނުވަތަ ފައިސާއަކާ ގުޅިގެން ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ބިދޭސީ މުވައްޒަފުގެ އަތުން އެއްވެސް ފައިސާއެއް ނަގައިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. 

އެގޮތުން ޕްރޮފެޝަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީއަށް ވޯކް ޕާމިޓް ދޫކުރެވޭނީ މަދުވެގެން އެއް އަހަރުދުވަހުގެ މުއްދަތަށް ނުވަތަ ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ނޮން-ޕްރޮފެޝަނަލް ކެޓަގަރީއަށް ވޯކް ޕަރމިޓް ދޫކުރެވޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ޑޮމެސްޓިކް ކެޓަގަރީއަށް ވޯކް ޕާމިޓް ދޫކުރެވޭނީ މަދުވެގެން އެއް އަހަރުދުވަހުގެ މުއްދަތަށް ނުވަތަ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. 

އެއަށް ވުރެ އިތުރަށް މަސައްކަތްކުރާނަމަ ވޯކް ޕާމިޓްގެ މުއްދަތު އިތުރުކުރަންޖެހެ އެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް