ads
އެފްއޭއެމްގެ ރައީސް ބައްސާމް
ލީގު އަލުން ފަށަން ބައްސާމްއާ ކްލަބުތަކުން ޕްރެޝަރ ކުރަނީ
ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެދު ކަނޑާލާފައިވާ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފަށަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އެއްވަނަ ޑިވިޝަނުގެ ކްލަބުތަކުން ޕްރެޝަރު ކުރަން ފަށައިފިއެވެ.

ކޮވިޑާ ގުޅިގެން ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ ހަފުތާ ތެރޭގައެވެ. މެދުކަނޑާލަން ޖެހުނީ އެޗްޕީއޭއިން އާއްމު ކުރި އުސޫލުގައިވާ ގޮތުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލަން ޖެހުމުންނެވެ.

އެޗްޕީއޭއިން އުސޫލުތައް ހަރުކަށި ކުރަން ޖެހުނީ މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް ސަތޭކައަށްވުރެ އިތުރު ވެގެން ދިޔުމުންނެވެ.

ލީގު މެދު ކަނޑާލާފައިވަނިކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރު ދިވެހި ފުޓުބޯޅައަށް ލިބުނު ގެއްލުން އަލުން ތަޖުރިބާ ކުރައްވަން ނޭދޭ ކަމަށެވެ. އެހެންނަމަވެސް ފުޓްބޯޅައަށް މިދިޔަ އަހަރު ލިބުނީ ކޮން ގެއްލުމެއް ކަމެއް ބައްސާމުގެ ޓްވީޓުގައި ވިދާޅުވެފައެއް ނުވެއެވެ.

ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން. އެއީ އިންޑަސްޓްރީއެއް އަދި މުޅި ރާއްޖޭގައި އެތައް އާއިލާއެއް ދިރިއުޅުމަށް ކުރާ މަސައްކަތް. މިދިޔަ އަހަރު ކުރެވުނު ތަޖުރިބާ އަލުން ކުރަން ބޭނުންނުވާތީ އެދެނީ ލީގުގެ ކުޅުން އަދި ޓީމުތަކުގެ ފަރިތަކުރުންތައް އަލުން ފެށުން.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެތައް އާއިލާއެއްގެ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ފުޓްބޯޅަ ކަމަށް ބައްސާމް ވިދާޅުވިއިރު، އެފްއޭއެމުންވަނީ މި އަހަރުގެ ދިވެހި ލީގުގައި އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ނުދޭން ނިންމާފައެވެ. މި ގޮތުން ފޯކައިދޫއާ ނިލަންދޫ ޓީމު ދިވެހި ލީގުން ބާކީކުރިއިރު މިދިޔަ އަހަރުގެ ލީގުގައި ފޯކައިދުއަށްވުރެ ދަށް ނަތީޖާ ހޯދި ޔުނައިޓެޑް ވިކްޓްރީއަށް ފުރުސަތު ދީފައިވެއެވެ. ޔުނައިޓެޑު ވިކްޓަރީއަކީ މިއަހަރުގެ ލީގުގައި އަދި މިހާތަނަށް އެންމެ މެޗަކުންވެސް މޮޅުވެފައިވާ ޓީމެއް ނޫނެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭން ލީގު މެދު ކަނޑާލާފައިވާއިރު، ބައްސާމްގެ އިތުރުން އެއްވަނަ ޑިވިޝަނުގެ ކްލަބުތަކުންވެސް އަންނަނީ ލީގުގެ ކުޅުން އަލުން ފެށުމަށް އެޗްޕީއޭއަށް ޕްރެޝަރު ކުރަމުންނެވެ. މި ގޮތުން ކުޅުން ފެށުމުން ނުވަތަ ކުޑަ މިނުން ޓީމުތަކުގެ ޕްރެކްޓިސް އަލުން ފެށުމަށް ގޮވާލައި ކްލަބުތަކުންވަނީ ބަޔާންތަކެއް ނެރެފައެވެ.

ދާދި އެއް ވާހަކަތަކެއްގެ މައްޗަށް އެކުލަވާލާފައިވާ މި ބަޔާން އެންމެ ފުރަތަމަ ނެރުނީ މާޒިޔާއިންނެވެ. އޭނގެ ފަހުން ކްލަބު އީގަލްސް، ގްރީން ސްޓްރީޓްސް އަދި ދަގްރާންޑޭއާ ސުޕަރ ޔުނައިޓެޑުންވެސްވަނީ ބަޔާން ނެރެފައެވެ. ހުރިހާ ބަޔާނެއްގައިވެސް މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮރުން މެދު ކަނޑާލާފައިވާ ލީގުގެ ކުޅުން އަލުން ފެށޭނެ އިންތިޒާމްތައް ހަމަ ޖެއްސުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް