ads
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ: ފޮޓޯ ރާއްޖެ އެމްވީ
ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުން ގިނަ ފައިދާތަކެއް ވާނެ: މިނިސްޓަރު މާރިޔާ
ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުން ދިވެހި ސިފައިންނަށް ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގިނަ ގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ "މިނިސްޓަރުގެ ގަލަންކޮޅުން'' ގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ދިވެހި ސިފައިންނަކީ އިހްތިރާމާއެކު ހިނިތުންވެހުރެ ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމުގެ ދިފާއީ އައްޑަނަ ކަމަށާއި ޒަމާނީ ގޮތުން ދުނިޔެއަށް އަންނަ ތަރައްގީއާއެކު ދިވެހި އަސްކަރިއްޔާ ތަރައްގީ ކުރުމަށް އަސްކަރީ ގޮތުން ކުރިއަރާފައިވާ ގައުމުތަކާއެކު ބާއްވާ ގުޅުންތައް އިތުރަށް މިއަދު ވަނީ ބަދަހިކޮށްފައި ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ގައުމުތަކާއެކު ގުޅުން ބަދަހިވުމުން ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް މުޅިން އާތަޖުރިބާތަކެއް ދަނީ ފަހިވެ ފައްކާވަމުން ކަމަށެވެ. އެގޮތުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އަސްކަރީ ބޮޑެތި ގައުމުތަކުން ދިވެހި ސިފައިންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ސަރުކާރުން ދަނީ ކުރަމުންކަން މާރިޔާ ފާހަގަކުރެއްވިއެވެ. 

"ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުން ހަމަ ޔަގީނުން ވެސް ދިވެހި ސިފައިނަށް ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގިނަ ގުނަ ފަސޭހަތަކެއް ލިބޭނެއެވެ. ދިވެހިންގެ މަސް ކަނޑުތަކަށް ވަގަށް ވަދެ އުޅޭ ބޭރުގެ މަސް ބޯޓުތައް އަތުލައި ގަނެ، ދިވެހި މަސް ކަނޑުތައް ހިމާޔަތް ކޮށް، ޓެރަރިސްޓު ހަމަލާތަކާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްފުޅާކޮށް ގިނަ ހޯދުންތައް ހޯދުމަށް ވެސް ކުރިއެރުންތައް ލިބޭނެއެވެ. ހަމަ އެހެންމެ، ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ވަގުތު ތަކުގައި އާތަޖުރިބާ އާއި އެކިއެކި ކުރިއެރުންތައް ދިވެހި ސިފައިނަށް ލިބިގެން ދިއުމަކީ ގައުމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ. އަދި ދާދި ފަހުން އިންޑިއާއަށް އަޅުގަނޑު ކުރި ދަތުރުގައި އެގައުމުގެ ދިފާއީވަޒީރު ރާޖުނާތު ސިންގު ޔަޤީންކަން ދެއްވި، އަވަސް މުސްތަޤްބަލެއްގައި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ކޮވިޑް ވެކްސިން ޖަހައިދޭނެ ކަމަށެވެ." މިނިސްޓަރުގެ ގަލަންކޮޅުން ގައި ލިޔުއްވާފައިވެއެވެ.

މިއަދު ދިވެހިރާއްޖޭގެ ދިފާއީ މައި ތަނބު ކަމަށްވާ ދިވެހި ސިފައިންގެ އަމާޒަކީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހް ދިވެހި ގައުމީ ދިފާއީ ބާރާ މެދު ގެންގުޅުއްވާ ދުރުވިސްނުމާއި ވަރުގަދަ ތަސައްވުރު ހަގީގަތަކަށް ހެދުން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ކުރިއާ ހިލާފަށް "ހައިބްރިޑް ތްރެޓްސް"ގެ ނުރައްކާ ބޮޑުވެފައިވާ މި ޒަމާނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ވީހާވެސް ބޮޑަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަން ދިވެހި އަސްކަރިއްޔާއިން ފެންނަމުންދާކަން މިއަދު ރައްޔިތުން ބަލައި ގަންނަނީ ނުހަނު އުފަލާއެކު ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް