ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ގައުމުތަކުން ރާއްޖެއަށް އެހީވަނީ ވާދައަކަށް ނޫން: މިނިސްޓަރު ޝާހިދު
ގައުމުތަކުން ރާއްޖެއަށް އެހީވަނީ ވާދައަކަށް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކަވަރޭޖްއަށް މިނިސްޓަރު ޝާހިދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިފަދައިން ވިދާޅުވީ، އެހެން ގައުމުތަކަށް ވުރެ ބޮޑަށް ސަރުކާރުން އިންޑިއާގެ މަސްލަހަތަށް އިސްކަންދޭ ކަމަށް ބުނާ ވާހަކަ އާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ހަގީގަތަކީ އަހަރެމެން މިތިބީ އިންޑިއާ ކަނޑޭ ކިޔާ ކަނޑުގައި ކަމަށެވެ. އަދި ރާއްޖެއާއި އެންމެ ގާތުގައިވަނީ އިންޑިއާކަން ގަބޫލުކުރަން ޖެހޭ ކަމަށް ޝަހިދު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ ނުރައްކާތެރިކަމެއްގައި ފުރަތަމަ އެހީތެރިކަމުގެ އަތެއް ދިއްކޮށްލަނީ އިންޑިއައިންކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެގޮތުން 1988ގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ އަދި 2004 ވަނަ އަހަރު ޑިސެންބަރު 26ގެ ސުނާމީ ކާރިސާގައިވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ އިންޑިއާ ސިފައިން އަދި އިންޑިއާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 2014 ވަނަ އަހަރު މާލޭ ވޯޓާ ކްރައިސިސްގައި މާލޭގައި ފެނަށް ޖެހުމުން ހަ ގަޑިއިރު ތެރޭ އެއާ ލިފްޓްކޮށްގެން ފެން ގެނެސްދިނީވެސް އިންޑިއާއިން ކަމަށާއި، ކޮވިޑްގެ މި ހާލަތުގައިވެސް އެންމެ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިއީ ކަން ހިނގާފައި އޮތް ގޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިފަދައިން ކަން ހިނގަނީ ދެ ސަބަބަކާ ގުޅިގެން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

"އެއް ސަބަބަކީ، ރާއްޖެއާ ޖޯގްރަފީ ގޮތުން އެންމެ ކައިރީގައި އޮތީ އިންޑިއާ. އަޅުގަނޑުމެންނަށް ނުލާހިކު ބޮޑަށް އެހީވާން ބޭނުން އެތައް ގައުމެއް ދުނިޔޭގެ އެތައް މިތާގައި އޮވެދާނެ، އެހެން ނަމަވެސް ވަގުތުގެ ގޮތުން އެތަންނުން އުޅަނދެއްގައި ފުރައިގެން، އެއީ މަތިންދާ ބޯޓެއްގައި ނަމަވެސް، ފުރައިގެން އަންނަން ވަގުތު ނަގާ. އެއަށްވުރެ ފަސޭހައިން ހިދުމަތް ލިބެން އޮތީ އިންޑިއާއިން. ދެވަނަ ކަމަކީ، އަދި ފަސޭހައިން ހިދުމަތް ލިބެން އޮތަސް، އިންޑިއާގެ ރައްޔިތުންނާއި އިންޑިއާގެ ސަރުކާރުން ރާއްޖެއަށް އެ އެހީތެރިކަން ދިނުމުގެ، އެގާތްކަން އެކުވެރިކަން އިންޑިއާގެ ކޮންމެ ސަރުކާރެއް އޮތަސް، އެގާތްކަމާ އެކުވެރިކަން އޮތީމަ އެކަން އެގޮތަށް ހިނގަނީ" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިފަދައިން ކަން ހިނގަމުން އަންނައިރު، ސިޔާސީ، ވަގުތީ މަންފާއެއް ހޯދުމަށް "ރަތް މަހަކަށް ނުގޮވާ ވަރަށް" ވަކި ގައުމަކާ ދިމާއަށް އެއްޗެހި ގޮވާ ހެދުމަކީ ރަނގަޅުކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއީ ތަހުޒީބީ ކަމެއްނޫން ކަމަށާއި، އެއީ ޑިޕްލޮމެޓިކް އުސޫލެއްވެސް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މި ސަރުކާރުން އަބަދުވެސް ބުނާ ވާހަކައަކީ، މިސަރުކާރަކީ ހުރިހާ ގައުމަކާ ގުޅުން ބާއްވާ ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެއްވެސް ގައުމަކާ ދިމާއަށް އެއްޗެހި ކިޔާ، ދެ ގައުމެއްގެ ދޭތެރޭ ފިތުނަ ކުރުވައިގެން މި ސަރުކާރުން ފައިދާ ނަގަން ބޭނުން ނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

ޝާހިދު ވިދާޅުވީ ޑިޕްލޮމެޓިކް ދާއިރާގެ ކަންކަމަށް ވަގުތު ނަގާނެ ކަމަށެވެ. އަދި މިދާއިރާގައި ކަންކަން ހަމަޖެހުމުގައި ވަކި އުސޫލުތަކެއް ވާކަމަށެވެ. 

"އެއް ގައުމަކުން ދޭއިރު، ހަމަ އެދަނޑިވަޅުގައި، ވެކްސިން ވިއަށް އެހެން ކަމަކަށް ވިއަސް، ހަމަ ތަބަކަށް ލައިގެން އައިސް، ހަމަ އެކަކު ވަނީ، އަނެކަކު ވަނީ، އެހެން ހިނގާ ކަންތައްތަކެއް ނޫން. މިއިން އެއްވެސް ގައުމެއް އަނެއް ގައުމަކާ ވާދައަކަށް ނޫން ދިވެހިރާއްޖެއަށް އެހީތެރިވެދެނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ކުރަން ނުވާނެވަރުގެ ގޯސް ކަމަކީ އެއްގައުމު އަނެއް ގައުމާ ތޮޅުވައިގެން، މި ސަކަރާތް ޖެހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ކުރާވަރު ކަމެއް ނޫން ކަމަށާއި، އެކަން ކުރީމަ ވީގޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެނުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް