ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހިޔާ ފުލެޓްތަކުގެ ދާއިމީ ލިސްޓް ނެރެފި
ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއީމީ ލިސްޓް އާންމު ކޮށްފި އެވެ.

ފްލެޓް ލިބޭ ދާއީމީ ލިސްޓް ސަރުކާރުގެ ގެޒެޓް ގައި ވަނީ ޝާއިއު ކޮށްފަ އެވެ. މިއަދު އާންމު ކުރި ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ވަނީ 7،000 ފްލެޓެވެ. އެ ފްލެޓްތަކަށް 25،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅި އެވެ.

ފްލެޓް ކޮމެޓީން ބުނެފައި ވަނީ ކޮންމެ ކެޓަރީއެއްގެ ދާއިމީ ލިސްޓް ވެސް ނެރެފައި ވަނީ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމަށްފަހުގައި ކަމަށާއި އަދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި، ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައި ނުވާ ފަރާތްތައް ޝަރުތު ހަމަ ނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބު ބަޔާން ކޮށްފައި ވާނެ ކަމަށެވެ.

އަދި ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ހަވާލު ކުރެވޭނީ އެއް ފްލެޓް ކަމުގައިކަމަށް ވާތީ، ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީ އެއްގައި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ދާއިމީ ލިސްޓު އިއުލާންކުރުމުން، އެ ފަރާތަކަށް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަަށްވެސް ވަނީ ބުނެފަ އެވެ. 

ހަމަ މިއާ އެކު ވަގުތީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން ފްލެޓް / ރޯހައުސް / ގޯތި ލިބި އެގްރީމެންޓްގައި ސޮއި ކޮށްފައިވާ ފަރާތްތައް، ދާއިމީ ލިސްޓުން އުނި ކޮށްފައިވާ ކަމަށް ވެސް ފްލެޓް ކޮމެޓީން ބުނެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުންވެސް ލިޔުން ދޫކުރިއެވެ. ނަމަވެސް މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތަށް ބަޔަކު ވަނީ ލިސްޓުން އުނިކޮށްފައެވެ. އެކި ކެޓަގަރީތަކުން މިހާތަނަށް އާންމުކުރި ވަގުތީ ލިސްޓަށް ގިނަ ބަޔަކު ވަނީ ޝަކުވާއެއް ހުށައަޅާފައެވެ. އަދި އޭސީސީއަށް ވެސް މައްސަލަ ހުށަހަޅައިފައި ވެއެވެ.

ފްލެޓް ކޮމެޓީން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ފަހު ދުވަހު ދާއިމީ ލިސްޓް އާންމު ކުރުމަށެވެ. ނަަމަވެސް އެކަން ނުކުރެވުނީ ހުރިހާ ޝަކުވާތަކަށް ޖަވާބުދީ ހައްގު މީހުންނަށް ފްލެޓް ދިނުމަށް ޝަކުވާ ނުކުރެވޭނެ ފަދަ ދާއީމީ ލިސްޓެއް ނެރުމަށް ކަމަށް ފްލެޓް ކޮމެޓީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް