ads
ކޮވިޑް 19 ގެ ސާމްޕަލް ނެގުމުގެ ތެރެއިން ---
މިއީ ހުން އަންނާނެ ކަމަށް ރަޖާ އަޅަން ވީ ވަގުތު!
ހުން އަންނާނެ ކަމަށް ރަޖާ އަޅާ ވާހަކައަކީ ކުޑައިރުއްސުރެ އަބަދުވެސް އިވޭ ވާހަކައެކެވެ. އޭރު މި ދިވެހި ހަރުބަސް ވެގެން ދިޔައީ މާ ބޮޑަށް ބިރުން، ކަމެއް ވެދާނެ ކަމަށް މީހުން އުޅެން ފެށުމުން އެފަދަ މީހުންނާއި ދިމާއަށް ބުނާ ބުނުމަކަށެވެ. ނަމަވެސް މިއަދު މިވަނީ މިކަން ބަދަލުވެފައެވެ. ކޮވިޑް 19 ގެ ހާލަތުގައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ނޫން ގޮތެއް ނެތެވެ.

މީގެ އަހަރެއް ކުރިއަށް ބަލާލާއިރު، އެންމެންވެސް އުޅުނީ އަމިއްލަ ކަމެއްގައި ޝާމިލުވެއެވެ. ރައްޓެހިންނާއެކު ބޭރަށް ދިއުމަކީ އެކަމުން އެހެން މީހަކަށް ނުރައްކަލެއް އޮތް ކަމެއް ނޫނެވެ. ބޭރުގައި ބޭނުން އިރަކު ބޭނުން ބަޔަކާއެކު އުޅެންވީއެވެ.

ނަމަވެސް އެކަން ބަދަލުވެ ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މިދިޔަ އަހަރު މާލެއަށް އަރާ ފޭބުން މަނާކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ލޮކްޑައުންއަކަށް ދާން ޖެހުނީ ރާއްޖޭގެ ވެރިރަށް މާލޭގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން އިނގުނު ހިސާބުންނެވެ. ކޮވިޑްގެ ފުރަތަމަ ރާޅާއެކު ފެނުނީ އެންމެން އެކުގައި ބަލިމަޑުކަމުުން އަރައި ގަތުމަށް މަސައްކަތް ފަށައިގަތް ތަނެވެ. 

ތިން މަހެއްހާ ދުވަހުގެ ލޮކްޑައުނަކަށް ފަހު، ކޭސްތައް މަދުވާން ފެށުމުން ސަރުކާރުން ލުއިތަކެއް ދިނެވެ. އެއާއެކު ބަލީގެ ކޮންޓްރޯލް ދޫވީ ރައްޔިތުންގެ އަތް މައްޗަށެވެ. ނަމަވެސް ދިން ލުއިތަކާއެކު ގިނަ ބަޔަކު ގައިޑްލައިނުތަކަށް އަމަލު ނުކުރުމުގެ ސަބަބުން ކޮވިޑްގެ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހި، އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް ޖެހުނެވެ. 

ކޮވިޑްގެ ދެވަނަ ރާޅުން ވެސް އަރައިގަތީ އެކުގައި މަސައްކަތް ކޮށްގެންނެވެ. ސަރުކާރުގެ ގައިޑުލައިނުތަކަށް އަމަލު ކޮށްގެންނެވެ. ނަމަވެސް ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމާއެކު ފެނިގެން ދިޔައީ ގައިޑްލައިނުތަކަށް ފަރުވާ ކުޑަކުރެވެމުން ދިޔަ މަންޒަރެވެ. ލޮކްޑައުންގެ ހަނދާން ނެތިގެން ދިޔަ މަންޒަރެވެ.

އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވަނީސް މި ވަނީ އިތުރު ކޮވިޑްގެ ރާޅަކާ ދިވެހިންނަށް ކުރިމަތިލާން ޖެހިފައެވެ. މިފަހަރުގެ ކޮވިޑުގެ ރާޅު ކުރިއަށް ވުރެ މާ ބޮޑަށް ވެސް ނުރައްކާތެރިއެވެ. އާންމު ރައްކާތެރިކަމަށް ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އެޅި ނަމަވެސް، ރައްޔިތުންގެ ފަރާތުން ކުރިއަށްވުރެ ބޮޑަށް އެއްބާރުލުން ލިބިގެން ނޫނީ މިފަހަރު ސަލާމަތް ވެވޭކަށް ނެތެވެ.

އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓު ރާއްޖެއިން ފެނުން ކަމީ އެންމެންނަށް އެނގޭ ކަމެކެވެ. އަދި މި ވޭރިއަންޓަކީ މާ ހަލުވިކޮށް ފެތުރޭ ވޭރިއަންޓެއް ކަމީ ތަކުރާރުކޮށް ސިއްހީ މާހިރުން ފާހަގަ ކުރަމުން އަންނަ ކަމެކެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ގައިމުވެސް ހުން އަންނާނެ ކަމަށް ރަޖާ އަޅައިގެން ތިބުމަކީ އެންމެންގެ ރައްކާތެރިކަމަށް މުހިއްމު ކަމެކެވެ. މިއީ ބޮޑެތި އެއްވުންތަކާއި ޕާޓީތައް ބާއްވަންވީ ވަގުތެއް ނޫނެވެ. އިސްކަންދޭންވީ މީހާގެ ބަބުލް ވީހާވެސް ކުޑަކުރުމަށެވެ. އަދި ތިމާގެ ބަބުލްގައި ހިމެނޭ ހައި ރިސްކު ކެޓަގަރީގައި ތިބި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އައި ނަަމަވެސް، 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ނުޖެހޭ އިރު އެކުދިންގެ ރައްކާތެރިކަމަށް ވެސް އިތުރަށް ފަރުވާތެރިވާން ޖެހިއްޖެ އެވެ. 

ކޮންމެ ދުވަހަކު 12 ގަޑިއިރަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކޮށްފައިވާއިރު، އެކަމާ ޝަކުވާ ކުރުމުގެ ބަދަލުގައި ވިސްނަންވީ މިއީ އެންމެންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމެވެ. މަސައްކަތް ކުރަންވީ ވީހާވެސް އަވަހަކަށް ކޮވިޑްގެ މިރާޅު ވެސް ކޮންޓްރޯލު ކުރުމަށެވެ. މިއީ ހުން އަންނާނެ ކަމަށް ރަޖާ އަޅައިގެން ތިބެންވީ ވަގުތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް