ads
އެސްޓްރަޒެނެކާއިން ކޮވިޑް ވެކްސިން އުފެއްދީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން-- ފޮޓޯ: ރޮއިޓާޒް
ދެކުނު އެފްރިކާގައި އޮކްސްފޯޑް ވެކްސިން ދިނުން މަޑުޖައްސާލައިފި
ކޮވިޑް-19 އާ ދެކޮޅަށް އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ކުންފުނި ގުޅިގެން އުފެއްދި ވެކްސިން ޖެހުން ދެކުނު އެފްރިކާގައި މަޑުޖައްސާލައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ އެ ގައުމުން ފެނުނު މި ބަލީގެ އާ ވޭރިއެންޓާ ދެކޮޅަށް އޮކްސްފޯޑް ވެކްސިން މަސައްކަތް ކުރާ މިންވަރު ކުޑަ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެންނެވެ. 

ސައިންޓިސްޓުން ބުނާ ގޮތުގައި ދެކުނު އެފްރިކާގައި މިހާރު ފެންނަމުންދާ އާ ކޮވިޑް ކޭސްތަކުގެ 90 އިންސައްތައަކީ އާ ވޭރިއެންޓުގެ ސަބަބުން ފެންނަ ކޭސްތަކެވެ. 

ގާތްގަނޑަކަށް 2000 މީހުން ބައިވެރިކޮށްގެން ހިންގި ދިރާސާއިން ދައްކާ ގޮތުގައި އޮކްސްފޯޑް ވެކްސިނުން އާ ވޭރިއެންޓާ ދެކޮޅަށް މަސައްކަތް ކުރާ މިންވަރު ކުޑަ އެވެ. 

ދެކުނު އެފްރިކާއަށް މިހާތަނަށް މި ވެކްސިނުގެ އެއް މިލިއަން ޑޯޒް ލިބިފައި ވާއިރު، މި އަންނަ ހަފްތާގައި ވެކްސިން ދޭން ފަށަން ކުރިން އޮތީ ރާވާފަ އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓަރު ޒްވެލީ މްކިޒޭ ވިދާޅުވީ މިކަމުގައި އަމަލު ކުރާނެ ގޮތުގެ ލަފާ ހޯދަމުންދާ ކަމަށެވެ. އޮކްސްފޯޑް ވެކްސިނުން ދިނުން މަޑުޖައްސާލި ނަމަވެސް ޖޯންސަން އެންޑް ޖޯންސަން ކުންފުންޏާއި ފައިޒާއިން އުފެއްދި ވެކްސިން ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާސާ ހެދުމުގެ އިސްކޮށް އުޅުނު ޕްރޮފެސަރު ޝަބީރު މާދީ ވިދާޅުވީ އާ ވޭރިއެންޓުގެ ސަބަބުން ކުޑަކޮށް ބަލިވާ މީހުންނަށް އޮކްސްފޯޑް ވެކްސިން ދިނުމުން އެ މަސައްކަތް ކުރަނީ ވަރަށް ކުޑަކޮށް ކަމަށެވެ. 

އާ ވޭރިއެންޓުގެ ސަބަބުން ބޮޑަށް ބަލިވާ މީހުންނަށް މި ވެކްސިން ދީގެން ވާނެ ގޮތް ހޯދިފައެއް ނުވެ އެވެ. އެއީ މި ދިރާސާގައި ބައިވެރިވީ ސިއްހަތު ރަނގަޅު ޒުވާނުންނަށް ވާތީ އެވެ.

އޮކްސްފޯޑް ވެކްސިން ހެދުމުގެ އިސްކޮށް އުޅުނު ޕްރޮފެޝަރު ސާރާ ގިލްބާޓް ވިދާޅުވީ ބޮޑަށް ބަލިވެއްޖެ ނަމަ މި ވެކްސިނުން ރަނގަޅު ރައްކާތެރިކަމެއް ލިބޭނެ ކަމަށެވެ.

އަދި ދެކުނު އެފްރިކާއިން ފެނުނު އާ ވޭރިއެންޓާ ދެކޮޅަށް ފުރިހަމައަށް މަސައްކަތް ކުރާނެ ވެކްސިނުގެ މޮޑިފައިކޮށްފައިވާ ބާވަތެއް މި އަހަރުގެ ފަހުކޮޅު ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.  

ރިޕޯޓުތައް ބުނާ ގޮތުން އާ ވޭރިއެންޓާ ދެކޮޅަށް މޮޑާނާގެ ވެކްސިން ރަނގަޅަށް މަސައްކަތް ކުރެ އެވެ. އަދި އެސްޓްރެޒެނެކާއިން ބުނެފައި ވަނީ ޔޫކޭއިން ފެނުނު ވޭރިއެންޓާ ދެކޮޅަށް އޮކްސްފޯޑް ވެކްސިން ވެސް ރަނގަޅަށް މަސައްކަތް ކުރާ ކަމަށެވެ. ފައިޒާ ވެކްސިނުން ވެސް އާ ވޭރިއެންޓުތަކާ ދެކޮޅަށް ރަނގަޅަށް މަސައްކަތް ކުރާ ކަމަށް ވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް