ads
ގއ. މާމެންދޫ--
އުދައްޔުގެ މަރު: މާމެންދޫގައި ފުލުހުންގެ ހިދުމަތަށް އެދި އާދޭސް ކުރާތާ އެތައް ދުވަހެއް!
ޖަޒީރާ ދިވެހި ރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަ ގޮތުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ އެކި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ހަރަދު ބޮޑު އަދި ގޮންޖެހުން ގިނަ ކަމަކަށް އޮންނަނީ ވެފަ އެވެ. މި ރަށްތަކުގައި ފެނާއި ނަރުދަމާ ނެތި، ލަފާ ފުރާނެ ބަނދަރެއް ނެތި އަދި ބޮޑު ބައްޔެއް ވެއްޖެ ނަމަ ފަރުވާ ކުރެވޭނެ ސެންޓަރެއް ނެތި އުޅެން ޖެހެ އެވެ. ހަމަ އެހެންމެ އާއްމު މަސްލަހަތު ކުރިއަރުވާ، އަމަން އަމާންކަން ބަލަހައްޓާނެ ފުލުހުންގެ ރަނގަޅު ހިދުމަތެއް ނޯވެ އެވެ. އެކަމުގެ ހިތި ނަތީޖާ ރާއްޖެއަށް ފެނުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ގއ. މާމެންދޫ އިންނެވެ.

މީސްކޮޅު މަދު މާމެންދޫގައި މަސްތުވާތަކެއްޗާއި ވައްކަން އިންތިހާއަށް ގިނަވެފައި ވާތާ އަހަރުތަކެއް ވެއްޖެ އެވެ. އެއީ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް ވާއިރު، އޭގެ ތެރެއިން އުފަންވެފައިވާ ގޭންގުތަކުގެ ސަބަބުން ރަށުގެ ޒުވާނުންގެ މެދުގައި ބައިބައިވުން އުފެދި "ފައިޓުތައް" ދިޔުން އާއްމުވެފައި ވާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ. މިކަން މިހެން ހިނގަމުން ދިޔެއީ އެންމެންގެ ލޯ ކުރިމަތީގަ އެވެ. ކައުންސިލާއި އާއްމުންގެ ކަންބޮޑުވުން ކަމާ ބެހޭ ހުރިހާ އިސް ފަރާތްތަކާއި އޮފީސްތަކާ ހިއްސާ ކުރި އެވެ. އެހެންކަމުން އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔުގެ ފުރާނަ ބީވެގެން ދިޔައިރު އެ ރަށު މީހުން ގޮތް ހުސްވެފައި ތިބޭތާ އެތައް ދުވަހެއް ވެއްޖެ އެވެ.

"ދޭތެރެ ދޭތެރެއިން މި އުޅޭ ކުދިންގެ ކަންތައްގަނޑު އޮވޭ. މިހާވަރެއް ނުވޭ ދުވަހަކު ވެސް،" ރަށުގެ ހާލަތު ކިޔައިދެމުން ކައުންސިލުގެ ރައީސް މުހައްމަދު ޒައީމް މިއަދު ސީއެންއެމްއަށް ވިދާޅުވި އެވެ. 

"މި މައްސަލައިގައި އަޅުގަނޑުމެން ވާނެ ދައުލަތާ އެކި ފަހަރު މަތިން ބައްދަލުވެސް ކޮށްފައި، މި މައްސަލަ އެ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި. އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ދައުލަތުން އަބަދުވެސް ވިދާޅުވަނީ."

މީގެ އަހަރެއްހާ ދުވަސް ކުރިން ދެ ގްރޫޕެއްގެ މެދުގައި ޖެހުނު މައްސަލަ ބޮޑުވަމުން ގޮސް ހޯމަ ދުވަހުގެ ރޭ އެ ރަށުގައި ދެ މާރާމާރީ ހިންގި އެވެ. އުދައްޔު މަރުވީ ދެވަނައަށް ދިން ހަމަލާގައި އެރޭ 10:00 ގެ ފަހުން މަސްތުވެގެން ތިބި ބަޔަކު އައިސް ވަޅި އާއި ދަގަނޑު ބުރި ފަދަ ހަތިޔާރުން ހަމަލާ ދިނުމުން ކަމަށް އެ ރަށު މީހަކު މީގެ ކުރިން ވަނީ ސީއެންއެމްއަށް ކިޔައިދީފަ އެވެ. އެ ރޭ މި ހަބަރު ފެތުރުމާއެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ކައިރި ރަށްރަށުން ފުލުހުން އެ ރަށަށް ފޮނުވާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް އެ ރަށަށް ގޮސް މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ. 

އުދައްޔުގެ މަރަށް ފަހު ކައިރި ރަށްރަށުން މާމެންދޫއަށް ފުލުހުން ފޮނުވަން ޖެހުނުއިރު، އެ ރަށުގައި ވެސް ފުލުހުން ތިބެ އެވެ. އެކަމަކު ފުލުހުން ބައިތިއްބަނީ ކައުންސިލުން ހަރަދުކޮށްގެން ތަނެއް ކުއްޔަށް ހިފައިގެން ކަމަށް ކައުންސިލް ރައީސް ޒައީމް ވިދާޅުވި އެވެ. މިއީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިދުމަތެެއް ފޯރުކޮށްދެމުންދާ ހާލަތެވެ. 

"ކައުންސިލުން ޕޮލިސް ސްޓޭޝަނަށް ހަރަދު މި ކުރަނީ، ތަނެއް ހިފާފައި މި ހުންނަނީ. އެކަމަކު އެންމެ އެކަށީގެންވާ ގޮތަކަށް ޕޮލިހުންގެ ހިދުމަތެއް ނުލިބޭ. ކައުންސިލުން ވެސް އަދި އާއްމު ރައްޔިތުން ވެސް ހިތްހަމަޖެހޭ ވަރަކަށް ޕޮލިހުންގެ ހިދުމަތެއް މާމެންދޫއަކަށް ނުލިބޭ،" ޒައީމް ވިދާޅުވި އެވެ.

އެގޮތަށް ފާހަގަކުރަން ޖެހޭ ސަބަބަކީ އާބާދީގައި އެންމެ 1055 މީހުން އުޅޭ ރަށުގެ ކުށުގެ ވެށި މި ވަގުތު އޮތް ގޮތުންނެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ އެ ރަށުގައި އެންމެ ބޮޑު މައްސަލަ އެވެ. އެއާ ގުޅިގެން ވައްކަން ވެސް އެހާ ގިނަ އެވެ. 

"ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރުމުގެ ބޭނުމެއް ވެސް ނޯންނާނެ. ހައްޔަރުކޮށްފައި އަނެއް ދުވަހު ދޫކޮށްލާނެ. ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް އައިސް ކުރާނީ ވައްކަން،" ރަށުގައި ބިރުވެރިކަން އޮތް މިންވަރު އެމީހާ ހާމަކޮށްދިނެވެ.

ކައުންސިލުގެ ރައީސް ޒައީމް ވެސް ވިދާޅުވަނީ ރަށުގެ ހާލަތު އޮތީ ހަމަ އެހެން ކަމަށެވެ. ދުވާލެއްގެ މައްޗަށް އެކެއް ނުވަތަ ދެ ވައްކަން ހިނގާ ކަމަށާއި ނަމަވެސް ފުލުހުންނަށް ބޭނުންވާ މިންވަރަށް ހެއްކާއި ގަރީނާ ނުލިބޭތީ މާ ބޮޑު ފިޔަވަޅެއް ނޭޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މައްސަލަ ހުށަނާޅަނީ ވެސް އެއީ ޕޮލިހުންގެ ފަރާތުން ގިނަ ފަހަރަށް ވައްކަން ކުރާ މީހާ މި ގެންދަނީ. ގެންގޮސް 24 ގަޑިއިރު ނުވަނީސް ދޫކޮށްލާ. ދެން އަނެއްކާ ވެސް ޖެހިގެން އަންނަ ދުވަހު ވެސް ގޮސް އެ ގެއިން ވައްކަން އެބަކޮށްލާ،" އޭނާ ވިދާޅުވި އެވެ. 

"ވައްކަން ކުރާ މީހާ ވެސް ބިރު ކެނޑިއްޖެ ތިމަންނަ ކިތައްމެ ވަރަކަށް ވައްކަން ކުރިޔަސް ވާނެ ކަމެއް ވެސް ނޯންނާނެ އޭ. އެ އުސޫލުން ވެސް އެބަ ވާހަކަ ދައްކާ. އަސްލު ގިނަ ފަހަރަށް ކުށް ކުރާ މީހާއަށް ހިތްވަރު މި ލިބެނީ".

މި މައްސަލަތަކުގެ ތެރެއިން އުފެދުނު ބަޔަކު އެ ރަށުގައި އުޅެނީ ދެ ގްރޫޕެއް ހަދައިގެންނެވެ. އެކަން ފާހަގަވެ ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން ކައުންސިލަށް ޝަކުވާ ހުށަހަޅާފަ އެވެ. އަދި ކައުންސިލުން ވަނީ އަތޮޅު ކައުންސިލާ ވެސް އެކު ގޮސް ފުލުހުންނާ ބައްދަލުކޮށް ހައްލެއް ހޯދައިދިނުމަށް އެދި އާދޭސްކޮށްފަ އެވެ. އެ ހިސާބުން ވެސް ހައްލެއް ނުފެނި ކައުންސިލުގެ މެމްބަރުން ވަނީ ފުލުހުންގެ އިސް ވެރިންނާއި ޕޮލިސް ކޮމިޝަނަރު ހަމީދާ ހަމައަށް ވެސް ކަންބޮޑުވުންތައް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ހިތާމައަކީ ޒުވާން ފުރާނައެއް ބީވެގެން ދިޔައިރު ވެސް އެ ރަށު ރައްޔިތުން މެދުކެނޑުމެއް ނެތި އުފުލަމުން ދިޔަ ކަންބޮޑުވުމަށް ހައްލެއް ނުލިބުމެވެ. ހިތާމައަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި ވެރިންނަށް އެ ރަށު ރައްޔިތުންގެ އާދޭހުގެ އަޑު ނީވުމެވެ. 

އުދައްޔުގެ މަރަށް ފަހު ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވި ގޮތަށް މާލެއިން ދިޔަ ފުލުހުންގެ ޓީމެއް މި ވަގުތު ވެސް ދަނީ މާމެންދޫގައި ހަރަކާތްތެރިވަމުންނެވެ. އެހެންކަމުން ރަށުގެ މާހައުލު މި ވަގުތު އޮތީ ވަރަށް އޮމާންކޮށެވެ. ކައުންސިލުގެ ރައީސް ޒައީމް ވިދާޅުވީ ރައްޔިތުން ތިބީ ފުލުހުން ހިންގާ ތަހުގީގު ވަރަށް ގާތުން ބަލަން ކަމަށާއި އެންމެން ވެސް އެދެނީ އެ މަރަށް އިންސާފު ލިބި، ރަށުގައި އަމާންކަން ގާއިމްވުމަށް ކަމަށެވެ. 

"އާއްމުން ބޭނުން ވަނީ އިންސާފު ލިބޭނެ ގޮތެއް. ދެން މި ވަގުތު ހުރިހާ އެންމެން ވެސް މި ތިބީ ޕޮލިހުން ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަމުން ދާތީއާ އެއްކޮށް އެ ކަންތައް ވަރަށް ކައިރިން ބަލަން،" އޭނާ ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް