ads
އާދަމް ޝަރީފް--
ވިޔަފާރި ބަނދަރުގެ ހާދިސާތަކާ ގުޅޭ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް ކުއްލި މައްސަލައެއް
އެމްޕީއެލްގެ ކެރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލެއް، މަޖޫރީއެއްގެ ގޮތުގައި އުޅުނު ދިވެއްސެއްގެ ގައިމައްޗަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅާފައި ވަނިކޮށް، މިފަދަ ހާދިސާތައް ހިނގުން އިތުރު ވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މާލޭ ވިޔަފާރި ބަނދަރުގައި ހިނގާ މިފަދަ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ކުރުމަށް ގޮވާލައި، ކުއްލި މައްސަލައެއް މަޖިލީހަށް މިއަދު ހުށަހެޅުއްވީ، އިދިކޮޅު ކޯލިޝަންއަށް ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. 

މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ވިޔަފާރި ބަނދަރުގައި ރިސްކް މެނޭޖްމަންޓް މިހާރަށް ވުރެ ހަރުދަނާ ކުރުމަށާއި، ސަލާމަތީ ކަންކަމަށް މަސައްކަތްތެރިން އަހުލުވެެރިކުރުވުމާއި ރައްކާތެރިވެގެން ތިބެ މަސައްކަތްކުރަން ވިޔަފާރި ބަނދަރުގެ މުވައްޒަފުންނާއި އާއްމުން ވެސް ތަމްރީނުކުރަން ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. 

އަދި މިފަދަ ހާދިސާތަކުގައި އަނިޔާ ލިބޭ ފަރާތްތަކުގެ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުން ވަނީ، މިއީ ކަނބޮޑުވާ ގިނަ ކަންތައްތަކެއް ހުރި މުހިިންމު މައްސަލައެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމުން އާދަމް ޝަރީފްއަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޝުކުރު ވެސް އަދާކުރައްވާފައެވެ. 

ނަމަވެސް މި މައްސަލަ އާދަމް ޝަރީފް ހުށަހަޅުއްވާފައި މިވަނީ، މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މައްސަލަ މިއަދަށް ތާވަލުކުރެވިފައި ވަނިކޮށް ކަމަށާއި، އެހެންކަމުން މަޖިލީހުގެ ސަމާލުކަމަށް ގެނެވިފައިވާ މައްސަލައެއް އަލުން ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން މިއީ ސިޔާސީ ބޭނުމެއްގައި ކުރެއްވި ކަމެއް ކަމަށާއި އަދި މިކަމުގެ ސަބަބުން މަޖިލީހުގެ ވަގުތު ބޭކާރުވެގެންދާ ކަމަށް ބައެއް މެމްބަރުން ވަނީ ސިފަކުރައްވާފައެވެ. 

އެގޮތުން މި މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މި މައްސަލަ މިއަދުގެ އެސްއޯއީ ކޮމިޓީގައި އެޖެންޑާ ކުރެވިފައިވާ ކަމަށާއި، ދެވަނަ ފަހަރަށް މި ބާވަތުގެ މައްސަލަތައް ހުށަހެޅުއްވުމުން ވަގުތު ބޭކާރުވެގެންދާ ކަމަށެވެ. 

ދާދި ފަހުން މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ދެ ހާދިސާއެއްގައި އެކަކު މަރުވެ، ތިން މީހަކަށް އަނިިޔާވެފައި ވާއިރު، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް