ads
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
ކޮވިޑުގެ ތިންވަނަ ރާޅުގައި ގެނބެނީ!
ކޮވިޑް-19 ގެ ތިންވަނަ ރާޅަކާ ދިވެހިން މިއަދު ހަނގުރާމަ ކުރަމުން ދާއިރު ފެންނަ ފެނުމަށް މިއީ މިހާތަނަށް އައި އެންމެ ނުރައްކާ ރާޅު ވެސް މެއެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ކުއްލިއަކަށް އަތްނުފޯރާ ފަށަށް އަރާފައި ވާއިރު، ބޮޑުވަރު ވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުތަކާއި ހާލު ދެރަވެ މަރުވާ މީހުންގެ އަދަދުތައް ވެސް ވަނީ އިސާހިތަކު މައްޗަށް ފުންމާލާފަ އެވެ. ސިއްހީ ފަރާތްތަކުން ވެސް އިންޒާރުދޭ ގޮތުގައި މިއީ މިހާތަނަށް އެންމެ ނުރައްކާ ރާޅެވެ.

މި ބަލީގެ ތިންވަނަ ރާޅުގައި ގެނބެން ފެށިއިރު، ރާއްޖޭގައި ވަނީ ވެކްސިން ޕްރޮގްރާމް ފަށާފަ އެވެ. މިހާރު 25،000 އަށް ވުރެ ގިނަ މީހުންނަށޤ ވެކްސިނުގެ ފުރަތަމަ ޑޯޒް ވަނީ ދީފަ އެވެ. އެކަމަކު ވިސްނަން ޖެހޭ ކަމަކީ މި ވެކްސިނަކީ އަލަށް ފެނުނު ކޮވިޑުގެ އާ ވޭރިއެންޓާ ދެކޮޅަށް މާ ބޮޑަށް މަސައްކަތް ކުރާ ވެކްސިނެއް ނޫން ކަމެވެ. ކޮންމެވެސް ވަރެއްގެ ރައްކާތެރިކަނެއް ލިބުނު ނަމަވެސް އެންމެ އެދެވިގެން ވަނީ ބަލި ނުޖެހޭނެ ފަދަ ގޮތްތަކަށް ވެކްސިން ޖަހާ މީހުން ވެސް އުޅުމެވެ.

"ވޭރިއެންޓުތަކުގެ ނުރައްކާ ބޮޑުވަމުން ދިޔަޔަސް މިހާތަނަށް އެނގޭ އެއްޗަކީ، ވޭރިއެންޓްތައް ފެންނަ ގައުމުތަކުގައި ވެސް، އެއްވެސް ވައްތަރެއްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރި އެކަކުވެސް މިހާތަނަށް ބޮޑަށް ބަލިވެ، އެނދުމަތިކޮށް ނުވަތަ ނިޔާވެފައިި ނެތްކަން، ވެކްސިން ޖައްސަވާ!،" ކުޑަކުދިންގެ ހާއްސަ ޑރ. އަހްމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައި ވެއެވެ.

ފައިސަލް އެހެން ވިދާޅުވިއިރު ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޑޮކްޓަރުން ދެއްކީ މި ވާހަކަ އެވެ. އެއީ ވެކްސިން ޖެހުމަށް ފަހު ކޮވިޑުގެ އާ ވޭރިއެންޓުގެ ސަބަބުން ބަލިވި ނަމަވެސް ބޮޑުވަރު ނުވާނެ ކަމެވެ. އެހެންކަމުން ސަމާލުކަން ދޭންވީ ކަމަކީ ވެކްސިނަކަށް ރައްކަލެއް ކަމަށް ދެކި އަވަހަށް ވެކްސިން ޖެހުމަށެވެ. ހަމަ އެއާއެކު އެޅެން އޮތް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅަކަށް ފުރިހަމައަށް އަމަލުކޮށް އަމިއްލަ ނަފްސާއި އެހެން މީހުން މި ބަލިން ރައްކާތެރި ކުރުމެވެ. 

ވެކްސިން ޖެހުމުގެ މުހިއްމު ކަމާއެކު ސިއްހީ ފަރާތްތަކުން ދެން އެންމެ ބޮޑަށް މިހާރު ފާހަގަކުރަމުންދާ ކަމަކީ ތިންވަނަ ރާޅުގެ ނުރައްކަލެވެ. ކޮވިޑާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ބުނެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަލާލުކަން ދިނުމެއް ނެތި އެއްބަޔަކު އުޅެމުން ދާއިރު، އެފަދަ މީހުންގެ އަމަލުތަކުން މި ބަލީގެ ހައި ރިސްކު މީހުންގެ ފުރާނަ ދަނީ މެދުކެނޑުމެއް ނެތި ނުރައްކަލަށް ހުށަހެޅެމުންނެވެ. ތިންވަނަ ރާޅުގެ ނުރައްކާ އަންގައިދޭ އެއް ހެއްކަކީ މި އަހަރުގެ މިހާތަނަށް މި ބަލީގައި އަށް މީހަކު މަރުވެފައި ވުމެވެ. އޭގެ ތެރެއިން ފަސް މީހުން މަރުވީ މި ހިނގަމުންދާ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. 

your imageކޮވިޑުގެ ތަފާސްހިސާބު އަންގައިދޭ އެޗްޕީއޭގެ ގްރާފު--

މަރުވި މީހުންގެ ޖުމްލަ އަދަދު 57 އަށް އަރާފައި ވާއިރު، ކުއްލިއަކަށް މަރުވާ ރޭޓު މަތިވުމަކީ ބަލީގައި ބޮޑުވަރުވާ މީހުން އިތުރުވަމުންދާކަން އަންގައިދޭ ކަމެކެވެ. ފަހަރުގައި މިއީ އާ ވޭރިއެންޓުގެ އަސަރު ކަމަށް ވެސް ވެދާނެ އެވެ. ބަލި ޖެހޭ މީހުންގެ އަދަދުތައް އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 100 އިން މައްޗަށް އަރާފައި ވާއިރު، އޭގެ ސަބަބުން ސިއްހީ ފަރާތްތައް މި ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ. ބަލި މީހުންނަށް ފަރުވާ ދެވޭ ވަރު އެނދު ހުރި ނަމަވެސް ޑޮކްޓަރުންނާއި ނަރުހުން މަދުވެދާނެ ކަމުގެ ބިރު އަނެއްކާވެސް ހީވާން ފަށައިފި އެވެ.

"އަޅުގަނޑުމެންނަށް ބެޑް އިތުރަށް ގެނެވިދާނެ. ހުޅުމާލެ ފެސިލިޓީއަށް ވެސް 240 ގެ ބަދަލުގައި 300 ބެޑު ވެސް ޖެހިދާނެ. 350 ބެޑު ވެސް ޖެހިދާނެ. އެކަމަކު ފަރުވާދޭނެ ޑޮކްޓަރުން އަޅުގަނޑުމެން އެވަރަށް ހޯދާނީ ކޮންތާކުންތޯ؟ ޑޮކްޓަރުންނާއި ނަރުހުންނެއް ނުލިބޭނެ،" ޑރ. އަލީ ލަޠީފު ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ސިއްހީ ފަރާތްތަކަށް ލޯޑު ބޮޑުވަމުން ދާއިރު ކޮވިޑުގެ ކޭސްތައް އަދިވެސް ދަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އެހެންކަމުން އެޗްޕީއޭއިން އެންމެ ފަހުން މި ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފަ އެވެ. ލޮކްޑައުނަކަށް ދިޔުމަށް ބައެއް ފަރާތްތަކުން ގޮވާލި ނަމަވެސް ދިވެހި މުޖުތަމައުގެ ހާލަތަށް ބަލާއިރު މިއީ އެންމެ އެދެވޭ ގޮތް ކަމަށް ނުފެނެ އެވެ. ލޮކްޑައުންގައި އެތައް ބަޔެއްގެ ވަޒީފާ ގެއްލި، އާމްދަނީ ލިބޭނެ ގޮތެއް ނެތި ވަނީ ހާލުގައި ޖެހި މަގުމަތިވެފަ އެވެ. އެއީ ދިވެހިން އަލުން ދެކެން ބޭނުން ވާނެ ދުވަހެއް ނޫނެވެ. އެހެންކަމުން އޮތް ހަމައެކަނި ހައްލަކީ ފިޔަވަޅުތަކަށް ފުރިހަމައަށް ބޯލަނބާ، ފަރުދީ ޒިންމާ އަދާ ކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް