ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--- ފޮޓޯ: ސީއެންއެމް
ޓުއަރިޒަމް ދާއިރާއަށް 10،000 ޑޯޒް ހާއްސަކޮށްފި
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ފަތުރުވެރިންނާ ކޮންޓެކްޓްވާ މުވައްޒަފުންނަށް ކޮވިޑްގެ 10،000 ޑޯޒް ހަމަޖައްސާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މައުސޫމް ވިދާޅުވީ ރައީސް ސޯލިހު ވަނީ މިހާރު ރާއްޖޭގައި ހުރި ވެކްސިންގެ ތެރެއިން 10،000 ޑޯޒް ފަތުރުވެރިންނާ ކޮންޓެކްޓްވާ މީހުންނަށް ހާއްސަކޮށްފައި ވާކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ތަނެއް، ހާއްސަކޮށް ގެސްޓްހައުސް، ސަފާޜީ އަދި ރިސޯޓުތަކާއި ގުޅައިގެން ފަތުރުވެރިންނާއި ކޮންޓެކްޓުވާ މީހުންގެ ލިސްޓެއް ހެދުމަށް މަސައްކަތް ކުރާ ކަމަށް މައުސޫމް ވިދާޅުވިއެވެ. މައުސޫމް ވިދާޅުވީ، މި ލިސްޓުތައް ލިބުނުހާ އަވަހަކަށް ހެލްތް މިނިސްޓްރީ އާއި ވާހަކަ ދައްކައިގެން ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓް ލައިނުގައި މަސައްކަތް ކުރާ މީހުންގެ ގޮތުން ވެކްސިން ދޭނީ އެއާޕޯޓުގެ މުވައްޒަފުން، ރިސޯޓު، ސަފާރީ އަދި ގެސްޓްހައުސްތަކުގެ މުވައްޒަފުން އަދި ރިސޯޓުތަކަށް ދާ މިއުޒިޝަނުންގެ ތެރެއިން ފަތުރުވެރިންނާ ގާތްކޮށް މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށް މައުސޫމް ވިދާޅުވިއެވެ.

"ޓުއަރިޒަމް ދާއިރާގައި މިއުޅެނީ 50،000 މުވައްޒަފުންނަށް ވުރެ ގިނައިން. އޭގެ ތެރެއިން ފްރަންޓްލައިނުގައި އުޅޭ ސީދާ އަދަދެއް ނޭނގެ. އަޅުގަނޑުމެން ބޭނުންވަނީ ފްރަންޓް ލައިނުގަިއ އުޅޭ މުވައްޒަފުންވެސް، ހުރިހާ މުވައްޒަފުންވެސް، އިގުތިސާދީ ހަރަކާތުގައި އުޅޭ ހުރިހާ މީހުންވެސް، ދެން ރާއްޖޭގެ އެންމެންނަށްވެސް ވެކްސިން ޖެހެމުންދާއިރު އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންނަށްވެސް ވެކްސިން ޖެހޭނެ" މައުސޫމް ވިދާޅުވިއެވެ.

އުމުރުން ދޮށީވާވަރަކަށް ވެކްސިންގެ މުހިއްމުކަން ބޮޑުވާ ކަމަށާއި، މި ދާއިރާގައި މަސައްކަތް ކުރާ އުމުރުން ދޮށީ މީހުންނަށްވެސް އިސްކަމެއް ދޭނެ ކަމަށް މައުސޫމް ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް