ads
މިނިސްޓަރު ޝާހިދު --- ފޮޓޯ: ފޮރިން މިނިސްޓްރީ
ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ދެ އެމްއޯޔޫގައި ސޮއިކޮށްފި
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންގްލަދޭޝް ދަތުރުގެ ތެރެއިން އެ ގައުމާއި ރާއްޖެއާ ދެމެދު ދެ އެމްއޯޔޫގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެއީ ދެ ގައުމުގެ ފޮރިން ސާވިސް އިންސްޓިޓިއުޓުގެ މެދުގައި ވި އެމްއޯޔޫ އަކާއި ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުމުގެ ކަންކަން ހަރުދަނާ ކުރުމާ ބެހޭ އެމްއޯޔޫ އެއް ކަމަށެވެ. 

އެމްއޯޔޫގައި ސޮއިކުރުމުގެ އިތުރުން ޝާހިދު ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އިތުރުން ފޮރިން ސާވިސް އެކަޑަމީއަށް އިއްޔެ ޒިޔާރަތްކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

އޭގެ އިތުރުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭ ކޭ މޮމެންއާއެކު ބައްދަލުކުރައްވައި، ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވާފައި ވެއެވެ.

މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފަ އެވެ. 

އެކި ދާއިރާތަކުން ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ޝާހިދު ވަނީ ސިއްހީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ.

އަދި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން އިންޓާންޝިޕް ހެދުމަށް ބަންގްލަދޭޝް ޚިޔާރުކުރާކަން ފާހަގަކުރައްވާ، ބަންގްލަދޭޝްގައި ވެސް ކޮވިޑް ފެތުރެމުން ދަނިކޮށް، ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމާއެކު ބަންގްލަދޭޝްގެ ދީލަތިކަން ހާމަކޮށްދިން ކަމަށް ވެސް ވިދާޅުވި އެވެ. 

ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މަޝްވަރާތަކުގައި ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރުކޮށް ތައުލީމީ، ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. 

އޭގެ އިތުރުން މި ދަތުރުގެ ތެރޭގައި ޝާހިދު ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުން އަދާކުރާ ރޯލުގެ މުހިއްމުކަން ފާހަގަކުރައްވައި، ރާއްޖޭގައި ލިޔެކިޔުން ނެތި އުޅެމުންދާ މަސައްކަތްތެރިންގެ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް އެފަދަ ފަރާތްތައް ރެގިއުލަރައިޒް ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވާފަ އެވެ.

އަދި އެނބުރި ބަންގްލަދޭޝްއަށް ދާން ބޭނުންވާ މިފަދަ ފަރާތްތައް އަނބުރާ ގެންދިޔުމުގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް މިނިސްޓަރު މޮމެންއަށް ޝުކުރު އަދާކުރެއްވި އެވެ. 

އޭގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުމަށް ގުޅިގެން މަސައްކަތްކުރުމާއި ރޮހިންޔާ ރެފިއުޖީންގެ މައްސަލައިގައި ބަންގްލަދޭޝް ސަރުކާރަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް