ads
ފޮޓޯ:ސަން
ރިސޯޓު މުވައްޒަފުންނަށް ވެކްސިން ދިނުން މާދަމާ!
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ފަތުރުވެރިންނާ ކޮންޓެކްޓްވާ މުވައްޒަފުންނަށް ހާއްސަކޮށް ވެކްސިން ޖެހުން މާދަމާ ފަށާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެކަން ހާމަކުރައްވާ މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިންނާ ކޮންޓެކްޓްވާ މުވައްޒަފުންނަށް ހާއްސަކޮށްފައި ވާ 10،000 ޑޯޒްގެ ފުރަތަމަ ބެޗުގައި 10،000 ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ވެކްސިން ޖެހުން ފެށިގެން ދާނީ މާދާމާ ކަމަށާއި ވެކްސިން ޖެހެންފެށުމާއިއެކު ދުނިޔޭގެ އެންމެ ރައްކާތެރި މަންޒިލްގެ ލީޑާ ބޯޑުގެ އެންމެ ކުރީގައި ރާއްޖެ ހިމެނިގެންދާނެ ކަަމަށެވެ.

މިނިސްޓަރު މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ވެކްސިން ޖެހުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާތީ އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ޝުކުރު ދަންނަވާފައެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މައުސޫމް ވިދާޅުވީ ރައީސް ސޯލިހު ވަނީ މިހާރު ރާއްޖޭގައި ހުރި ވެކްސިންގެ ތެރެއިން 10،000 ޑޯޒް ފަތުރުވެރިންނާ ކޮންޓެކްޓްވާ މީހުންނަށް ހާއްސަކޮށްފައިކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ތަނެއް، ހާއްސަކޮށް ގެސްޓްހައުސް، ސަފާރީ އަދި ރިސޯޓުތަކާއި ގުޅައިގެން ފަތުރުވެރިންނާއި ކޮންޓެކްޓުވާ މީހުންގެ ލިސްޓެއް ހެދުމަށް މަސައްކަތް ކުރާ ކަމަށް މައުސޫމް ވިދާޅުވިއެވެ. މައުސޫމް ވިދާޅުވީ، މި ލިސްޓުތައް ލިބުނުހާ އަވަހަކަށް ހެލްތް މިނިސްޓްރީ އާއި ވާހަކަ ދައްކައިގެން ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓް ލައިނުގައި މަސައްކަތް ކުރާ މީހުންގެ ގޮތުން ވެކްސިން ދޭނީ އެއާޕޯޓުގެ މުވައްޒަފުން، ރިސޯޓު، ސަފާރީ އަދި ގެސްޓްހައުސްތަކުގެ މުވައްޒަފުން އަދި ރިސޯޓުތަކަށް ދާ މިއުޒިޝަނުންގެ ތެރެއިން ފަތުރުވެރިންނާ ގާތްކޮށް މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށް މައުސޫމް ވިދާޅުވިއެވެ.

"ޓުއަރިޒަމް ދާއިރާގައި މިއުޅެނީ 50،000 މުވައްޒަފުންނަށް ވުރެ ގިނައިން. އޭގެ ތެރެއިން ފްރަންޓްލައިނުގައި އުޅޭ ސީދާ އަދަދެއް ނޭނގެ. އަޅުގަނޑުމެން ބޭނުންވަނީ ފްރަންޓް ލައިނުގަިއ އުޅޭ މުވައްޒަފުންވެސް، ހުރިހާ މުވައްޒަފުންވެސް، އިގުތިސާދީ ހަރަކާތުގައި އުޅޭ ހުރިހާ މީހުންވެސް، ދެން ރާއްޖޭގެ އެންމެންނަށްވެސް ވެކްސިން ޖެހެމުންދާއިރު އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންނަށްވެސް ވެކްސިން ޖެހޭނެ" މައުސޫމް ވިދާޅުވިއެވެ.

އުމުރުން ދޮށީވާވަރަކަށް ވެކްސިންގެ މުހިއްމުކަން ބޮޑުވާ ކަމަށާއި، މި ދާއިރާގައި މަސައްކަތް ކުރާ އުމުރުން ދޮށީ މީހުންނަށްވެސް އިސްކަމެއް ދޭނެ ކަމަށް މައުސޫމް ފާހަގަ ކުރެއްވިއެވެ.

މިފަހަކަށް އައިސް ކޮވިޑްގެ ގިނަ ކޭސްތަކެއް ދަނީ ރިސޯޓްތަކުން ފެންނަމުންނެވެ. އޭގެ ތެރޭގައި ގިނައިން ޕޮޒިޓިވްވެފައިވަނީ ރިސޯޓްތަކުގައި އުޅޭ މުވައްޒަފުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް