ads
އެބޯލާ ފެތުރެން ފެށުމުން ހުޅަނގު އެފްރިކާ އެލާޓަށް!
އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީގައި އެބޯލާ ފެތުރެން ފެށިކަން އާދިއްތަ ދުވަހު އެގައުމުން އާންމު ކުރުމާއެކު، ވެސްޓް އެފްރިކާގެ ގައުމުތައް އެލާޓަށް އައިސްފިއެވެ.

ގިނީއިން ވަނީ އެގައުމުގައި މިހާތަނަށް އެބޯލާގެ ހަތް ކޭސްއެއް ފެނިފައިވާ ކަމަށާއި، މި ބަލީގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ. 

އެގޮތުން އެބޯލާއަށް ޕޮޒިޓިވްވި މި ހަތް މީހުންނަކީވެސް ނަރުހެއްގެ ޖަނާޒާގައި ބައިވެރިވި ހަތް މީހުން ކަމަށް ސީއެންއެންގައި ރިޕޯޓުކޮށްފައިވެއެވެ. މި ހަތް މީހުންގެ ކިބައިންވެސް އެބޯލާގެ އަލާމާތްތައް ކަމަށްވާ ބޭރަށް ހިންގުން، ހޮޑުލުން އަދި ލޭއައުން ފެނިފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މީގެ ތެރެއިން ތިން މީހުން މަރުވެފައިވަނީ ޖަނާޒާއަށް ފަހު، އޭގެ އަނެއް ދުވަހުއެވެ. އަދި މިހާތަނަށް މަރުވި ނަރުސް އެބޯލާއަށް ޕޮޒިޓިވްކަން ކަށަވަރު ނުވާ ކަމަށް ހަބަރުތަކުން ބުނެއެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މި ދަނޑިވަޅުގައި ގިނީއަށް އެހީތެރިވެދިނުމުގެ ގޮތުން ވެކްސިން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. މި ވެކްސިނަކީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ފެތުރުނު އިރު ބަލި ކޮންޓްރޯލް ކުރުމަށް ބޭނުން ކުރި ވެކްސިނެކެވެ.

މީގެ އިތުރުން ގިނީގައި އެބޯލާގެ މި ކޭސްތައް ފެނުނު ސަރަހައްދުގައި އެބޯލާ ޓްރީޓްމަންޓް ސެންޓަރެއް ހުޅުވުމަށް އެގައުމުން ވަނީ ނިންމާފައެވެ. 

ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެ ބޮޑު އެބޯލާ އައުޓްބްރޭކް ފެނިފައިވަނީ 2014 ގައެވެ. އެގޮތުން 2014 އިން ފެށިގެން 2016 އާއި ދެމެދު ގިނީ، ލައިބީރިއާ އަދި ސިއެރާ ލިއޯންގައި މި ބަލި ފެތުރިފައި ވެއެވެ. އޭރު 28،000 މީހުނަށް މި ބަލި ޖެހުނު އިރު، މި ބަލީގައި 11،000 މީހުން ވަނީ މަރުވެފައެވެ.

އަލުން ގިނީގައި މި ބަލި ފެނިފައިވާއިރު، އެގައުމާއި ލައިބީރިއާ އަދި ސެއެރާ ލެއޯން ގުޅޭ ބޯޑަރުތައް ބެލެހެއްޓުމުގައި އިތުރަށް ސަމާލުވުމަށް އެގައުމުތަކުގެ ހެލްތު އޮތޯރިޓީތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް