ads
އަރުޝަދު ހާލިދު---ފޮޓޯ:ފުލުހުން
އަރުޝަދު ދޫކޮށްލީ އެދެވޭ ހެކި ނެތުމުން!
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށްފައިވާ އަރުޝަދު ހާލިދު ބަންދުން ދޫކޮށްލީ އެދެވޭ ހެކި ނެތުމުންކަން ކްރިމިނަލް ކޯޓުގެ އަމުރުން ހާމަވެއްޖެ އެވެ.

އަރުޝަދުގެ ބަންދު ރިވިއު ކުރުމަށް ބޭއްވި އަޑުއެހުމުގައި ގާޒީގެ ނިންމި ނިންމުމުގެ ކޯޓު އަމުރު މިއަދު އެ ކޯޓުން ވަނީ އާންމު ކޮށްފައެވެ. 

މި އަމުރުގައިވާ ގޮތުން މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު އަމުރު ބާތިލު ކުރި ސަބަބުގެ ގޮތުގައި ނުވަ ކަމެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބެހެއްޓޭނީ ދެ ކަމެއް ފުރިހަމަ ވުމުން ކަމަށާއި، އެއީ ތުހުމަތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރުމާއެކު ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާން ކުރާ ފަދަ ސަބަބެއް ވުޖޫދުގައި ވާކަމަށް ފަނޑިޔާރަށް ގަބޫލު ކުރެވޭ ކަމަށް ވާނަމަކަން ފާހަގަ ކޮށްފައިވެއެވެ. 

ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ވަނީ ކުށްކުށަށް ތުހުމަތު ކުރެވޭ މީހުން މިނިވަން ކުރުމަށް ބަލާ ކަންކަން ފާހަގަ ކޮށްފައެވެ. އެގޮތުން އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކާ، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކާ، ނުވަތަ ފިލައިފާނެ ކަމަށްޓަކާ، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކާ މެނުވީ އެއްވެސް މީހަކާ މެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަން މި މާއްދާގައިފާހަގަ ކޮށްފައިވެއެވެ. 

މީގެ އިތުރުން ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. މިގޮތުގެ މަތިން އަރުޝަދު ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކޮށްފައެވެ.  

ގާޒީ ވަނީ މިފަދަ މައްސަލައެއް ބަލާއިރު، ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމަކީ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށާއި އެމީހަކާ ގުޅުވައިދޭ ކޮންމެވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުރުންކަން ފާހަގަ ކުރައްވާފައެވެ. އަދި މި މައްސަލައިގައި ޝަރީއަތް ނިމެންދެން އަރުޝަދު ބަންދުކޮށް، ގިނަ ދުވަސްތަކެއް ވަންދެން އޭނާ ބަންދުގައި ބަހައްޓާފައިހުރީ އެކި ފަރާތްތަކުން ފުލުހުންނަށް ދީފައިވާ ތަހުގީގު ބަޔާންތަކަށް ރިއާޔަތް ކޮށްކަމަށް ކޯޓުން އާންމުކޮށްފައިވާ އަމުރުގައި ވެއެވެ.

ނަމަވެސް މި މައްސަލައިގައި ހެކިބަސްދީފައިވާ ފުލުހުންގެ އޮފިސަރުން އަރުޝަރު ދިރިއުޅޭތަނުން ނުވަތަ އޭނާގެ "ހިޔާޒަތުން" އެއްވެސް މަސްތުވާއެއްޗެއް ނުވަތަ ސީދާ ގުޅުން ހުރި އެއްޗެއް ފެނިފައި ނުވާކަމަށް ބުނެފައިވާކަން މި އަމުރުގައި ފާހަގަ ކޮށްފައިވެއެވެ. އަދި މި މައްސަލައިގައި އަރުޝަދާ ދެކޮޅަށް ހެކީގެގޮތުގައި ހުށަހަޅާފައިވާ މޯބައިލް ފޮރިންސިކް ރިޕޯޓުގައި ސީދާ މަސްތުވާތަކެތީގެ ވާހަކައެއް ނެތް ކަމަށާއި، އެ ރިޕޯޓުގައި ހުރީ ނުސީދާ ހެކިތަކެއް ކަމަށް ޕީޖީގެ ފަރާތުން މި މައްސަލައިގެ އަޑުއެހުމެއްގައި ފާހަގަ ކޮށްފައިވާކަން ގާޒީ ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން އަރުޝަދާ ދެކޮޅަށް ހުށަހަޅާފައިވާ ވަރަށް މުހިއްމު ހެއްކެއް ކަމަށް ދައުލަތުން ބުނަމުން ދިޔަ ފަރާތެއް، ޝަރީޢަތުގެ މަޖިލީހަށް ހެކިބަސް ދޭން ބޭނުން ނުވާކަމަށް ބުނެ، އޭނާ ފުލުހުންނަށް ބަޔާންދީފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ހުރެކަމަށް ބުނެ، ފުލުހުންނަށް ދިން ބަޔާނަށް އިންކާރުކޮށްފައިވާކަން ގާޒީ ފާހަގަ ކުރައްވާފައިވެއެވެ. 

މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމަށް ޝަރީއަތުން ނިންމި ނިންމުމަށްފަހު، މައްސަލައިގަިއ ގިނަ ހެކިންގެ ހެކިބަސް ނަގައި ނިމުމުން މި މައްސަލައިގެ ހާލަތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އަލުން ހެއްކާއި ގަރީނާ ވަޒަން ކުރަން ޖެހިފައިވާ ކަމަށް ގާޒީ ފާހަގަ ކުރައްވާފައިވެއެވެ. އަދި މިގޮތުގެ މަތިން ހެއްކާއި ގަރީނާ ވަޒަން ކުރި އިރު އަރުޝަދުގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ޝަރީއަތަށް ނުފެންނަކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ މި ނިންމުމަކީ މިފަދަ، ދާދިއެއް ހެކިތަކެއް ހުރި މައްސަލައެއްގައި ޕީޖީން އަމަލު ކުރި ގޮތަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެއެވެ. 

ފުލުހުންގެ ޑްރަގް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން 31 ޖަނަވަރީ 2020 ފެށިގެން ހަތެއް ފެބްރުވަރީ 2020 އާ ހަމައަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންތަކެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

އެގޮތުން 10 ގެއަކާއި ވެހިކަލްތަކެއް ބަލައިފާސްކޮށް ނުވަ ކިލޯ ހެރޮއިންއާއި، ހަތަރު ގްރާމް ކޮކޭން އަދި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދާފައިވެއެވެ. 

މި މައްސަލައިގައި މިދިޔަ އަހަރުގެ މާޗް މަހު ޕީޖީން ދައުވާ ކުރަން ފޮނުވާފައިވަނީ ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ހާލިދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ހަމަ އެރަށު ގުލޭނޫރެންމާގެ އަލީ ޒުބައިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކުރުމަށެވެ. 

އެދެމީހުންގެ އިތުރުން އެރަށު އިރުމަތީގެ އަހުމަދު ސުނައިނުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި ހޯނޑެއްދޫ މެޑްރިޓްހައުސް އަހުމަދު ގިޔާސްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކުރުމަށް ޕީޖީން ހުށަހެޅިއެވެ.

އޭގެ އިތުރުން މއ. ވައިލެޓްމާގެ އަސްލަމް ނާޒިމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ލ. ކަލައިދޫ، މަތަރަސްމާގެ ހުސައިން ޒަހީންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އަދި މ. ދާރުލްގަރާރު އިސްމާއީލް ވިޝާލްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ޕީޖީން ހުށަހެޅި އެވެ.

އަދި ޕީޖީން ވަނީނީ ޅ. ނައިފަރު، މިސްކިތްދޮށުގެ އަހުމަދު އިމްސާހުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައެވެ. 

މި މައްސަލައިގައި އެންމެ ފުރަތަމަ އަރުޝަދު ހައްޔަރު ކޮށްފައި ބަންދުގައި ބެހެއްޓުމަށްފަހު، ބަންދު ރިވިއު ކުރުމަށް މިދިޔަ އަހަރު މާޗް މަހު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުކޮށް އަރުޝަދު ބަންދުން ދޫކޮށްލާފައެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ވަނީ އަރުޝަދު ދޫކޮށްލި މައްސަލަ ރިވިއު ކުރުމަށް ޕީޖީގައި އެދިފައެވެ. އަދި އެ މައްސަލަ ރިވިއު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ އަރުޝަދުގެ ބަންދަށް 10 ދުވަސް ޖަހާ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް