ads
ވީޑިއޯ ރިޕޯޓް:-
ކޮވިޑާއެކު ސްކޫލުތައް ހުޅުވުން: ޓީޗަރުން ދެކެނީ ކިހިނެތް؟
ކޮވިޑް 19އާއި ގުޅިގެން ގިނަ ދުވަސްތަކަކަށްފަހު ސްކޫލުތައް އަލުން ހުޅުވީ މިދިޔަ މަހު 10ގައެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ ސްކޫލުތައް އަލުން ހުޅުވުމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އަދި އޮންލައިންކޮށް ކްލާސްތައް ގެންދިއުމަށް ސަރުކާރަށް ގޮވާލާފައެވެ. އެގޮތުން މިކަމާ މެދު ބެލެނިވެރިންނާއި ސަރުކާރުން ދެކޭގޮތް ތަކުރާރުކޮށް ގެނެވުނު ނަމަވެސް، މިކަމާ މެދު ޓީޗަރުން ދެކޭގޮތް މިހާތަނަށް ސާފުކުރެވިފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް 19 ގެ ކޭސްތައް ގިނަވެ، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ރާއްޖޭގައި ކުއްލިއަކަށް ކޭސްތައް ގިނަވީ އިނގިރޭސި ވިލާތުން ފެނުނު އާ ވޭރިއަންޓުގެ ސަބަބުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެއާއެކު އެޗްޕީއޭއިން އެޅި އިތުރު ފިޔަވަޅުތަކުގެ ދަށުން، ވަކި ގޮތެއް އަންގަންދެން މިހާރު ވަނީ ޕްރީ ސްކޫލުތައް ބަންދު ކޮށްފައެވެ. ނަމަވެސް ޕްރައިމަރީއިން މަތީގެ ގްރޭޑުތަކަށް އަދިވެސް އަންނަނީ ކިޔަވަިއދެމުންނެވެ.

ކޮވިޑްގެ މި ހާލަތުގައި ސްކޫލުތައް ހުޅުވާމެދު މާލޭގެ ސްކޫލެއްގެ ޓީޗަރަކު ދެކޭގޮތް އަހާލީމެވެ. އެޓީޗަރު ވަނީ އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް އެޗްޕީއޭގެ ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް ސްކޫލުތަކަށް ހަނދާން ކޮށްދޭ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ދަރިވަރުން ސްކޫލަށް ހާޒިރުވެ، ރަނގަޅަށް މި ގައިޑްލައިނު ތަކަށް އަމަލު ކުރާ ކަމަށާއި، މިކަންކަމަށް ޓީޗަރުން އަދި ދަރިވަރުން އިތުރު ސަމާލުކަމެއް ދޭކަމަށް ބުނެފައިވެއެވެ.

ނަމަވެސް ދެން ފެށީ ބެލެނިވެރިންގެ ވާހަކައެވެ. އެ ޓީޗަރު ކިޔައިދިން ގޮތުން، މި ކަމުގައި އޮތީ ބެލެނިވެރިންގެ ފަރުދީ ޒިންމާ އަދާ ކުރުމެވެ. އެގޮތުން ދަރިވަރުން ބަލާ އައުމަށްފަހު، ބެލެނިވެރިން އަމަލު ކުރަނީ ރަނގަޅަށް ނޫން ކަމަށް އޭނާ ކިޔައިދިނެވެ. 

ދަރިވަރުން ބަލާ އައުމަށްފަހު ބޮނޑިއަކަށް ބެލެނިވެރިން ތިބޭ ކަމަށާއި، ނަމަވެސް ފަރުދީ ޒިންމާ އަދާކޮށް، ސްކޫލުގެ ބޭރުގައި މަޑު ކުރާއިރު، ބޮނޑި ނުވެ، ސްކޫލުގެ ބޭރުގައި ފާހަގަ ކޮށްފައިވާ ދިމާލުގަ ދުރުދުރުގަ ތިބުން މުހިއްމުކަން އެޓީޗަރު ފާހަގަ ކުރިއެވެ.

ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއްގެ އަސަރު ކޮށްފައިނުވާ ރަށެއްގެ ޓީޗަރަކާވެސް ހަމަ މިސުވާލު ކޮށްލީމެވެ. އޭނާގެ ހިޔާލު މިކަމުގައި ކުޑަކޮށް ތަފާތެވެ. އެގޮތުން މާލެ ފަދަ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނެއްގައި އެންމެ ރައްކާތެރީ އޮންލައިންކޮށް ކިޔަވައިދިނުން ކަމަށާއި، އެ ނޫން ގޮތެއް ނެތް ކަމަށް އެ ޓީޗަރު ބުންޏެވެ. 

މީގެ އިތުރުން ކޮމިއުނިޓީ ސްޕްރެޑް ނެތް ތަންތަނުގައި ކޮންމެހެން ސްކޫލު ބަންދު ކުރަން ނުޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް އެ ޓީޗަރު ބުންޏެވެ. އެގޮތުން ކޮމިއުނިޓީ ސްޕްރެޑް ނެތް ސަރަހައްދުގައި ސްކޫލު ހުޅުވައިގެން ކިޔަވައިދިނުން ރައްކާތެރިކަން އޭނާ ފާހަގަ ކުރިއެއެވެ.

މި މައްސަލައިގައި ޕްރީ-ސްކޫލު ޓީޗަރަކު ދެކޭގޮތްވެސް ހޯދާލީމެވެ. މިކަމާ ގުޅިގެން މައުލޫމާތު ދިން ޕްރީ ސްކޫލުގެ ޓީޗަރަކު ކިޔައިދިން ގޮތުގައި އެ ސްކޫލުގައި ދެ ސެޝަން ދޭތެރޭ 30 މިނެޓު ލިބެއެވެ. އަދި މި ވަގުތު ކްލާސްތެރެ ކުނި ކަހާ، މޮޕްލާ، ސެނެޓައިޒްކޮށް އެއް ކޮށް ސާފު ކޮށް، ދެން އަންނަ ސެޝަންގެ ކުދިން އަންނަން ވާއިރަށް ކްލާސްރޫމް ތައްޔާރު ކުރާކަން އެ ޓީޗަރު ފާހަގަ ކުރިއެވެ.

ނަމަވެސް ޕްރީ ސްކޫލަކީ އެންމެ ކުޑަ ކުދިން ކަމަށްވުމުން، ބައެއް ފަހަރު އެއްކުއްޖަކު އަނެއް ކުއްޖެއް ގައިގަ އަތްލާ، މާސްކު ނެގުންފަދަ ކަންކަން އެ ކުދިން ކުރާކަން އެ ޓީޗަރު ފާހަގަ ކުރިއެވެ. އަދި ކުދިން ދުރުދުރުގަިއ ބޭތިއްބުމަށް ޓީޗަރުން މަސައްކަތް ކުރާކަން އެ ޓީޗަރު ފާހަގަ ކުރިއެވެ. 

މިފަދައިން ކަން ކުރި ނަމަވެސް ދެން ހުރިހާ ކަމެއް އޮތީ ބެލެނިވެރިން އަތްމަތީގައި ކަމަށާއި، މިއީ ބެލެނިވެރިންގެ ޒިންމާ ކުރިއަށް ވުރެ ބޮޑު ދުވަސްވަރެއްކަމަށް އެ ޓީޗަރު ކިޔައިދިނެވެ. އެ ޓީޗަރު ކިޔައިދިން ގޮތުގައި ގޭގަ ނޫނީ ކުއްޖާގެ ކޮންޓެކްޓެއް ބަލިވެ ކޮވިޑަށް ޓޭސްޓު ކުރީމަވެސް ކުއްޖާ ސްކޫލަށް ގެންނަ ބެލެނިވެރިން އުޅޭއެވެ. އަދި މި ކަންކަމުން ފެނިގެން ދަނީ ބެލެނިވެރިންގެ ޒިންމާ އަދާ ނުކުރެވޭތަން ކަމަށް އެ ޓީޗަރު ފާހަގަ ކުރިއެވެ.

ތިން ޓީޗަރެއްގެ ބަސް ސީއެންއެމް އިން ހޯދާލި އިރު، މިދަނޑިވަޅު ބެލެނިވެރިންގެ ޒިންމާ ބޮޑުކަން ކޮންމެ ޓީޗަރަކުވެސް ފާހަގަ ކުރިއެވެ. އެންމެ ފަހުން ފެނުނު ގިނަ ކޭސްތަކުގައި އެޗްޕީއޭއިން ވަނީ ކޮންޓެކްޓް ވެފައިވަނީ ސްކޫލުން ބޭރުންކަން ފާހަގަ ކޮށްފައެވެ. ކަން މިހެން ހުރިއިރު، ކޮންމެހެން ބޭނުން ޖެހިއްޖެ ހާލެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި، ތިމާގެ އަދި އަމިއްލަ ދަރިފުޅުގެ ބަބުލް ވީހާވެސް ކުޑަކުރުމަށް މަސައްކަތް ކުރުމީ އަމިއްލަ ރައްކާތެރިކަމަށް ކުރެވޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް