ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަނޑާލަދިނިން: ރައީސް
ކޯވިޑް-19ގެ ސަބަބުން ރައްޔިތުން ހާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުމަށް ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ކަނޑައިލަދިނިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ

ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އިގްތިސާދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށާއި އިޤްތިސާދު ހީނަރުވެގެން ދިޔުމުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި، ބިލުތައް ދައްކާނެ ގޮތަކާ މެދު، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންކަންބޮޑުވެ، ހާސްވާނެ މިންވަރު އެމަނިކުފާނަށް ވަޒަންކުރެވޭ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުންގެ ހާލަތު އެ ގޮތަށް ދޫކޮށްލި ނަމަ، އަދި އިގްތިސާދުގެ ދިރުންކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެހާލަތަށް ދޫކޮށްލި ނަމަ، މުޅި ގައުމަށް ކުރިމަތިވާނެ ގެއްލުން އެމަނިކުފާނަށް އަންދާޒާކުރެވުނު ކަމަށެވެ.

އެހާލަތުން އަރައިގަތުމަށް، ގޭގައި ކޭކު އަޅާ މީހާއިން ފެށިގެން، ރެސްޓޯރެންޓް ހިންގާ މީހުންނާ ހަމައަށްވެސް، ދިވެހި މަސައްކަތްތެރިން ކުރި ބުރަ މަސައްކަތާއި، ދެއްކި ހިތްވަރު ފެނުނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކަށްވީ، މި ވިޔަފާރިތައް ހަލާކުވިޔަނުދީ ހިފަހައްޓައިދިނުން ކަމަށާއި ވަޒީފާއަށް އަސަރުކުރި މީހުންނަށް، ހާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދިނުމާއި އާއިލާތަކަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. 

"އެގޮތުން، ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ކަނޑައިލަދިނިން. ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ. އަދި ހައުސިން ލޯންތަކަށް ލުއި ދީ، މަތީ ތައުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާނެ. އޭގެ އިތުރުން ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް 6 މަސްދުވަސް ފަސްކޮށްދިނިން. އަދި ކޮވިޑްގެ ސަބަބުން ރާއްޖެ ނާދެވި، 15 ޤައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސްދީފައިވާނެ" ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް، 17،147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާނެ ކަމަށާއި މިއަހަރުގެ ތެރޭގައިވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ސަރުކާރުން ވާނީ ނިންމާފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މިއަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިސާދީ ޙަރަކާތްތަކުގެ ތެރެއިން، ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް، ކޯވިޑްގެ ދަތިކަމުގެ ތެރޭގައި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މިއީވެސް ވަރަށް ގިނަ ބަޔަކު ހިއްސާވާ، އަދި ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ދާއިރާއަކަށް ވާތީ، ކޮވިޑްގެ ތެރޭގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް، ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށެވެ.

މިދިޔަ އަހަރަށް މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓްގެ، ޖުމްލަ ހަރަދަކީ، 37.9 ބިލިއަން ރުފިޔާއެވެ. ކޮވިޑްގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހުއްޓުމާ ގުޅިގެން، ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި، ހަރަދު ކުޑަކުރުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެކަން ފާހަގަކުރައްވާ ރައީސް ވަނީ ކޮވިޑްގެ ހަރަދުތަކާ އެކު، މިދިޔަ އަހަރު ނިމުނުއިރު ހިނގި ޖުމްލަ ހަރަދަކީ 28.5 ބިލިއަން ރުފިޔާކަން ފާހަަގަކޮށްފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހަރަދުތައް ކުޑަކޮށްގެން ރައްޔިތުންނަށް ހިދުމަތް ދެމުން އައީ، ސިވިލް ސާވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް ކަމަށާއި، އެންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިނުކޮށް ކަމަށެވެ. 

"ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން، އެތައް ދިވެހިންނެއްގެ ވަޒީފާ ސަލާމަތްކުރެވުނު. ކުދި އަދި ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުނުވެ ހިންދެމިލާނެ ފުރުސަތު ލިބުނު. އާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބުނު." ރައީސް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް