ވީޑިއޯ ރިޕޯޓް: -
ޒުވާނުންނަށް އަރާމުގައި މިއުޒިކް އަޑުއަހާލެވޭނެ ގޮތެއް އޮތުން މުހިންމު!
Share
އެމްޑީޕީގެ ޗެއާޕާސަން އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަކީ، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއިއެކު މިއުޒިކް އަޑުއަހާލާ އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލާ އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެކެވެ.
Advertisement

މިއަދު މި ގާރާރު ހަސަން ލަތީފް ހުށަހެޅުމުން، މިކަން ވެފައިވަނީ ބައެއް ދަަންނަ ބޭކަލުން ފަދަ ބޭފުޅުންނަށް ބަލައިގަންނަން ދަތި އުނދަގޫ ކަމަކަށެވެ. އެ ބޭފުޅުން ވިދާޅުވީ މިއުޒިކް ހަރާމް ކަމަށެވެ. 

ހުށަހެޅުނު ގަރާރުގެ އަސްލު މަގުސަދަށް ވުރެ ކުރިން ވިދާޅުވީ މިއުޒިކްގެ ވާހަކައެވެ.

ނަމަވެސް، އަހަރެންގެ ނަޒަރުގައި މާލޭގައި ވެސް އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އުފާކޮށް މިއުޒިކް އަޑުއަހާލާ، ރަހުމަތްތެރިންނާއި ވާހަކަ ދައްކާލާ މަޖާކޮށްލާނެ ތަނެއް އޮންނަން އެބަ ޖެހެ އެވެ. 

ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އެންމެ ބޮޑު އެއް ސަބަބަކީ މުޖުތަމައުގައި މަގުމަތިވަމުން އަންނަ ޒުވާނުންނަށް ގޮތެއް ހޯދައި ދިނުމެވެ. ޒުވާނުންނަށް ގެއިން ނިކުމެގެން ގޮސް ވަންނާނެ ކޮންމެވެސް، ތަނެއް އޮންނަން އެބަ ޖެހެއެވެ. އެ ވަންނަ ތަނަކީ މަސްތުވާތަކެތީގެ "އައްޑާއަކަށް" ނުވަތަ މަގުމަތީގައި ތަޅާފޮޅާ މާރާމާރީ ހިންގާ މީހުންގެ "ޖަގަހައަކަށް" ވުމުން މިއަދު ގަރާރާއި ދެކޮޅު ހެދި ބޭފުޅުންނަށް އެންމެ ރަނގަޅީތޯއެވެ؟ 

މައުލޫމާތު ލިބޭ ގޮތުގައި މަގުމަތީގައި ތަޅާފޮޅުމާ، މަސްތުވާތަކެތި ވިއްކުމާ، އަދި ފޭރުން ފަދަ ކުށްތައް ގޭންގުތަކާއި ގުޅިގެން ކުރާ 1،000 އަށްވުރެ ގިނަ ކުދިން މިހާރު ވެސް އެބަ ތިއްބެވެ. 

އެ ކުދިން ކުށުގެ ވެށީގެ ތެރެއަށް ދާ ސަބަބުތަކުގެ ތެރޭގައި، އާއިލީ މައްސަލަތަކާ، ސްކޫލުތަކުގައި ގެންގުޅޭ ތަފާތުކުރުމާއި، ރަހުމަތްތެރިންގެ ޕްރެޝަރާއި، ހުސް ވަގުތުގައި ކުރާނެ ކަންކަން ނެތުން ފަދަ ކަންކަން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ފާހަގަކުރެ އެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓަށް 2018 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިސްބަތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ ޢުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. މީގެ ތެރެއިން އެންމެ ގިނައީ 16 އަހަރުގެ އަންހެން އަދި ފިރިހެން ކުދިންގެ މައްސަލަތަކެވެ. އަންހެން ކުދިންގެ މައްސަލަތަކަށް ބަލާއިރު ގިނަ ކުދިންނަކީ އެ ކުދިންނަށް ދޭން ޖެހޭ ރައްކާތެރިކަން ނުދެވިގެން ކުށުގެ ވެއްޓަށް އަންނަ ކުދިންކަން ހުށަހެޅިފައިވާ މައްސަލަތަކުން ފާހަގަކޮށްފައިވެއެވެ. 

މިގޮތުން އެ ޔުނިޓުގެ 2015، 2016، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެވްރެޖުކޮށް ކުށަށް އަރައިގަންނަ ކުދިންގެ އުމުރު ހަގުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން، ގިނަ ކުދިންގެ އަހްލާގީ މައްސަލަތަކާއި ނުރައްކާތެރި ސުލޫކީ މައްސަލަތައް ހުރުމާއި، ކުށުގެ ވެށީގައި އުޅޭ ދޮށީ ޢުމުރުގެ މީހުންނާ ގުޅުން ބެހެއްޓުމުން ކުށަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވެއެވެ. މިގޮތުން 2015 ވަނަ އަހަރުގެ ތެރޭގައި ޢުމުރުން 15 އަހަރުގެ ކުދިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ އަދަދު އިތުރުވެފައިވާއިރު 2018 ވަނަ އަހަރު 16 އަހަރުގެ ކުދިންގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

މި ތަފާސްހިސާބުތައް 2018 ވަނަ އަހަރުން ފަށައިގެން އެ ޔުނިޓުގެ ވެބްސައިޓުގައި ޝާއިއު ކުރުން ހުއްޓާލާފައިވާތީ މިހާރުގެ ހާލަތެއް މާ ބޮޑަކަށް ނޭނގެއެވެ. ނަމަވެސް އަދިވެސް ކުށަށް އަރައިގަންނަ ކުދިންގެ އަދަދު އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. 

މަސްތުވާތަކެތީގެ ހާލަތު ވެސް އޮތީ ހަމަ މިހެންނެވެ. 

މިހާރުވެސް އެކި ކަހަލަ ފަރުވާއަށް ހުކުމްކޮށް ފަރުވާ ނުފެށި 889 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒަކަށް ގެންގޮސް ފަރުވާ ދޭން ޖެހޭ 602 މީހަކާއި، ކޮމިޓީ ފަރުވާއަށް ހުކުމް ކޮށްފައިވާ 223 މީހެއްގެ އިތުރުން، އިންޑިވިޖުއަލް (3 މަހުގެ) ފަރުވާއަށް ހުކުމް ކޮށްފައިވާ 64 މީހެއް ހިމެނެއެވެ. 

މާރާމާރީ އާއި ވައްކަން ކުރުމާއި، ފޭރުމާއި، ޖިންސީ އަނިޔާ، ގޯނާ އަދި ރޭޕުގެ ތަފާސްހިސާބުތައް ވެސް ހުރީ މިހާ ކަންބޮޑުވާ ދަރަޖައެއްގައެވެ. 

ދިވެހިރާއްޖޭގައި ހަރުކަށި ފިކުރުގައި ކުޑަކުދިންނާއި ޒުވާނުން ޖެހިފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ހަނގުރާމަތަކަށް ވެސް ފުރައިގެން ގޮސްފައެވެ. 

މާލޭގައި ތޮއްޖެހިގެން އުޅެން ޖެހުމުގެ ސަބަބުން، މަގުމަތިވެ މަގު ގެއްލޭ ކުދިންނަށް ފަރުވާދޭނެ ކެޕޭސިޓީއެއް އަދި ރާއްޖޭގެ އެއްވެސް ދީނީ މަރުކަޒެއްގައި ވެސް އަދި އިލްމުވެރިއެއްގެ ކިބައިގައި ވެސް ހުރި ތަނެއް ނުފެނެއެވެ. ހުރިނަމަ ޒުވާނުންނާއި ކުޑަކުދިންގެ ބޮޑު ޕަސަންޓޭޖެއް މި ހާލަތުގައި އިލްމުވެރިން ނުޖެއްސެވީހެވެ. 

ރާއްޖޭގައި ޒުވާނުންނާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް މަރުކަޒުތަކާ، ސެންޓަރުތަކާއި، ސްޓޭޖުތައް ވެސް އަޅަން ޖެހެއެވެ. ސަބަބަކީ މުޖުތަމައުގައި "ލާޗާރު ބިޗާރަށް" އުޅޭ މީހުންނާއި، މަގު ގެއްލޭ މީހުންނަށް ދައުލަތުން އަޅާލަން ޖެހޭތީއެވެ. ޒުވާނުންގެ ފޫހި ފިލުވައިދިނުމަކީ ވެސް ދައުލަތަށް ކޮންމެހެން ކުރަންޖެހޭ ކަމަކަށް މިއަދު މިވަނީ ވެފައެވެ. "ފޫހިވެފައި" ތިބި ޒުވާނުންތަކެއްގެ މަގު ގެއްލުން ގާތެވެ. 

ނަމަވެސް މި މާޔޫސްކަން ދުއްވާލެވެން އޮތް ހައްލަކީ އީވާ ވިދާޅުވާ ގޮތަށް، މިއުޒިކު ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

13%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
34%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް