ads
މާރިޔާ އަހުމަދު ދީދީ--
ކަނޑުމަތީގެ ސަލަމާތްތެރިކަމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ: މާރިޔާ
ދިވެހިރާއްޖޭގެ ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓާ މާރިޔާ މިހެން ވިދާޅުވެފައިވަނީ ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގައި ޓްރެއިނިން ފެސިލިޓީއެއް ބިނާކުރުމާ ބެހޭގޮތުން، ޖަޕާނާއި ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ދެމެދު، އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރުމަށް މިއަދު މެންދަރުފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން، ކަނޑުފޭރުމާއި، މަސްކަނޑުތަކުން ވައްކަންކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި ފަދަ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް އިތުރުވެފައިވާކަން ފާހަގަކުރައްވައި، މިނިސްޓާ މާރިޔާ ވިދާޅުވީ، 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިފައިވާ ދިވެހިރާއްޖޭގެ ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަމާއި އަމާންކަން އިތުރަށް ވަރުގަދަކޮށް، ކަށަވަރުކުރުމަކީ، ރައީސް ސޯލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

ޖަޕާނަކީވެސް ޖަޒީރާ ގައުމެއްކަން ފާހަގަކުރައްވާ މިނިސްޓާ މާރިޔާ ވިދާޅުވީ، ދެގައުމުގެ ގުޅުމަކީ އެއް ޖަޒީރާ ގައުމުން އަނެއް ޖަޒީރާ ގައުމަށް އެހީވެދިނުމުގެ ރީތި މިސާލު ރަަމްޒުކޮށްދޭ ގުޅުމެއް ކަމަށެވެ. އަދި ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްގީގައި ވަރަށް މުހިންމު އަދި އެހާމެ ގާތް ބައިވެެރިއެއްކަމަށާއި މިއަދު ދިވެހި މުޖްތަމައުގެ ހުރިހާ ދާއިރާއެއްގައިވެސް، ޖަޕާނުގެ އެހީތެރިކަމާއި އޯގާތެރިކަމުގެ ހެކިތައް ފެންނަން ހުރިކަމަށް މިނިސްޓާ މާރިޔާ ވިދާޅުވިއެވެ.

އެމްއާރުސީސީ އަކީ ކޯސްޓް ގާޑުގެ "ސާޗް އެންޑް ރެސްކިޔު" އޮޕަރޭޝަންތައް ވިލަރެސްކުރާ މައި މަރުކަޒުކަން ފާހަގަކުރައްވައި މިނިސްޓާ މާރިޔާ ވަނީ، އެ ޓްރެއިނިން ފެސިލިޓީގެ ސަބަބުން، ގިނަ އަދަދެއްގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވެ، ކޯސްޓް ގާޑުގެ ގާބިލްކަން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. 

ރާއްޖެއަށް ބޭނުންތެރި މިފަދަ މަޝްރޫއުތަކާއި ތަމްރީނު ޕްރޮގްރާމްތައް ރާވައި، ހިންގައި އަދި އެކަމަށް މަގުފަހިކޮށްދިނުމުގައި ޔޫއެންއޯޑީސީން އަދާކުރާ މުހިންމު ދައުރަށްޓަކައި، އެއިދާރާއަށް މިނިސްޓާ މާރިޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި މިދިޔަ އޯގަސްޓްމަހު، ޖަޕާނުގެ އެހީތެރިކަމާއެކު، ޔޫއެންއޯޑީސީން މެދުވެރިވެގެން، އެމްއާރުސީސީއަށް ހަދިޔާކުރި ފަންނީ އާލާތްތަކުގެ ސަބަބުން، އެސެންޓަރުގެ މަސައްކަތަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މިނިސްޓާ ވަނީ، އެމުހިންމު މަޝްރޫއަށް ހަރަދުކުރައްވާ ޖަޕާނު ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އާއި، ޔޫއެންއޯޑީސީގެ ކްރައިމް ޕްރިވެންޝަން އެންޑް ކްރައިމް ޖަސްޓިސް އޮފިސާ އޮފް ދަ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް މަސަޓޯމޯ ޔަމަގޫޗީއާއި، ސްޓޭޓް މިނިސްޓާ ފޯ ފޮރިން އެފެއާސް އަހްމަދު ހަލީލާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް