މީކާއިލް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަށީދު (ބޮންޑޭ) ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
މި ގަރާރަކީ ދިވެހިރާއްޖޭގެ މުވާސަލާތީ ހިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތުން، ރައްޖޭގައި ހަދާފައިވާ ގާނޫނުތަކަށް ބެލުމެއްނެތި ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަށް، ރައްޔިތުންނަށް ނުހަނު ގެއްލުން ވަމުންދާ މަގުން ގިނަގުނަ ކަންތައްތަކެއް ތަރުތީބު ކޮށްފައިވާތީ، އެކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރެކެވެ.
މި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި މުޅި މާލެ ފުރަބަންދުވެ ގިނަ ބަޔަކު ހާސްކަމެއްގެ ތެރޭގައި އޮތްއިރު، އެނގި ހާމަވި އެއް ހަގީގަތަކީ، އިންޓަނެޓުގެ ހިދުމަތް ޒަރޫރީ ހިދުމަތަކަށް ވެފައިވާ މިންވަރު ކަމަށެވެ. އެގޮތުން ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ދަރުވަރުންނާއި، ކެބިނެޓުގެ ވަޒީރުންވެސް އިންޓަނެޓުގެ ހިދުމަތަށް ބަރޯސާ ވެފައިއޮތް އެދަނޑިވަޅުގައި، ރާއްޖޭގައި މުވާސަލާތީ ހިދުމަތްތަކާއި އިންޓަނެޓުގެ ހިދުމަތް ރެގިއުލޭޓް ކުރަން ގާނޫނުން މަތިކޮށްފައި އޮތް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އާއި، އެކަމުގައި ޖަވާބުދާރީ ވާންޖެހޭ މިނިސްޓަރުގެ ނާގާބިލުކަމާއި، އެކަންކަން ކުރުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ހާމަވެގެން ދިޔަ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
މިނިސްޓަރު މަލީހުއަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވައި މީކާއިލް ވިދާޅުވީ، ހާސްކަމެއްގެ ތެރޭގައި އެތައް އެތައް ރައްޔިތުންނެއް ތިއްބާ މިނިސްޓަރުގެ ފަރާތުން ފެނިގެން ދިޔައީ،"ވަޅުދިޔަ ހިއްކުމާއި، ފަލަމަޑީގެ ބާވަތްތައް އިންދުމާއި" އަދި އޭގެ ފޮޓީ މީސްމީޑިއާގައި ހިއްސާކުރައްވާތަން ކަމަށެވެ. އަދި އެއީ ރައްޔިތުން ހިދުމަތްތަކުގެ ޝަކުވާ ކުރަމުންދިޔަ ދަނޑިވަޅެއްގައި މިނިސްޓަރު އާދަޔާހިލާފަށް ރައްޔިތުންނަށް ޖެއްސުން ކުރެއްވުމުގެ ނިޔަތުގައި ކުރެއްވި ކައްތައްތަކެއް ކަމަށް މީކާއީލް ވަނީ ތުހުމަތު ކުރައްވާފައެވެ.
މީކާއީލް ވިދާޅުވީ، ގާނޫނުން މަތިކުރާ އެއްވެސް ގަވާއިދެއް އަދި އުސޫލެއް އެކުލަވާލާފައި ނުވާކަމަށާއި، އެކަމުގެ ސަބަބުން އިންޓަނެޓުގެ ހިދުމަތުން ރައްޔިތުން މަހުރޫމް ވެފައިވާ ކަމަށެވެ. މިމޭރުމުން ވާހަަކަ ދައްކަވަމުން މީކާއީލް ވަނީ މީގެ ދެމަސްކުރިން އެވުޒާރާގެ ގިނަ މުވައްޒަފުންތަކެއް، މިނިސްޓަރު މަލީޖުގެ ނާގާބިލުން ވަރަށް ތަފްސީލުކޮށް ހާމަކުރައްވައި އެމްޑީޕީގެ ޕީޖީ ގުރޫޕަށް ސިޓީއެއް ފޮނުއްވާފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި އެ ސިޓީގައި ހުރި ކަންތައްތަކާއި ގުޅިގެން، މިނިސްޓަރު މަލީހުއަށް، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 65 މެމްބަރުންގެ އިތުބާރު ނެތްކަމަށް ނިންމާފައިވާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ. މީކާއީލް ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އިތުބާރު ނެތްކަމަށް ކަނޑައަޅާފައިވާ މިނިސްޓެއް ކެބިނެޓުގައި އިންނަވާތާ ދެމަސް ވެއްޖެ ކަމަށާއި، މިއީ ލަދުވެތި ވާހަކައެއް ކަމަށެވެ. މިކަންކަން ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، އެމައްސަލަތައް ހައްލުކުރުމަށްޓަކައި ޕީޖީން ނިންމާފައިވާ ނިންމުން ތަންފީޒު ކޮށްދެއްވުމަށް ޕީޖީ ލީޑަރަށް ގޮވާލައްވާ ކަމަށެވެ.
މީގެ ދެމަސްކުރިން އެމްޑީޕީގެ ޕީޖީން ވަނީ މަލީހް ޖަމާލް މަގާމުން ވަކިކުރުމަށް އެދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުއްވާފައެވެ.