ads
މި މައްސަލައިގައި ހައްޔަރު ކުރި 11 މީހުން ---
61 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ދޫކުރަން ނެރުނު އަމުރު ބާތިލްކޮށްފި
ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި މއ. ބޮއިލިންގްފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލު ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިކަން މިއަދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު 24 ގައި ނެރުނު އަމުރު ހައިކޯޓުން ބާތިލު ކޮށްފައިވަނީ މިއަދު ކަމަށް ޝަފީއު މައުލޫމާތު ދިނެވެ.

ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ވިސާމް ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރު މާޗު މަހުގެ 20 ވަނަ ދުވަހު، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. 

އެގޮތުން ވިސާމް ހައްޔަރު ކޮށްފައިވަނީ އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި 61 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް އުޅުމުގެ ތެރޭގައެވެ.

ޕީޖީން މީގެ ކުރިން ބުނެފައިވަނީ މި މައްސަލައިގައި ވިސާމްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކްރިިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ވިސާމް ހިމެނޭ ގޮތަށް ފުލުހުން ވަނީ މި މައްސަލައިގައި 11 މީހަކު ހައްޔަރު ކޮށްފައެވެ. އެގޮތުން މި އެންމެންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާ ކަމަށް ޕީޖީން ބުނެއެވެ. 

މި މައްސަލައިގައި ހައްޔަރު ކުރި އެންމެންނަށް ދައުވާ ކުރިއިރު، ވިސާމް ފިޔަވާ ދެން ތިބި މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށް ޕީޖީން ބުނެއެވެ.

ޕީޖީން ބުނީ ވިސާމް އަކީ މި ނެޓްވޯކުގެ އެންމެ އިސް މީހާ ކަމަށެވެ. އަދި ކުށުގެ އަމަލު ހިންގުމުގައި އެންމެ އިސްކޮށް ހުރީ ވިސާމް ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ޕީޖީން ބުނެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އިރުއަލިމަސް ދޯންޏާއި މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައިފާސްކޮށްފަ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައިގައި ހައްޔަރު ކުރި 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރުކުރި މީހުން ކަމަށާއި ބާކީ ހަތަރު މީހުންނަކީ މާލެ އަދި ހުޅުމާލެއިން ހައްޔަރުކުރި މީހުން ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި މި އެންމެންނަކީ ވެސް މަސްތުވާތަކެއްޗާއި އަދި ވެސް އިތުރު ކުށްތަކުގެ ރިކޯޑު އޮތް ބައެކެވެ. މި މީހުން ހައްޔަރުކުރީ 61 ކިލޯއަށް ވުރެ ގިނަ ހެރޮއިންއާއެކު އެވެ. އެ ތަކެތީގެ މަގުމަތީ އަގު 72 މިލިއަނަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ޖެނުއަރީ މަހު 25 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް