ރައީސް ނަޝީދު އަދި ބައްސާމް
އޭއެފްސީ އިންތިހާބުގައި މާޔަންއަށް ހުރަސް އެޅީ އެފްއޭއެމުން: ރައީސް ނަޝީދު
Share
އެފްއޭއެމްގެ ނޮމިނީއެއްގެ ގޮތުގައި އޭއެފްސީގެ އެކްސްކޯގެ ސައުތު ގޮނޑިއަށް ވާދަކުރި ދިވެހި ކުޅިވަރު ޝަޚްސިއްޔަތު މާޔަން މުހައްމަދަށް އެންމެ ބޮޑަށް ހުރަސް އެޅީ އެފްއޭއެމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ކުޅިވަރު ތެރޭގައި އޮތް ކޮރަޕްޝަނާ، ތަފާތުކުރުންތައް، މާޔަން މުހައްމަދުގެ ފަރާތުން ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ހިއްސާކޮށްފައެވެ. މާޔަން މި ކަންކަން ހިއްސާ ކުރީ މަޖިލީހުގެ އިދާރާގައި އިއްޔެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުމުގައި މާޔަން ދެއްކި ވާހަކަތަކާ ހަވާލާ ދެއްވައި މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މާޔަންއަށް އިންތިޚާބުގައި އެންމެ ބޮޑަށް ހުރަސް އެޅީ އެފްއޭމުން ކަމަށެވެ. އަދި މިކަން މަޖިލީހުން ބައްލަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އޭނާ ތަމްސީލު ކުރީ އެފްއޭއެމް. އެތަނުގެ ވެރިން އޭނާގެ އިންތިޚާބަށް، އޭނާ އިންތިޚާބުވުމަށް ހުރަސް އެޅިކަމަށް އޭނާ ކުރާ ޝަކުވާ. އޭނާ ދިޔައީ އެފްއޭއެމްގެ ފަރާތުން އެގްޒެކެޓިވް ކޮމިޓީއަށް ކެންޑިޑޭޓެއްގެ ގޮތުގައި. އެހެންނަމަވެސް އޭނާއަކަށް އެފްއޭއެމްގެ އެއްބާރުލުމެއް ލިބިފައިވާ ކަމަކަށެއް އޭނާ ސާފުކޮށްދީފައެއް ނުވޭ. އަޅުގަނޑު މި އެދެނީ އިޖުތިމާއީ ކޮމިޓީން މިކަން ހިނގާފައި އޮތް ގޮތެއް ބައްލަވައި ދިނުމަށް."

މާޔަންއަކީ، ދާދި ފަހުން އޭއެފްސީގެ އިންތިހާބުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެ ފެޑެރޭޝަނާ ދެކޮޅަށް ދުނިޔޭގެ ކުޅިވަރުގެ އެންމެ މަތީ ކޯޓް، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި ދައުވާ އުފުލައި އެ ދައުވާ ކާމިޔާބުކޮށްފައިވާ ދިވެހި ކުޅިވަރުގައި ފާހަގަކޮށްލެވޭ އަންހެން ޝަހްސިއްޔަތެކެވެ. މާޔަންވަނީ އޭއެފްސީގެ އިންތިޚާބުގައި ހިނގައިދިޔަ ކަންކަން ސްޕޯޓްސް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅައި، އެ މައްސަލަ ކާމިޔާބުކޮށްފައެވެ. 

މާޔަން ހުށަހަޅާފައިވަނީ ދެހާސް ނަވާރަވަނަ އަހަރު އޮތް އޭއެފްސީ އެކްސްކޯގެ ސައުތު ގޮނޑިއަށް މާޔަންއާ ވާދަކުރި ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަންއަށް އެ އިންތިހާބު ކާމިޔާބުކޮށްދޭން، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުއްވި މައްސަލައެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް