ads
ނޮޅިވަރަން ފަރަށް ބަދަލުވެ ބޯހިޔާވަހިކަން ނުލިބުނު މީހުންކުރި މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ތަނަވަސްކަންނެތް ފަރާތްތަކަށް ހިޔާވަހިކަމުގެ އަސާސީ ހައްގު ލިބޭބާ؟
ބޯހިޔާވަހިކަމަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ އަސާސީ އިންސާނީ ހައްގެކެވެ. ކޮންމެތަނަކަށް އުފަންވިކަމުގައިވިއަސް އެމީހަކު ދިރިއުޅޭ ތަނަކުން ލިބެންޖެހޭ އަސާސީ ހައްގެކެވެ. ކޮންމެ އިޖްތިމާއީ ގިންތިއަކަށް އެމީހަކު ނިސްބަތްވި ކަމުގައިވިޔަސްމެއެވެ. ތަނަވަސްކަން ހުރިމީހާއަށާއި ފޯރުންތެރިކަން ނެތް މީހާއަށްވެސްމެއެވެ. އެހައްގު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ނުވަތަ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަކީ އެގައުމެއްގެ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ.

މީގެކުރިން ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްގު މައިގަނޑުގޮތެއްގައި ކަށަވަރުކޮށްދެމުންދިއައީ އަމިއްލަ ފަރުދުން ދިރިއުޅޭނެގެދޮރު އެޅުމަށް ހިލޭ ބަންޑާރަބިން ދޫކޮށްގެނެއެވެ. އެއީ ކިތަންމަ ކުޑަނަމަވެސް އެބިމުގައި ޢިމާރާތެއްކޮށްފައިވާވާނަ، ބިމާއި އިމާރާތް އެމީހެއްގެ ވާރިސުންނަށް ވާރިސްވާގޮތަށެވެ. އަދި އެހެންފަރާތަކަށް ވިއްކާވެސްލެވޭގޮތަށެވެ. އެހެންކަމުން ޒަމާންތަކަކަށް ދާންދެން ބޯހިޔާވަހިކަމުގެ ހައްގުއައީ ކަށަވަރުވަމުނެވެ.

ދިރިއުޅެން ދޫކޮށްފައިވާ ބަންޑާރަގޯތީގެ އަގު ސަރުކާރަށް އަދާކޮށް ބިން އަމިއްލަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވީނަމަވެސް އެއީ ކުރިން ބަޔާންކުރެވިދިޔަ ސަބަބާހުރެ، ރައްޔިތުންގެ މާބޮޑު ތަރުހީބެއް ލިބިފައިވާ ސިޔާސަތެއްނޫނެވެ. އެހެންނަމަވެސް ފަހަކަށްއައިސް ރައްޔިތުން ދިރިއުޅެން ރަށްރަށުން ދޫކުރާ ބަންޑާރަގޯތީގެ ޢަދަދު ސަރުކާރުން ވަނީ މަދުކޮށްފައެވެ. ނުވަތަ ގޯތި ދޫކުރުންވަނީ މެދުކަނޑާލާފައެވެ. އަދި ބައެއް ރަށްރަށުން ހައްސަކޮށް ބައިބޯ ރަށްރަށުން ގޯތިދިނުން ހުއްޓާލާފައެވެ.

your imageހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކެއް

ގެދޮރުގެ މައްސަލައަށް ހައްލެއްހޯދުމަށް މާލޭގެ ފަޅުހިއްކައިގެން އިތުރުކުރި ބިމުން ދޫކުރެވުނު ގޯއްޗާއި ވިލިމާލެއިން ދޫކުރެވުނު ބިންތަކަށްފަހު، އިތުރު ބިން ނެތުމުން މާލެ ނުވަތަ މާލެއަށް ނިސްބަތްވާ ބިމުން ހިލޭ ބަންޑާރަގޯތި ދިނުން މުޅިން ހުއްޓާލެވުނެވެ. އެއާއެކު ކުރިންދޫކޮށްފައިވާ ބަންޑާރަގޯތިތައް ވާރިޘުންގެ މެދުގައި ފޮތިކުރެވެންފެށުނެވެ. އަދި މާލޭގައި ގެދޮރު ކުއްޔަށްދިނުމުގެ ވިޔަފާރިފެށުނެވެ. އެހެންކަމުން މާލޭގައި ކުލީބޯހިޔާވަހިކުމުގެ ފުރުސަތުތަކެއް ހުޅުވިގެންދިއައެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު

ރާއްޖޭގެ ގިނަ ރައްތަކުން އެކަށީގެންވާ އަސާސީ ޚިދުމަތާއި ޢިޖްތިމާޢީ އަދި އިޤްތިސާދީ ޚިތުމަތްތައް ލިބެންނެތުމުން ނުވަތަ ލިބެންހުރި ހިދުމަތްތަކުގެ ފަންވަރު ދައްވުމުން ގިނަޢަދަދެއްގެ ރައްރަށުގެ ރައްޔިތުން ޒަމާނުންސުރެ ދިއައީ ވެރިރަށް މާލެއަށް ޙިޖުރަކުރަމުންނެވެ. ދިރިއުޅެން މާލެއަށް ބަދަލުވާ ފަރާތްތަކާއި ވަޒީފާއަދާކުރަން ރާއްޖެއަންނަ ބިދޭސީންގެ ޢަދަދު އަހަރަކަށްވުރެ އަހަރެއް ދިއައީ އިތުރުވަމުންނެވެ. އެހެންކަމުން މާލޭގައި ދިރިއުޅޭ އާބާދީދިއައީ ބޮޑުވަމުންނެއެވެ.

ވޭތުވެދިޔަ ވިއްސަކަށްއަހަރު ހަލުވި މިނެއްގައި ބޮޑުވަމުންދިޔަ މާލޭގެ އާބާދީއަށް އެހަލުވި މިނުގައި މާލެއިން ގެދޮރު ފޯރުކޮށްދިނުމަށްވަނީ ނުކުޅެދިފައެވެ. މައިގަނޑު ސަބަބަކަށްވެފައިވަނީ އިތުރު ބިންނެތުމާއި ހުރިބިންތަށް ތަރައްޤީކުރުމަށް ބޭނުންވާ މާލީތަނަވަސްކަން ނެތުން ނުވަތަ ލޯނުގެ ފުރުސުތުތައް މަދުވުމެވެ. މީގެއިތުރުން ލިބެންހުރި  ލޯނުގެ އަގުބޮޑުވުމެވެ. ނަތީޖާއަކަށްވީ މާލޭގެ ރައްވެހިންގެ މެދުގައި ފޮތިކުރެވެމުންދިޔަ ބިމުގެ ސައިޒު ކުޑަވިކަމުގައިވިޔަސް ބިމުގެއަގު ބޮޑުވެ ކުލި މައްޗަށްދިއުމެއެވެ.

މާލޭގައި އަމިއްލަ ގޯތީގައާއި ކުއްޔަށްދިރިއުޅޭ ގިނަ ޢާއިލާތައް ދިރިއުޅެމުންދިއައީ އެކަށީގެންވާވަރަށްހުރެ ކުދި "ކޮތަރުކޮށި" އަށްވުރެވެސް ވައިދައުރުނުވާ  ގުދުރަތީއަލިކަން ނުލިބޭ ތަންތަނުގައެވެ. ޢިމާރާތުގެ ފެންވަރު ދަށްތަންތާންގައެވެ. ބައެއްތަންތަނަކީ ޓިނު ނުވަތަ ފިލާއިން ހަދާފައިވާ ހޫނުގަދަ އަދި ވާރޭމޫސުމުގައި ރަނގަޅަށް ވާރޭވެސް ހިޔާނުވާ ތަންތަނައެވެ. މިފަދަ ބައެއްތަންތަން ހީވާނީ ދެންމެ ދެންމެ ބޮލަށް ވެއްޓިދާނެހެނެވެ.

your imageހިޔާ ފްލެޓްތައް--

މާލޭގެ ކުދިކުދި ގެ ނުވަތަ ފްލެޓްތަކުގައި އާންމުކޮށްހުންނަނީ އެންމެ ފާހާނާއެކެވެ. ކިތަންމެ ބޮޑުއާއިލާއެއް ދިރިއުޅޭތަނެއްކަމުގައިވިއަސްމެއެވެ. ބައެއްތަންތަނުގައި އެކަށީގެންވާ ބަދިގެއެއްނުހުރެއެވެ. އޭގެބަދަލުގައި ގެއަށްވަންނަ ގޯޅި ހިހާކޮށްގެން ބަދިގޭގެ ގޮތުގައި ބޭނުންކުރަންހަދާފައިވާ ތަންތަން ގިނައެވެ. ގިނަފަހަރަށް ސިޓިންރޫމެއްނުހުރެއެވެ. ބައެއް ގޭބީސީތަކުގެ ނިދާކޮޓަރިއާއި ބަދިގެ އަދި ސިޓިންރޫމްކީވެސް އެއްތަނެކެވެ. މައިންބަފައިންނާއި ބޮޑެތިވެފައިވާ ދަރިން ނިދަނީ އެއްކޮޓަރިއެއްގައެވެ. ބައެއްފަހަރު ކާފައާއި މާމަވެސްމެވެ. ބޮޑެތިވެފައިވާ ދެޖިންސްގެ ކުދިންވެސް އެއްކޮޓަރިއެއްގައެވެ. ނުވަތަ މައިންބަފައިންނަށް ކޮޓަރިއެއްހުރިއެއް ހުރިނަމަވެސް ދަރިން ސިޓިންރޫމްގައެވެ. އެއްބަނޑު ނުވަތަ ތިމާގެ މީހުނާއެކު އެއްކޮޓަރީގައި ދިރިއުޅޭ ދެމަފިރިންވެސް މަދެއްނޫނެއެވެ.

ކުލިބޮޑުވުމުގެ ސަބަބުން އެޕާޓްމަންޓްގެ ކުލި ބަހާލައިގެން ބޮޑުބޭބެއިންނާއި، ބޮޑުތައިތައިންނާ އެފަރާތްތަކުގެ ދައިންނާއެކު ނުވަތަ "އެކްސްޓެންޑެޑް ފެމިލީ"އާއެކު އެއް އެޕާޓްމަންޓެއްގައި ދިރިއުޅުމަކީ މާލޭގައި ވަރަށް އާންމު ކަމަކެއެވެ. އަދި ޢާއިލީ ގުޅުމެއްނެއް ނުދަންނަ ޢާއިލާތަކާއެކުވެސް އެއްއެޕާޓްމަންޓެއްގައި ގިނަ ޢަދަދެއްގެ ބަޔަކުދިރިއުޅެއެވެ. އެފަދަ "ކޯހައުސިންގ" ކޮންސެޕްޓަކީ ކުއްޔަށް އުޅޭފަރާތްތަކުގެ ކުއްޔަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބޭ ގޮތެކެވެ.  އެހެންނަމަވެސް އެތަށް ބައިވަރު ޢާއިލީ އަދި ޢިޖްތިމާޢީ މައްސަލަތަކެއްގެ އަސްލެއް ކަމަށް ޤާބޫލްކުރެވޭ ކޮންސެޕްޓެކެވެ.

ކުއްޔަށް ލިބެންހުރި މަދު ގެ ނުވަތަ "ފްލެޓް"ތަކުގެ ކުލި ދުވަހަކަށްވުރެ ދުވަހެއްދިއައީ މެދުފަންތީގެ ފަރާތްތަކަށާއި ދަށްފަންތީގެ ނުވަތަ ފަޤީރުންނަށް އަތްނުފޯރާފަށަށް މައްޗަށެވެ. އެހެންކަމުން ފަހި ދިރިއުޅުމެއް ހޯދަން މާލެއަށް ހިޖުރަކުރި ގިނަ އާޢިލާތަކާއި މާލެއަށް އުފަން ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއްނުލިބި ދިރިއުޅެންޖެހިފައިވަނީ ތޮއްޖެހިފައިވާ ހިޔާވަހިތަކެއްގައެވެ. ހަމަމިއާއެކު މިދެންނެވި ފަރާތްތަކަށްލިބޭ އާމްދަނީގެ ބޮޑުބައެއް ހޭދަކުރަނީވެސް ކުލިދެއްކުމަށެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި މޯލްޑިވްސް ނެޝިނަލް ޔުނިވަރސިޓީ އަދި އިސްލާމިކް އުނިވަރސިޓީ އޮފް މޯލްޑިވްސް ގުޅިގެން މާލޭގެ ގެދޮރުގެ ހާލަތު ދެނެގަތުމަށް ހަދާފައިވާ ދިރާސާއިން ފަހަގަވި ކަންކަން.

%56.6 މީހުން ދިރިއުޅެނީ ކުއްޔަށް.

%92 ފަރުދުންގެ އާމްދަނީ 20000ރުފިޔާ ނުވަތަ އެއަށްވުރެ ދަށް.

%85.8 ފަރުދުންގެ އާމްދަނީ 15000ރުފިޔާ ނުވަތަ އެއަށްވުރެ ދަށް.

% 53ފަރުދުންގެ އާމްދަނީ 5000 ރުފިޔާއަށްވުރެ ދަށް.

 51 % ގޭބީސީތަކުގެ ޖުމްލަ އާމްދަނީއަކީ 30000 ރުފިޔާއާ ނުވަތަ އެއަށްވުރެ ދަށް

 25.6  % ގޭބީސީތަކުގެ ޖުމްލަ އާމްދަނީއަކީ 20000އާއި 30000 ރުފިޔާއާ ދެމެދު.

42.1  %  ގޭބީސީތަކުގެ ޖުމްލަ އާމްދަނީއަކީ 20000 ރުފިޔާއާ ނުވަތަ އެއަށްވުރެ ދަށް.

ގޭބީސީގެ ޖުމްލަ އާމްދަނީ 20000 ރުފިޔާއަށް ދަށުން ލިބޭ ގިނަ ގޭބީތަކުން ދިރިއުޅެނީ 2ކޮޓަރީގަ.

2ކޮޓަރީގައި ދިރިއުޅޭ ގިނަ ފަރާތްތަކުގެ އާމްދަނީއަކީ 10000އާއި 15000 ރުފިޔާއާ ދެމެދު

ގޭބީސީގެ ޖުމްލަ އާމްދަނީ 10000 ރުފިޔާއާ ނުވަތަ އެއަށްވުރެ ދަށުން ލިބޭ ގޭބީސީތަކުން ދިރިއުޅެނީ އެއްކޮޓަރީގައި

 42.3 % މީހުންދިރިއުޅޭ ތަނުގެ ކުއްޔަކީ 10000އާއި 15000 ރުފިޔާއާ ދެމެދު.

 27 % މީހުންދިރިއުޅޭ ތަނުގެ ކުއްޔަކީ 10000 ރުފިޔާ ނުވަތަ އެއަށްވުރެ ދަށް.

80 %  ހުރެ ގިނަ މީހުން ދިރިއުޅެނީ ދެމީހުނަށްވުރެ ގިނަމީހުނާއެކު އެކޮޓަރިއެއްގައި.

 35 % މީހުން ދިރިއުޅޭނީ 4 މީހުންނާއެކު އެއްކޮޓަރިއެއްގައި.

37 % ވުރެ ގިނަ ގޭބީތަކުގައި ދެމީހުންނަށްވުރެ ގިނަމީހުން އެއްފާޚާނާއެއް ބޭނުންކުރޭ.

މިދިރާސާއިން ދައްކާގޮތުގައި 10 މީހުން އެއްކޮޓަރީގެ ނިދާ ގޭބީސީތަކާއި 14 މީހުން އެއްފާޚާނާ ބޭނުންކުރާ ގޭބީސީތައްވެސް ހުރެއެވެ.

އެވްރެޖްގޮތެއްގައި މާލޭގެ ގޭބީސީއެއްގައި 5.8 މީހުން ދިރިއުޅޭ

ދިރާސާގައި ސުވާލުކުރެވުނު %15.7 މީހުންނަކީ 55އަހަރަށްވުރެ މަތީ އުމުރުފުރައިގެ މީހުންނެވެ. އަދި 24އަހަރުން ދަށުގެ ނިސްބަތަކީ އެންމެ %10އެވެ. މިދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ކައިވެނި ނުކޮށްދިބި މީހުންގެ ނިސްބަތަކީ %11.3 އެވެ. މީގެތެރޭގައި ކައިވެނިކުރަން ބޭނުންވެ ބޯހިޔާވަހިކަމުގެ ހާލަތު ހުރިގޮތުން ކައިވެނި ނުކުރެވިވާ މީހުންވެސް ހިމެނޭނެއެވެ. ރާއްޖޭގައި އެވްރެޖްކޮށް މީހުން ކައިވެނިކޮށް އާޢިލާއެއް ހޯދާ އުމުރުފުރައަށް ބަލާއިރު، -/15000ރ އަށްވުރެ ދަށުން އާމްދަނީ ލިބޭ %85.8ފަރުދުންގެ ތެރޭގައި ގިނަވާނީ އާއިލާ ބަލަހައްޓާ ފަރާތްތަކެއެވެ. މީގެއިތުރުން ރާއްޖޭގެ އާއިލީ ސަޤާފަތަށް ބަލާއިރު، އާމްމުގޮތެއްގައި މައިންބަފައިންވެސް ދިއިރުޅެމުންދަނީ ދަރިންނާ އެއްގޭބީސީއެއްގައެވެ.

your imageފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފިސް 

މާލޭގައި ކުއްޔަށްދޫކުރާ 1 ކޮޓަރީގެ ގިނަ އެޕާޓްމަންޓްތަކުގެ ކުއްޔަކީ -/15000އާއި -/10000ރުފިޔާއާ ދެމެދެވެ. ވީމާ މަތީގައިވަ ތަފާސްހިސާބުތަކަށް ބަލާއިރު، %53 މީހުންނަށް 1ކޮޓަރީގެ އެޕާޓްމަންޓެއްކުއްޔަށް ހިފުމަކީ ނާދިރުކަމެކެވެ. %85ވުރެ ގިނަ އަމިއްލަ ފަރުދުންނަށް އެޕާޓްމަންޓެއް ލިބުނަސް އާމްދަނީގެ ބޮޑުބައެއް ދާނީ ކުއްޔަށެއެވެ. އެހެންކަމުން ދެމަފިރިންކަމުގައިވީނަމަވެސް ނުވަތަ އާއިލާއެއް ބަލަހައްޓާ ފަރާތެއްނަމަވެސް އާއިލާއާއެކު ގިނަ ބަޔަކު ދިރިއުޅެމުންދާނީ އެހެންމީހުންނާ އެއް އެޕާޓްމަންޓެއް ހިއްސާކޮށްގެންނެވެ.

މާލޭގައި ގިނަގޭބީސީތަކުން ކުއްޔަށްއުޅެނީ ދެކޮޓަރީގަ އެޕާޓްމަންޓްގައެވެ. އޭގެތެރެއިން ގިނަ ތަންތަނުގެ ކުއްޔަކީ -/15000އާއި -/10000ރުފިޔާއާ ދެމެދެވެ. އާދައިގެ ފެންވަރެއްގެ ތިންކޮޓާރީގެ އެޕާޓްމަންޓެއްގެ އެވްރެޖްކުއްޔަކީ -/25000ރުފިޔާއެވެ. އެހެންނަމަވެސް %50ވުރެ ގިނަ ގޭބީސީތަކުގެ ޖުމްލަ އާމްދަނީ އަކީ -/30000ރުފިޔާއަށް ވުރެ ދަށް އާމްދަނީއެކެވެ. ދެކޮޓަރިއާއި ތިންކޮޓަރީގެ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ގިނަ ޢާއިލާތަކުގެ ތެރޭގައި މާމައާއި ކާފަހިމެނޭ ޢާއިލާތައް ގިނަވާނެއެވެ. އެހެންކަމުން ބޮޑުކުލިދައްކައިގެން ދިރިއުޅެމުންދާ އެފަދަ ޢާއިލާތަށް އުޅެމުންދާނީ އެއްކޮޓަރީގައި ދެމީހުނަށްވުރެ ގިނައިންނެވެ.

ފަރުދުންނަށާއި ގޭބީތަކަށް ލިބޭ އާމްދަނީއަށާއި މާލޭގެ ގެދޮރުގެ ކުއްޔަށްބަލާއިރު އާއިލާގެ ދެމެމްބަރުން ނުވަތަ އެއަށްވުރެގިނަ މެމްބަރުންނަށް އާމްދަނީ ލިބުނުކަމުގައިވިޔަސް ބޮޑުބައެއް ހޭދަވާނީ ކުއްޔަށެވެ. އެއްފަރުދަކު އާމްދަނީ ހޯދާ ޢާއިލާތަކުގައި ހާލަތު އިންތިހާއަށް ގޯސްވާނެއެވެ. ގޭބީސީއަކަށް ލިބޭ އާމްދަނީގެ %85 ޚަރަދުކުރަނީ ބޯހިޔާވަހިކަމަށެއެވެ. ކުލިދެއްކުމަށްފަހު އެހެނިހެން ޚަރަދުކުރަން ބާކީވާނީ ކުޑަ އެއްޗެކެއެވެ. އެހެންކަމުން އަދިވެސް ގިނަ ޢާއިލާތަކުން ދިރިއުޅެމުންދަނީ ނިސްބަތުންކުދި އެޕާޓްމަންޓްތަކުގައި އެކަށީގެންވާވަރަށްވުރެ ކުލިބޮޑުކޮށެވެ. ތޮއްޖެހިފައިވާ ޚާލަތެއްގައެވެ. އދ. ފަދަ ޖަމްޢިއްޔާތަކުންނާއި ތަރައްޤީވެފައިވާ ޤައުމުތަކުން ދެކޭގޮތުގައި ގޭބީސީއަކަށް ލިބޭ އާމްދަނީގެ  %20އާއި %30 ވުރެ ކުލި ބޮޑު ނަމަ އެކުއްޔަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ކުއްޔެކެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު

ބޯހިޔާވަހިކަމުގެ އަސާސީ ހައްގު ކަށަވަރުކޮށްދިނުމަށް ވޭތުވެދިޔަ ސަރުކާރުތަކުންވަނީ ސިޔާސަތުތަކެއް ކަނޑައަޅައި މަސައްކަތްތަކެއްކޮށްފައެވެ. ހަމައެބީދައިން މިސަރުކާރުންވެސް ވަނީ ސިޔާސަތުތަކެއް ކަނޑައެޅައި ތަންފީޒުކުރަމުންނެވެ. މައިގަނޑުގޮތެއްގައި ސަރުކާރުތަކުގެ ވިސްނުންހުރީ ސަރުކާރާއި އަމިއްލަ ވިޔަފަރިތަކުގެ ހިއްސާވެގެން މާލެއިން ފޯރުކޮށްދޭ ގެދޮރުގެ ޢަދަދު އިތުރުކޮށް މައްސަލައަށް ހައްލެއްގެނައުމެވެ. ސަރުކާރުން ދޫކުރާބިމުގައި ވިޔަފާރި އުސޫލުން ގެދޮރުތަރަށްޤީކޮށް ވިއްކައިގެނާއި ކުއްޔަށްދިނުމަށް ހުޅުވާލައިގެނެވެ. ރިއަލްއެސްޓޭޓް ވިޔަފަރި މެދުވެރިކޮށެވެ.

މާލޭގެ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއްހޯދުމަށް ކަނޑައެޅި ސިޔާސަތުގެ ދަށުން ވޭތުވެދިޔަ ވިހިއަހަރުގެ ތެރޭގައި ސަރުކާރުން ކުރި މައިގަނޑު މަސައްކަތްތައް.

  • މާލެއާއި ވިލިގިލީގައި ސޯޝަލް ހައުސިންގ ފްލެޓް ޕްރޮޖެކްޓް
  • 1997ގައި ފެށި ހުޅުލޭ ފަޅު ހިއްކައި "ހުޅުމާލެ" ތައްޤީކުރުމުގެ ޕްރޮޖެކްޓް.
  • "ހުޅުމާލެ" ތަރަށްޤީކުރުމަށް 2001ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ %100ވާ ކުންފުންޏެއް އުފެއްދުން.
  • ރިއަލްއެސްޓޭޓް ވިޔަފާރިއަށް މަގުފައިވާގޮތަށާއި ފަރުދުންނަށް ފްލެޓް އަމިއްލަ ކުރެވޭގޮތަށް 2002ގައި ބިމާބެހޭ ޤާނޫނެއް އެކުލަވާލައި ތަސްދީޤްކުރުން.
  • ފުރަތަމަފަހަރަށް ފުޅާދާއިރާއެއްގައި މާލެސަރަހަށްދުން ހުޅުމާލެއިން އާންމުންނަށް ގެދޮރުއަޅަން ބިން ވިއްކުން.
  • ބީލަންއުސޫލުން އާންމުންނަށާއި ކުންފުނިތަކަށް ގެދޮރު ޢިމާރާތްކުރަން ބިން ވިއްކުން.
  •  2004ގައި ސަރުކާރު ހިއްސާވާގޮތަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ)ގެ ނަމުގައި ގެދޮރު ޢިމާރަތްކުރުމަށް ބޭނުންވާ ލޯނު ދިނުމަށް ކުންފުންޏެއް އުފެއްދުން.
  • 2015ގައި ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހި ނިންމުން.
  • ފްލެޓްތަރައްޤީކޮށް ކަނޑައެޅިފައިވާ ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށް ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ހުޅުމާލެއިން ފްލެޓް ދޫކުރުން.

ހުޅުމާލެ ތަރައްޤީކުރުމުގެ މަރުހަލާއާއެކު ހުޅުމާލެއާއި މާލޭގެ ބިން ރިއަލްއެސްޓޭޓް ވިޔަފާރިއަށް ހުޅުވިގެންދިއައެވެ. އެއާއެކު ކުންފުނިތަކުން އެޕާޓްމަންޓްތައް ތަރަށްޤީކޮށް އާންމުންނަށް ވިއްކަންފެށުނެވެ. އަމިއްލަ ފަރުދުން ހުޅުމާލެއިން ގަތް ބިންތަކުގައިވެސް އެޕާޓްމަންޓްތަށް ތަރަށްޤީކޮށް ކުއްޔަށްދޭންފެށުނެވެ. ލިބެންހުރި އެޕާޓްމަންޓްތަކުގެ ފެންވަރު ރަނގަޅުވިއެވެ. ނަމަވެސް އެކިއެކި ގޮންޖެހުންތަކާއުރެ ޑިމާންޑާއެއްވަރަށް އެޕާޓްމަންޓް ސަޕްލައިކުރުމަށް އަދިވެސް ވަނީ ނުކުޅެދިފައެވެ. އަދި ގިނަ ޢަދަދެއްގެ އެޕާޓްމަންޓްތަކެއް ތަރައްޤީކުރިކަމުގައިވިޔަސް ބިމާއި ލޯނު އިންޓަރެސްޓް ބޮޑުވުމުގެ ސަބަބުން އަގު ތިރިވާނެކެމަށް ނުބެލެވެއެވެ.

ރާއްޖެއަކީ ގުދުރަތީ ބިންކުޑަ ޤައުމަކަށްވެފައި މާލޭގެ ބިން ހިއްކައިގެން އިތުރަށް ބޮޑުކުރާނޭ ޖާގަ ނެތުމާއި ބިންހިއްކުމުގެ އަގު ބޮޑުވުމުގެ ސަބަބުން ބިމުގެ އަގުދާނީ މަށްޗަށެވެ.  އަދި މާލެއަށް ހިޖުރަކުރާ މީހުން އިތުރުވަމުންދާ ރޭޓަށްބަލާއިރު، ލަފާކުރެވެނީ ކުރިއަށް އޮތްތާނގައި ގެދޮރުގެ އަގު އިތުރަށް ބޮޑުވަނެކަމަށެވެ. އެހެންކަމުން ތޮއްޖެހިފައިވާ މާލޭގެ ގެދޮރުގެ މައްސަލައިގެ ހައްލު ފަސޭހައެއްނުވާނެއެވެ.

your imageރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ވިޔަފާރިއުސޫލުން ވިއްކާ ނުވަތަ ކުއްޔަށްދޭ އެޕާޓްމަންޓްތަށް ގަނެވޭނެ ތަނަވަސްކަން ނެތްމީހުނަށް އަމާޒުކޮށް ސަރުކާރު ހިއްސާވާ ކުންފުނި އެޗް.ޑީ.ސީން ދިއައީ އަގު ހެޔޮ ފްލެޓްތަކެއް ތަރަށްޤީކުރަމުންނެވެ. އެ ފްލެޓްތަކަކީ ސަރުކަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއްހޯދުމަށް އެކުލަވާލާފައިވާ ސޯޝަލް ހައުސިންގ ސްކީމް އަށް ޝަރުތުހަމަވާ ފަރާތްތަކަށް ދޫކުރާ ފްލެޓްތަކެއްކަމުގައި ކަނޑައެޅިއެވެ. އެހެންނަމަވެސް މާލޭގެ އާބާދީ އިތުރުވަމުންދާ ހަލުވިމިނަށް އަގު ހެޔޮ ފްލެޓްތަކެއް ފޯރުކޮށްނުދެވުމުންނާއި ސޯޝަލް ހައުސިން ސްކީމްއަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވުމުގެ ސަބަބުން ގިނަ ބަޔަކަށް އަދިވެސް އެކަށީގެންވާ ހިޔާވަހިކަމެއް ނުލިބެއެވެ.

ސޯޝަލް ހައުސިންގ ގެ މަޤުސަދަކީ ވިޔަފާރިއުސޫލުން ތަރައްޤީކުރާ ގެދޮރު ގަނެވޭނެ ނުވަތަ ކުއްޔަށްހިފޭނެ ތަނަވަސްކަން ނެތް މީހުނަށް އެކަށީގެންވާ ފެންވަރެއްގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެއެވެ.

މާލޭ ގިނަބަޔަކަށް ލިބޭ އާމްދަނީއަށްބަލާއިރު، ވިޔަފާރި ބޭންކްތަކާއި ފައިނޭންޝަލް އިންސްޓިޓިއުޓްތައް މެދުވެރިކޮށް ގެދޮރުހޯދުމަށް ހުރަސްތަކެއްވެއެވެ. އެއީ ކަނޑައެޅިފައިވާ ވަކި ޢަދަދަކަށްވުރެ މަދުން އާމްދަނީ ލިބޭނަމަ އެފަދަ ދިނަ ލޯނުތަކަށް ޝަރުތުހަމަނުވާނެތީއެވެ. މިސާލަކަށް -/15000ރުފިޔާ އަށްވުރެ ދަށުގެ އާމްދަނީއެއް ލިބޭ ފަރާތްތަކަށް އެޗް.ޑި.އެފް.ސީ ގެ ހައުސިންގ ލޯނަކަށް ކުރިމައްޗެއް ނުލެވެއެވެ. އަމިއްލަ ފަރުދުންގެ %85.8 އަކީ އެޢަދަދަށްވުރެ ދަށުން ޢާމްދަނީ ލިބޭ ފަރަތްތަކެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް އޮތް ހަމައެކަނި ފުރުސަތަކީ ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމެވެ.

މާލެގެ ސޯޝަލް ހައުސިންގ އަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ކަނޑައެޅޭ ވަކި ޢަދަކަށް އާމްދަނީ ލިބުންހިމެނެއެވެ. އެންމެފަހުން އަމަލުކުރި އުސޫލަށް ބަލާއިރު މަދުވެގެން -/10000 ރުފިޔާ ލިބުން ލާޒިމެވެ. މީ ރާއްޖޭގައި ވަޒީފާ އަދާކުރާ  ގިނަ ފަރާތްތަށް އެވްރެޖްކޮށް ލިބޭ މުސާރައަށްވުރެ ބޮޑު ޢަދަދެކެވެ. %71.4 އަކީ އެޢަދަދަށްވުރެ މަދުން ޢާމްދަނީ ލިބޭ ފަރަތްތަކެވެ.

އާބާދީގެ ތެރެއިން -/5000ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭ %53 މީހުނަށް ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމަކަށް ކުރިމަތި ލުމުގެ ފުރުސަތެއްނޯވެއެވެ. ކުރިން ބަޔާންކުރިފަދައިން މިފަދަ މީހުންގެ ތެރޭގައި ޢާއިލާ ބަލަހައްޓާ ފަރާތްތައްވެސް ހިމެނޭނެއެވެ. އެފަރާތްތަށް ގެދޮރުގެ ހާލަތު ރަނގަޅުކުރުމުގެ ފުރުސަތެއްނެތެވެ. ދެންވެސް އޮތީ ކުރިންވެސް އުޅުނުގޮތަށް އަދި މިހާރުވެސް އުޅެމުންދާގޮތަށް ބޮޑުކުލީގައި ތޮއްޖެހިގެން ދިރިއުޅުމެވެ.

ގިނަ ގޭބީސީއަށް ލިބޭ ޖުމްލަ އާމްދަނީއަށް ބަލައިފިނަމަ، ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމަށް ގިނަ ޢާއިލާތަކުން ޝަރުތު ހަމަވާނެއެވެ. މުޅި ޢާއިލާ ނުވަތަ އެއްގޭބީސީ އެންމެން ހިއްސާވެގެން ކުލި ދެއްކުމުން ކުލިކުޑަވާނެއެވެ. އެހެންނަމަވެސް މިހާރުގެ އުސޫލުގެ ދަށުން މިފަދަ ބައެއް ފަރާތްތަކަށް ފްލެޓް ލިބުމުގެ ފުރުސަތު ކުޑައެވެ. ހަމައެއާއެކު ފްލެޓް ލިބުނަސް ދިރިއުޅުމުގެ ހާލަތު ރަނގަޅެއްނުވާނެއެވެ. ފެންނާނީ މިހާރުގެވެސް ހާލަތެވެ. ކުދި މަދު ޢާއިލާއެއްގެ ފިޔަވައެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ގިނަގޭބީސީ ތަތަކީ ތޮއްޖެހިފައިވާ ގޭބީތަކެކެވެ. އެއްކޮޓަރިއެއްގައި ދެމީހުނަށްވުރެ ގިނަމީހުން ދިރިއުޅޭ ގޭބީސީތަކެވެ.

ސޯޝަލް ހައުސިންގ ލިބޭ ފަރާތްތަށް ކަނޑައެޅުމުގައި އަށާރަ އަހަރު ވެފައިވާ ދަރިންތިބިނަމަ، ދިރިއުޅޭ ތަނުގެ ހާލަތު ކިތަންމެ ގޯސްނަމަވެވެސް ލިބޭ ޕޮއިންޓް މަދުވުމުގެ ސަބަބުން ފްލެޓް ނުލިބިއެބަދެއެވެ. އެހެންނަމަވެސް އާއިލާއެއް ނުފަށާނަމަ އެއްކަލަ އަށާރައަރުނުވާ ދަރިންނަށް ވަކިން ފްލެޓަށް ކުރުމަތި ލިމުގެ ފުރުސަތެއް ނޯވެއެވެ. އެހެންކަމުން މިފަދަ ފަރާތްތަށް މިސްކީމްގެ ދަށުން ބާކީވެގެންދެއެވެ.

ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ސެކްޓަރ ބޭސް ހައުސިންގ ތަޢާރަފްކޮށް ގެދޮރު ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ބައެއް މުއްސަސާތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަށް ހިމެނެއެވެ. އޭގެތެރޭގައި އެމް.އެން.ޑީ.އެފް އާއި މިނިވަން މުއައްސަސާތަކާއި ސިވިލް ސަރވިސް ހިމެނެއެވެ. މީގެތެރެއިން ސިވިލް ސަރވިސްފިޔަވައި ދެންތިބި މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އެވްރެޖް އާމްދަނީއާ އަޅާބަލާއިރު ރަނގަޅު އާމްދަނީއެއް ލިބޭ ފަރާތްތަކެކެވެ.

ރާއްޖޭގެ ވަޒީފާ އަދާކުރާމީހުންގެ އެވްރެޖްއާމްދަނީއަށްވުރެ ސެކްޓަރ ބޭސް ހައުސިންގ ގެ ދަށުން ގެދޮރު ހަމަޖައްސައިދޭ މުއައްސަސާ ތަކުގެ އެވްރެޖް އާމްދަނީ މަތިނަމަ މިއީ ރާއްޖޭގެ މިހާރުގެ ބޯހިޔާވަހިކަމުގެ ހާލަތަށްބަލާއިރު އެންމެ އެކަށީގެންވާ ސިޔާސަތެއްކަމަކަށް ނުބެލެވެއެވެ. އަދި އިންސާފުވެރި އުސޫލެއްކަމަކަށްވެސް ނުބެލެވެއެވެ. މިއުސޫލުގެ ސަބަބުން ތަނަވަސްކަން ނެތް ފަރާތްތަކަށް ފްލެޓް ލިބުމުގެ ފުރުސަތު އިތުރަށް ހަނިވާނެއެވެ.

ވެކި ސެކްޓަރއެއް ބެލިމެއްނެތި ލިބޭއާމްދަނީ ކުޑަ ހުރިހާ ފަރާތްތަކަށް އާމްދަނީއާއި ހާލަތަށް ރިއާޔަތްކޮށް ހަމަހަމަކަމާއެކު ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ގެދުރު ދޭނަމަ، ކޮންމެ ސެކްޓަރއެއްގައި މަސައްކަތްކުރި ކަމުގައިވިޔަސް ތަނަވަސްކަންނެތް ފަރާތްތަކަށް ގެދޮރު ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.

މީހާރު ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އެތަންތަން ދޫކޮށްފައިވާ ފަރާތްތަކުން ދިރިއުޅެނީ މަދުދަނެއްގައެވެ. ގިނަ ތަންތަން ހުންނަނީ ކުއްޔަށްދީފައެވެ. ގިނަ ފަހަރަށް ބޮޑުއަގުގައެވެ. އެތަންތަނގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކުގެ ތެރޭގައި ލިބޭ އާމްދަނީ ކުޑަވުމުގެ ސަބަބުން ސޯޝަލް ހައުސިންގ ސްކީމަށް ޝަރުތުހަމަނުވާ ބައެއް ފަރާތްތައް ހިމެނެއެވެ. ގިނަ ފަރާތްތަކަކާއި އެކު އެއް ފްލެޓެއް ހިއްސާކޮށްގެންނެވެ. އެއްކޮޓަރި ނުވަތަ ދެކޮޓަރި އެހެން ފަރާތަކަށް ކުއްޔަށް ދީގެނެވެ. އެފަރާތްތަކުން ދިރިއުޅެމުން އަންނަނީ ކޯ ހައުސިންގ ކޮންސެޕްޓަށެވެ. ސޯޝަލް ހައުސިންގ ވެސް އޮތީ ކުލީ ވިޔަފާރި ކުރެވޭގޮތަށެވެ.

ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމަށް ޝަރުތުހަމަވާ އެންމެ ކުޑަ އާމްދަނީއަކީ އާބާދީގެ ގިނަ ބައެއްގެ މުސާރަށްވުރެ ބޮޑު އަދަދެއްކަމަށްވާނަމަ، ރާއްޖެ ސައިކޮށްފައިވާ އ.ދގެ އިންސާނީ ހައްޤުތަކާބެހޭ މުޢާހަދާއާއި ރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިންސާނީ އަސާސީ ހައްޤުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ ހައްޤު ކަށަކަރުކޮށެއްނުދެވޭނެއެވެ. ހަމައެއާކު އާމްދަނީ އިތުރުވަމުންދާ ރޭޓް ގެދޮރުގެ އަގު ބޮޑުވަމުންދާ ރޭޓަށްވުރެ މަތިނަމަ، މިފަދަ ޝަރުތެއް ކަނޑައެޅުމަކީ އެތަށްބަޔަކު އެހައްގުން މަޙުރޫމްވެގެންދާނޭ ކަމެކެވެ. ރާއްޖޭގެ އާމްދަނީ އިތުރުވަމުންދާ ރޭޓަށްވުރެ 12ގުނަ ބޮޑުކޮށް ގެދޮރުގެ އަގު ފުލިގެންދެއެވެ. ވީމާ ބިން ކުޑަ ޤައުމެއް ގެދުރުގެ ވިޔަފަރިއަށް ހުޅުވާލެވިފައިވާ އޮންނައިރު، މިޝަރުތު މިހެން އޮންނަނަމަ މިމައްސަލައަށް ހައްލެއް އަންނާނެކަމަށް ނުބެލެވެ.

ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ފޯރުންތެރިކަން ނެތް ނުވަތަ ކުޑައާމްދަނީއެއް ލިބޭފަރާތްތަކަށް އެކަށީގެންވާ އަގެއްގައި ދާއިމީ ބޯހިޔާވަހިކަން ހޯދުމަށް ގިނަ ހުރަސްތަކަކާއި ގޮންޖެހުންތަކެއް އެބަހުއްޓެއެވެ. އެހެންކަމުން އަމިއްލަ ގެދޮރު ނެތް މީހުނާއި އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުސަތު ނެތްމީހުން ދަނީގިނަވަމުންނެވެ.

އެހެންކަމުން ސޯޝަލް ހައުސިންގގެ ސްކީމުގެ ދަށުން ފްލެޓް ނުލިބި ބާކީވާ ފަރާތްތަކުގެ ތެރޭގައި ފްލެޓް ލިބުނު ފަރާތްތަކަށްވުރެ ނިކަމެތި ހާލަތުގައި އުޅޭ އެތަށް "ހައްވައްތަ" އެއް އުޅޭނެއެވެ. މިސްކީމްގެ ދަށުން ފްލެޓް ދިނުމުގައި އިސްކަންދޭންވީ ހައްވަ ނުވަތަ އަމިއްލަ ކުންފުނިތަކުން ވިއްކާ ފްލެޓް ގަނެވޭނެ ނުވަތަ ހައުސިންގ ލޯނަށް ޝަރުތުހަމަވާ ފަރާތްތަކަށްބާ؟ -/10000ރ އަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް އޮތީ މަގުމަތިބާ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް