ads
އައިއޯއައިޖީގެ ތެރެއިން (ޓީޓީ) ފޮޓޯ:އެމްއޯސީ
ކުޅިވަރުގެ ދާއިރާއަށް ރައީސްގެ އިލްތިމާސް: އެހީވެދީ!
ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބައްޔާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މިދަނޑިވަޅުގައި، އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމުގައި ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ކިބައިން އެދިވަޑައިގަންނަވައިފި އެވެ.

އެ މަނިކުފާނު މިކަމަށް ގޮވައިލެއްވީ، ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބްތަކުގެ ބައެއް އިސް ބޭފުޅުންނާއެކު އިއްޔެ މެންދުރުފަހު ރައީސްގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކުޅިވަރުގެ ފަންނުވެރިން، އަދި ހާއްސަކޮށް ޢާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކުޅިވަރު ކުޅުންތެރިންނަކީ، ރައްޔިތުންގެ އިޙުތިރާމާއި ގަދަރު ލިބިފައިވާ ބައެއް ކަމަށެވެ އެހެންކަމުން، ސިއްހީ ހިދުމަތްތެރިންނެކޭ އެއް ފަދައިން އެ ބޭފުޅުންނަށް ވެސް، ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ ގައިދުރުކަމާއި، މާސްކު އެޅުމާއި، އާންމު ސާފުތާހިރުކަމުގެ އަމަލުތަކަށް އާންމުން ހޭލުންތެރިކޮށް، ނަމޫނާ ދެއްކުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ވެކްސިން ޖެހުމަށް އާންމުންނަށް ބާރު އެޅުމަށް ވެސް އެ ބޭފުޅުންގެ ކިބައިން ރައީސް ސޯލިހް އެދިވަޑައިގެންނެވިއެވެ.

އެބައްދަލުވުމުގައި ކުލަބުތައް ތަމްސީލުކުރައްވާ ބޭފުޅުން ވަނީ، ދިވެހި ފުޓުބޯޅަ ލީގުގެ މެޗުތައް އަލުން ފެށުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުންގެ ހިޔާލުތައް ރައީސް ސޯލިހް އާއި ހިއްސާ ކުރައްވާފައެވެ. އަދި، އެކަމުގައި ހުރި ގޮންޖެހުންތަކާއި، އެ ކަންކަން ހައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ކުލަބުތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ވާހަކަ ވެސް އެ ބޭފުޅުން ރައީސް ސޯލިހްއާއި ހިއްސާ ކުރެއްވިއެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ގުޅުންހުރި ވުޒާރާތަކާއި މަޝްވަރާކުރައްވާ، ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ. އޭގެ އިތުރުން އެ މަނިކުފާނު ވަނީ ކުޅުންތެރިންނެކޭ އެއް ފަދައިން، ކުލަބުތަކުން ވެސް އިސްނަގައިގެން ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އެހެން މީހުންނަށް ވެސް އެކަމަށް ގޮވާލުމަށް އެދިވަޑައިގަންނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް