ads
ފޮޓޯ: ޖެންޑާ މިނިސްޓްރީ
އައްޑޫގައި ހާލުގައި އުޅޭ މީހުންނަށް ކެއާ ޕެކޭޖު ފޮނުވަން ފަށައިފި
އައްޑޫ ސިޓީ މޮނިޓަރިން ހާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކުހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި މަހުގެ 11 ގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން އައްޑޫ ސިޓީގެ ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، އެ ފަރާތްތަކަށްގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއާ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބުނެ އެވެ. 

އެ މަސައްކަތުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގައި މިހާރު އޮތް މޮނިޓަރިން ހާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ސިއްހީ ހާލަތްތަކުގައި އެފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެ މަސައްކަތުގެ ތެރެއިން ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ސެނިޓައިޒާ، މާސްކް، އަންގި ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން ގާތްގަނޑަކަށް 50 ކެއާ ޕެކޭޖަސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާއިރު އެ މަސައްކަތުގައި އައްޑޫ ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފުންނާއި ދިވެހި ރެޑްކްރެސެންޓްގެ އައްޑޫ ސިޓީ ގޮފީގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ފުވައްމުލައް ސިޓީ މޮނިޓަރިން ހާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކުހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް