ads
ފޮޓޯ: ސަން
ރަޝިއާ އާއި ސީއައިއެސް ރީޖަންގެ މީޑިއާ ފެމް ޓްރިޕްތަކެއް ފަށައިފި
ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ރަޝިއާ އާއި ސީއައިއެސް ރީޖަންގެ މަޝްހޫރު ނޫސްވެރިންތަކެއް ދިވެހިރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ދިވެހިރާއްޖެ އަކީ ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ގޮތުން އެކި މާކެޓްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފެމިލިއާއިޒޭޝަން ޓްރިޕްތަކުގެ ތެރެއިން މިއީ ރަޝިއާ އާއި ސީއައިއެސް ރީޖަނަށް އަމާޒުކޮށްގެން މިއަހަރު ކުރިއަށް ގެންދާ ފުރަތަމަ ފެމް ޓްރިޕެވެ.

މި އަހަރުގެ މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ވަނީ މެދުއިރުމަތި އަދި އިނގިރޭސިވިލާތަށް އަމާޒުކޮށްގެން ފެމް ޓްރިޕް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދެ ދަތުރެއްގެ މައްޗަށް އެކުލެވޭ މި ފެމް ޓްރިޕްގައި ފުރަތަމަ ނޫސްވެރިންގެ ޓީމު ކަޒަކިސްތާނުން ދިވެހިރާއްޖެ ޒިޔާރަތްކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުގައި ވަނީ މަޝްހޫރު މަޖައްލާތަކުގެ ޗީފް އެޑިޓަރުން ބައިވެރިވެފައެވެ. މި ނޫސްވެރިން ދިވެހިރާއްޖޭގައި ކުރާ ތަޖުރިބާއާ ބެހޭގޮތުން ލިޔާ އާޓިކަލްތައް ބިނާކުރާނީ ސޭފްޓީ، ލަގްޒަރީ އަދި އެކޯ އިނީޝިއޭޓިވްސްގެ މަށްޗަށެވެ. އަދި ލިޔުންތައް ބޮޑު އޯޑިއަންސް އަކަށް ފޯރާނެ އ ކަމަށް ބެލެވޭ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. 

މި ދަތުރުގައި ކަޒަކިސްތާނުން ޒިޔާރަތްކުރި މީޑިއާ ޓީމްގެ ހުރުން ހަމަޖެހިފައިވަނީ، ޝެރަޓަން މޯލްޑިވްސް، ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ކުރަމަތި އައިލެންޑް ރިސޯޓްގަ އެވެ. މީގެއިތުރުން މި ސިލްސިލާގެ ދެވަނަ ދަތުރުގައި ރަޝިއާއިން ޒިޔާރަތްކުރާ މީޑިއާ ޓީމް މިއަދު ވަނީ ރާއްޖެއަށް އައިސްފައެވެ. މި ޓީމުން ރާއްޖެއަށް ކުރާ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ރޮބިންސަން ކްލަބް ނޫނު ރިސޯޓުގައެވެ. 

ރަޝިއާ މާކެޓަކީ ދިވެހިރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މުހިންމު މާކެޓެކެވެ. ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ހުޅުވި ފަހުން ރަޝިއާ ރީޖަނުން ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަން އިތުރުވެފައެވެ. އަދި ރަޝިއާ މިހާރު ހިމެނެނީ ދިވެހިރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ގޮތުގައެވެ. މީގެއިތުރުން ސީއައިއެސް ރީޖަންގެ ގައުމުތަކުގެ ތެރެއިން ޔޫކްރެއިން އާއި ކަޒަކިސްތާނުން ވެސް ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ކަޒަކިސްތާނާ ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށިފަހުން ކަޒަކިސްތާން އަކީ ދިވެހިރާއްޖެ އަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ދިހަ ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ރަޝިއާ އާއި ސީއައިއެސް ރީޖަންގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޖޮއިންޓް ހަރަކާތްތަކާއި ޑިޖިޓަލް މާކެޓިން ހަރަކާތްތައް ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް