އަމީރާ ލަތީފާއަކީ ދުބާއީ ނިސްބަތްވާ ޔުނައިޓެޑް އަރަމް އެމިރޭޓްސް (ޔޫއޭއީ) ގެ ނައިބު ރައީސްގެ ދަރިކަނބަލުންނެވެ. އެހެންކަމުން މިކަމުގެ ކަންބޮޑުވުން ޔޫއޭއީއާ ހިއްސާކުރާނެ ކަމަށް އދ. އިން ބުނެފައި ވެއެވެ.
އަމީރާ ލަތީފާ ވަނީ 2018 ވަނަ ގައުމުން ފިލަން މަސައްކަތް ކުރައްވާފަ އެވެ. އެކަމާ ގުޅިގެން ބައްޕާފުޅު ވަނީ އެކަމަނާ "ރަހީނުކޮށްފައި" ކަމަށް ތުހުމަތު ކުރައްވާ ވީޑިއޯއެއް އިއްޔެ ބީބީސީން ވަނީ އާއްމުކޮށްފަ އެވެ.
އެ ވީޑިއޯގައި އަމީރާ ލަތީފާ ވިދާޅުވީ އެކަމަނާގެ ފުރާނައަށް ގެއްލުމެއް ވެދާނެ ކަމުގެ ބިރު އެބަ އޮންނެވި ކަމަށެވެ. އެހެންކަމުން އދ. އިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރުގެ އޮފީހުން ބުނެފައި ވަނީ މި މައްސަލާގައި ޔޫއޭއީއާ ސުވާލުކުރާނެ ކަމަށެވެ. އަދި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރެރީ ޑިޓެންޝަން އިން ތަހުގީގެއް ފަށާނެ ކަމަށް ވެއެވެ.
އަމީރާ ލަތީފާގެ ބައްޕާފުޅަކީ ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރަޝީދު އަލް މަކްތޫމް އެވެ. އެމަނިކުފާނަކީ ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެރޭގައި ހިމެނޭ ވެރިއެކެވެ.
ދުބާއީއަކީ އިގްތިސާދީ ގޮތުން ކާމިޔާބު ސިޓީއެއް ނަމަވެސް އެތަނުގައި އިންސާނީ ހައްގުތައް، ވަކިން ހާއްސަކޮށް އަންހެނުންގެ ހައްގުތައްދުބާއީގ ވަނީ ހިފެހެއްޓިފައި ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެ އެވެ.
އެކުވެރިންގެ އެހީތެރިކަމާއެކު އަމީރާ ލަތީފާ ދުބާއީއިން ފިލަން މަސައްކަތް ކުރީ 2018 ގައެވެ. އެކަމަނާ ބޭނުންވެވަޑައިގެންނެވީ މިނިވަންކަމާއެކު އުޅެވޭނެ ގޮތެއް ހޯދުމަށެވެ.
އެކަމަނާ ފިއްލެވިތާ ދުވަސްތަކެއް ފަހުން ޔޫއޭއީގެ އަސްކަރީ ސިފައިން އެކަމާ ހޯދާ ހައްޔަރު ކުރީ އިންޑިއާ ކަނޑުގައި ބޯޓެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ.
އޭގެ ފަހުން ދުބާއީއަށް ގެންގޮސް އަދިވެސް ހުންނެވީ އެތަނުގަ އެވެ. ބައްޕާފުޅު ވިދާޅުވެފައި ވަނީ އަމަލު ކުރަމުން ދަނީ އަމީރާ ލަތީފާއަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.
އަމީރާ ލަތީފާގެ އިތުރުން އެކަމަނާގެ ދޮން މަންމަ އަމީރާ ހާޔާ ބިންތު އަލް ހުސެން ވެސް ވަނީ ދުބާއީ ފިއްލަވާ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އެތަނުގައި އެކަމަނާ ހުންނަވަނީ ދެ ދަރިންނާ އެކު އެވެ.