ads
ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު
އަލީ ވަހީދު ފުރުން، އެތައް ސުވާލެއް!
މި ފަހުން އެންމެ ހައިރާން ކުރަނިވި ހަބަރަކަށް ލިބުނީ ޖިންސީ ފުރައްސާރަ އާއި ރޭޕްކުރަން އުޅުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މި ސަރުކާރުގެ ކުރީގެ ޓޫރިސަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗައް އުފުލިފައިވާ އެއްވެސް މައްސަލެއްގައި ހުކުމަކާއި ހަމަޔަށް ވެސް ނުގޮސް ހަތް މަހަށް ވުރެ ގިނަ ދުވަހު އޮތުމަށް ފަހު އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކޮށްފައިވާ އަމުރު ބާތިލްކޮށް ބޭސްކުރުމުގެ ނަމުގައި އިނގިރޭސިވިލާތަށް ފުރުވާލި ހަބަރެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު ޓުއަރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ރައީސް އޮފީހަށާއި، ޖެންޑާ މިނިސްޓްރީއަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހެޅުމުން މަގާމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި އެވެ. އަދި މަގާމުން އިސްތިއުފާ ނުދިނުމުން ރައީސް އަލީ ވަހީދު މަގާމުން ދުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި 9 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލާއި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް އަލީ ވަހީދު ފުލުހަށް ވެސް ހާޒިރުކޮށްފައިވެ އެވެ. އަދި އޭގެ ފަހުން އެމަހުގެ 12 ވަނަ ދުވަހު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން ވެސް މަނާ ކުރިއެވެ. އޭގެ ފަހުން ހަތް މަސް ވެގެން ދިޔަ އިރުވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ފިޔަވަޅެއް ނޭޅުނުތާ އެތައް މުވައްޒަފުންނެއްގެ ޝަކުވާތަކަށް ފަހު ވެސް އޭނަ ހުރީ ބަންދުކުރުމެއް ނެތި މިނިވަންކަން މަތީ ގެޔަށް ދޫކޮށްލެވިފައެވެ.

ހަމައެކަނި ޕާސްޕޯޓު ހިފައްހައްޓާ ރާއްޖެއިން ފުރުން މަނާ ކުރިކަން އެކަންޏެވެ. އެ މައްސަލަ އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ދިޔައެކޭ ބުނެވޭކަށް ނެތެވެ. އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައާ ގުޅިގެން ގޮތެއް ނިންމޭނެ ކަމަށް ވިދާޅުވީވެސް އޭގެ ތިން މަސް ފަހުންނެވެ. އެ މައްސަލަ މިހާރު އޮތީ ފައިނަލް ސްޓޭޖްގައި ކަމަށާއި އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށާއި، އަންނަ ހަފްތާއަށް ގޮތެއް ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޖީ ހުސެން ޝަމީމް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ވިދާޅުވި ނަމަވެސް އޭގެ ޝަރީއަތެއް ވެސް އެންމެ ފަހުން ބޭއްވިފައިވަނީ އެ އަހަރު ނިމި އޭގެ ތިންމަސް ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ޝަރީއަތް ވެސް ބާއްވާފައިވަނީ ސިއްރު ކޮށްގެންކަން ފާހަގަކުރެވެއެވެ. ޖިންސީ ފުރުއްސާރައިގެ އެތައް ތުހުމަތުތަކެއް ދައުލަތުން ކުރާ މީހެއްގެ ޝަރީއަތް މިގޮތަށް ސިއްރު ކުރެވުން ވެސް މިއީ މި މައްސަލައިގައި ސަރުކާރުން ނުވަތަ އަޑިއަޑިން ނަމަވެސް އޭރުވެސް ބޮޑެތި ޖަރީމަތަކެއް ހިންގަމުން ދިޔުމުގެ ހެއްކެކޭ ބުނެވިދާނެއެވެ. 

ޕީޖީ އޮފީހުން ވަނީ އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކަކީ، ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން ވެސް ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި، އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ކުރެ އެވެ.

ނަަމަވެސް އަލީ ވަހީދު ވަނީ ޖިންސީ ފުރައްސާރައިގެ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. މިފަދަ ބޮޑު ތުހުމަތ ތަކެއް ކުރެވި އެ ތުހުމަތުތައް ހެއްކާއިއެކު ސާބިތު ކޮށްދިނުމަށް އެތައް މުވައްޒަފުންނެއް ތިބި އިރުވެސް މި މައްސަލާގައި އޭނާގެ މައްޗައް ދައުވާ ސާބިތުވުމެއް ނުވަތަ ހުކުމް އިއްވުމެއް ނެތި ހަތް މަސް ވަންދެން ގެޔަށް ދޫކޮށްލާފައި ބެހެއްޓުމަށް ފަހު ދެން އިވިގެން މި ދިޔައީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާތިލުކޮށް ފުރުމަށް ހުއްދަ ދެވިގެން ދިޔަ ވާހަކަތަކެވެ. އަދި ކޯޓު ފަޓުލޫނު ތުރުކުރައްވައިގެން ހިތްހަމަޖެހުމާއިއެކު މިނިވަން ކަންމަތީ ފުރާވަޑައިގެންނެވިއިރު ވެސް ސަރުކާރަށާއި ޕީޖީ އޮފީހަށް ވެސް ރޭކައެއް ނުލައެެވެ. މިއީ މި ފަހުގެ ތާރީހެއްގައި ކުށްވެރިއަކު އެންމެ ރީތި ގޮތުގައި ސަރުކާރަށާއި ފަނޑިޔާރުގެތަކާއި މުޅި ޖުޑިޝަރީއަށް ވެސް ރޭކާ ނުލާނެހެން އަރާމުކަންމަތީ ހުދު ފަޓޫލޫނު ތުރުކުރައްވައިގެން ފިއްލެވި ފުރަތަަމަ ފަހަރެވެ. 

މިހެން ބުނަން މި ޖެހުނީ އަލީ ވަހީދު ފުރި މައްސަލައިގައި އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވުމާއިއެކު ސަރުކާރުގެ ފަރާތުން ދެއްވި ޖަވާބަކީ "ސަރުކާރަށް ވެސް އެކަން އެނގުނީ ނޫހުގެ ފަލަ ސުރުހީތަކުން" ކަމަށް ވުމުންނެެވެ. މަބުރޫކް މިހެން ވިދާޅުވިއިރު ސޯޝަލް މީޑިއާގައި ވެސް ދިޔައީ މިކަމަށް ބާރުލިބޭ ކޯޓު އަމުރެއް ދައުރުވަމުންނެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ކޯޓު އަމުރުގައި ވާގޮތުން ބޭސް ފަރުވާއަށް އަލީ ވަހީދު ދާންޖެހޭކަން ކަށަވަރުކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުކޮށް އޭނާގެ ވާހަކަތައް އަޑުއެހުމަށް ފަހު އަދި ދައުލަތުގެ ފަރާތުން ވެސް އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި އަލީ ވަހީދު ފިލައިގެން ދިޔުމުގެ އިހްތިމާލް އޮތް ކަމަށް ދައުލަތުން ބުނެފައިވާތީ ބޭރަށް ދާއިރު އަލީ ވަހީދުއާއިއެކު ޖާމިނު ވާނެ ފަރާތެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް ކޮށްފައިވާ އަމުރު ބާތިލް ކޮށްފައިވާ ކަމަށް އެ ކޯޓު އަމުރުގައި ވެއެެވެ.

މި ވާހަކަތައް ބޮޑުވެ ޕީޖީ ހުސެން ޝަމީމް ހޫނު ފެނަށް ލެވިގެން ދިޔުމާއިއެކު އިއްޔެރޭ ވަނީ އެ މައްސަލާގައި އެންމެ ފަހުން ނެރުނު ކޯޓު އަމުރާއި ގުޅޭ ސައްހަ ނޫން ގިނަ މައުލޫމާތުތަކެއް މީސްމީޑިއާގައި ދައުރުވަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލައާއި ގުޅޭ ގޮތުން ކަމުގެ ހަގީގަތް ބަޔާންކޮށް އަނެއް ދުވަހު ހެނދުނު ނޫސް ބަޔާނެއް ނެރޭނެ ކަމަށް ވިދާޅުވެފައެެވެ. އަދި އެ މައްސަލާގައި ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އެދިލެއްވުމަށް ފަހު "ގުޑް ނައިޓް" އަކާއިއެކު ޝަމީމް ވަނީ ނިދިކުރައްވާފައެވެ. އެޔަށްފަހު މިއަދު އެންމެ ހެނދުނާއި ވައުދުވެލެއްވި ގޮތަށް އެކަމުގެ ހަގީގަތް ބަޔާންކޮށް ނޫސް ބަޔާނެއް ވެސް ނެރުއްވިއެވެ. އެހެންނަމަވެސް އެ ނޫސްބަޔާނުގައި ވާ ކަންތަކާއި ކްރިމިނަލް ކޯޓުގެ ކޯޓު އަމުރާއި އަދި ރައީސް ސޯލިހްގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވި ބަސްތައް އޮތީ ދޮގަކަށްވެ ނިމިފައެވެ. ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކުރި މައްސަލައިގައި ދައުލަތުގެ ފަރާތުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް އެދިފައި ނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މި ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން އާންމުވެފައިވާ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ ޕީޖީން އެދިގެން ކަމަށް ބުނެ ލިޔުމުގައި އެފަދައިން އޮތީ ކޯޓުގެ "އިދާރީީ އޮޅުމެއް" ގެ ސަބަބުން ކަމަށް ޕީޖީން ބުނެފައިވެއެވެ. އަދި އެއީ އެއްވެސް ހާލަތެއްގައި ޕީޖީން އެދިގެން ނެރެފައިވާ އަމުރެއް ނޫން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުން މި މައްސަލައިގައި ނެރެފައިވާ އަމުރަކީ، އާންމުކޮށް މި ބާވަތުގެ އަމުރު ނެރުމުގައި އަމަލު ކުރާ އުސޫލުތަކާއި ހިފާލަށް އަމަލުކޮށްފައިވާ މައްސަލައެއް ކަމަށް ޕީޖީން ބުނެފައިވެއެވެ. އަދި އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މައްސަލައިގެ އެންމެ ފަހުގެ ޝަރީއަތުގައި، ޖާމިނުކޮށް ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިއުތިރާޒް ކުރާ ކަމަށް ބުނެފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ޕީޖީގެ މި ނިންމުމަކީ އަލީ ވަހީދު ރާއްޖެއިން ފުރާ ހިސާބުން ފެށިގެން އޭނާގެ މައްޗަށް އެ އަމުރު ތަންފީޒު ނުކުރެވޭނެތީ، އަދި މީހަކު ޖާމިނު ކުރިކަމުގައި ވީނަމަވެސް އަލީ ވަހީދުގެ ޖާމިނު ޒިންމާ ކުރެވޭނެ ކަމާމެދު ޔަގީން ކަމެއް ނެތުމުން ކަމަށް ޕީޖީން ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން އަލީ ވަހީދަކީ މީގެ ކުރިންވެސް ތަހުގީގަށާއި ޝަރީއަތަށް ހުރަސް އެޅޭނެހެން ފުރައިގެން ދިއުމަށްފަހު، އެނބުރި ނައިސް ހުރި މީހެއް ކަމަށާއި، ޕާސްޕޯޓު ދޫކޮށްފިނަމަ، ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް މަޑުކޮށް، ހެކި ނައްތާލާ، މައްސަލައިގެ ޝަރީޢަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްހާ ހިނދަކު އެނބުރި ނައުމުގެ ފުރުސަތު އަލީ ވަހީދަށް އޮތް ކަން ދައުލަތުން ޝަރީއަތުގައި ފާހަގަ ކުރި ކަމަށް ޕީޖީން ބުނެފައިވެއެވެ. 

ޕީޖީން ބުނީ ޝަރީޢަތުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ނިންމާފައިވަނީ، އޭނާއަކީ އެހެން ރިކޯޑެއް އޮތް މީހަކަށް ނުވާތީ، ޑޮކްޓަރުގެ ވާހަކަތަކަށް ބިނާކޮށް، މީހަކު ޖާމިނު ކުރުމަށް ފަހު ކަމަށެވެ. ޖާމިނު ކުރުވަނީ ކާކުތޯ ޝަރީއަތުން ސުވާލު ކުރުމަށް އަލީ ވަހީދު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަސްއަދު އަލީ (އަޑުބަރޭ) އޭނާއަށް ޖާމިނުވާނެ ކަމަށް ބުނެފައިވާ ކަމަށް ޕީޖީން ފާހަގަ ކުރިއެވެ. ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ނިންމި ލިޔުމާއި، ޖާމިނުކުރި ލިޔުން ދައުލަތާއި ހިއްސާ ކުރުމަށް އެދިފައިވާނެ ކަމަށާއި، ނަމަވެސް މިހާތަނަށް އެ ލިޔުންތައް ދައުލަތާ ހިއްސާކޮށްފައި ނުވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. 

އަދި މި މައްސަލައިގައި އަލީ ވަހީދު ހުށަހެޅި މެޑިކަލް ރިކޯޑުތައްވެސް ދައުލަތުން އެދިފައިވީނަމަވެސް، މިހާތަނަށް ދައުލަތަށް ލިބިފައި ނުވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިވީ ކިހިނެތްކަން މިހާރު ނޯޅޭ މީހަކު ނުހުންނާނެ ކަންވެސް ގައިމެެވެ. މިވަރުގެ ކަމެއް ހިނގައިގެން ދިޔައިރު ދައުލަތާއި ސަރުކާރު އަދި ފަނޑިޔާރު ގެތައް އޮތީ ނިދާފައި ބާއޭ އެބަ ހިތަށް އަރައެވެ. ނޫނީ ކޯޓު ފަޓުލޫނުގައި ކުށްވެރިއަކު ފުރައިގެން ދާއިރު ދައުލަތަށް ނޭނގި، ފުލުހުންނަށް ނޭނގި ދެވިދާނެ ބާއޭވެސް އެބަ ހިތަށް އަރައެވެ.

ނޫންނަމަ މިކަމުގައި ދައުލަތުން ޝަރީއަތަށް ދީފައިވާ ބަޔާން ވެސް ވަނީ ކޯޓު އަމުރުގައި އޮޅުވާލާފައި ކަމަށް ބުނުމުގެ ޖާގަވެސް އެބަ އޮތެވެ. މިއީ "އެރި އިދާރީ އޮޅުމެއް" ކަމަށް ބުނެ މި މައްސަލާ ނިންމާލެވެން ވެސް މިހާރު އެބަ އޮތް ހެއްޔެވެ؟ އިދާރީ އޮޅުމަކުން ނަމަވެސް ނުވަތަ އެއީ ސަރުކާރުން ނުވަތަ ފަނޑިޔާރުގެއިން އެކަން ވާން ބޭނުންވި ގޮތް ނަމަވެސް މިއަދު މައާފަށް އެދި ލިޔުމުގައިވާ ކުށް އިސްލާހު ކުރެވިދާނެއެވެ. އެހެންނަމަވެސް ޖިންސީ ފުރައްސާރައިގެ އެތައް ތުހުމަތެއް ކޮށްފައިވާ ކުށްވެރިއަކު ދައުލަތަށާއި ސަރުކާރު އަދި ފަނޑިޔާރުގެތަކަށް ވެސް އޮޅުވާލާ ފިއްލެވި ފިއްލެވުން އިއާދަ ކުރާނީ ކިހިނަކުންތޯ؟ 

ދެން އުފެދޭ ސަުވާލަކީ "ޖާމިނު ވާނެ ފަރާތަކާއިއެކު ނަމަވެސް އަލީ ވަހީދަށް ހިމާޔަތް ދީފައިވާ ގައުމަކަށް ދިޔުމަށް ފަހު އޭނާ ގެނެވޭނެ އިދާރާއެއް ނުވަތަ އަތެއް ހުންނާނެތޯ؟" ކުރެވޭ ސުވާލެވެ. އެކަން އެގޮތަށް ނުވާނެކަން އެންމެ ތުއްތު ކުއްޖާއަށް ވެސް ފަހުމް ވާނެއެވެ. 

ކޮރަޕްޝަނުގެ އެތައް މައްސަލައެއް ސާބިތުވެފައިވާ އަހްމަދު އަދީބު ވެސް ފިއްލަވަން އުޅުއްވީ ޓަގު ބޯޓެއްގައި ސޫރަ ބަދަލުކުރައްވައިގެން ނަމަވެސް އޭނަ އަތުލައިގަނެގެން އޭރު ސަރުކާރުން ވަނީ ގެެނެސްފައެވެ. އެހެންނަމަވެސް މިއަދު އެއްވެސް މެޑިކަލް ރިޕޯޓެއް ވެސް ދައުލަތަށް ހުށަހަޅާފައި ނުވާ "ރޭޕިސްޓަކު" ގާނޫނީ ގޮތުން ނަގަންޖެހޭ ހުރިހާ ހުއްދަތަކާއިއެކު ބޭސް ފަރުވާއަށް ފުރައިގެން އެ ދިޔައީ ހުދު ފަޓުލޫނުގައި، ސޫޓު އަޅުއްވައިގެން ދައުލަތާއި، ރާއްޖޭގެ ޖުޑިޝަރީގެ މޫނު މަތީ އެތި ފަހަރަކުން ވިހަލާފައި ކަމާއިމެދު ޝައްކެތް ނެތެވެ. އަދި މިއަދު އޭނާ ގެނެވޭނެ ނުވަތަ ގެނައުމަށް ކުރެވޭނެ މަސައްކަތެއް ވެސް ސަރުކާރަކަށް ނޯންނާނެއެވެ. އަލީ ވަހީދު އެ ދުރުވީ އެހާވެސް ހުޝިޔާރު ކަމާއިއެކީ އެވެ. މިވަރު ވެގެން ދިޔައިރު ސަރުކާރަށް މިކަން ނޭނގި އޮތުން މިއީ މިއަދު އެއްކަލަ ޖުޑިޝަރީ އިސްލާހުކޮށް މިނިވަންކުރުމަށް އައި ސަރުކާރުން ލަދުގަންނަން ޖެހޭނެ ކަމެކެވެ. އަދި މިއީ މުޅި ޖުޑިޝަރީ ތެރެއިން ހިންގި ބޮޑު ޖަރީމާއެކެވެ. ބޮޑު ކުށެކެވެ. ރޭޕިސްޓުންނަށް ދެވުނު ހިތްވަރެކެވެ.

ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރަން ޖެހިފައިވާ ވާހަކައަކީ ފެށުނީއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. ހާއްސަ ގޮތެއްގައި ވެރިކަން ދިފާއުކުރުމަށް ނުވަތަ ކާމިޔާބު ކުރުމަށް ވެސް ސިޔާސީ މީހުން ގެންގުޅޭ އުކުޅުތަކުގެ ތެރެއިން އެންމެ މުހިންމު އުކުޅަކީ ވެސް "ޖުޑިޝަރީ އިސްލާހު ކުރުން" މިއުކުޅެވެ. ސަބަބުތައް ބައިވަރެވެ. ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގުޅިފައިވާ އެއް ބަހާއަކީ ޖުޑިޝަރީއެވެ. އަނިޔާތަކަށް އިންސާފު ލިބިދިނުމުގެ މައި ތަނބަކީވެސް ހަމަ މި ޖުޑިޝަރީއެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކުން ވެރިކަމެއް ހޯދުމާއި ވެރިކަމެއް ފުނޑިގެންދިޔުން ބިނާ ވަނީ ޖުޑިޝަރީއަށް ރައްޔިތުންނަށް އޮންނަ އިތުބާރުގެ މަށްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް