ads
ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން
މާލޭގައި މޯބައިލް ވެކްސިނޭޝަންގެ ހިދުމަތް ތައާރަފުކޮށްފި
ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް ކުރާ މަސައްކަތުގެ ދަށުން، މާލޭގައި މޯބައިލް ވެކްސިނޭޝަންގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ރާއްޖޭގައި މޯބައިލް ވެކްސިނޭޝަންގެ ހިދުމަތް ތައާރަފުކޮށްފައިވަނީ އެޗްޕީއޭއާއި، ދަމަނަވެއްޓާއި، ދިވެހި ރެޑް ކްރެސެންޓް ގުޅިގެން ކަމަށެވެ.

އެގޮތުން އެ ހިދުމަތުގެ ދަށުން ރެޑް ކްރެސެންޓުގެ ޓީމްތައް ގޭގައަށް ގޮސް އުމުރުން ދުވަސްވީ މީހުންނަށާއި، އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިމްޔާ ވިދާޅުވިއެވެ. އަދި އެ ހިދުމަތަށް ރަޖިސްޓްރީވާން ޖެހޭނީ ދަމަނަވެށި މެދުވެރިކޮށް ކަމަށް ވެސް ހިމްޔާ ވަނީ ވިދާޅުވެފަ އެވެ.

މި މަސައްކަތުގައި ރެޑް ކްރެސެންޓުން އަދާކޮށްދޭ ދައުރަކީ ވެހިކަލް ސާވިސްއާއި، ޕޭޝަންޓް ޓްރާންސްޕޯޓް ޓީމްގެ ދަރުމަވެރިން ފޯރުކޮށްދޭ އެހީތެރިކަން ކަމަށް ވެސް ހިމްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ހިމްޔާ ވިދާޅުވީ، މާލޭ ސަރަހައްދުގައި ވެކްސިންގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެ ޖަމްއިއްޔާގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. 

އެގޮތުން މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ރެޑް ކްރެސެންޓްގެ ދަރުމަވެރިން ސޯޝަލް ސެންޓަރުގައި ރަޖިސްޓްރޭޝަންގެ ކަންކަމުގައާއި އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކަށް ފަރުވާކުރާ މީހުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާ ކަމަށް ހިމްޔާ ވިދާޅުވިއެވެ. އަދި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އެމްބިއުލާންސްގެ ހިދުމަތް ވެސް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަމިއާއެކު މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި، ޅ. ހިންނަވަރުގައި ވެސް ރެޑް ކްރެސެންޓްގެ ޓީމްތައް ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ ކަންކަމުގައި ހަރަކާތްތެރިވަމުންދާކަން ހިމްޔާ ފާހަގަކުރެއްވިއެވެ. އަދި މާލޭގައި މޯބައިލް ވެކްސިނޭޝަންގެ ހިދުމަތް މިހާރު ދޭން ފަށާފައިވާއިރު، އަތޮޅުތަކުގެ ބައެއް ރަށްރަށުގައި، އެ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން އަންނަނީ ގޭގެއަށް ޒިޔާރަތްކޮށް، ގޭބިސީތަކުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި، އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށް ހިމްޔާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދޭން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އަދި މިހާތަނަށް ތިރީސް ހާހަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯސް ޖަހާފައެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް